ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި، އަޅާ އާ ރަންވޭގެ އަމަލީ މަސައްކަތް ރައީސް އަބްދުﷲ ޔާމީން ފައްޓަވައި ދެއްވައިފި އެވެ.
ހޯމަ ދުވަހު އޮތް ޚާއްސަ ރަސްމިއްޔާތެއްގައި ރައީސް ޔާމިން ފައްޓަވައިދެއްވި އާ ރަންވޭ އަކީ400 މިލިއަން ޑޮލަރު ހަރަދުކޮށްގެން އަޅާ ރަންވޭ އެކެވެ.
އެއާޕޯޓުގެ އާ ރަންވޭ އަކީ ޗައިނާ އެގްޒިމް ބޭންކުގެ ލޯނު އެހީގައި އަޅާ ރަންވޭއެކެވެ. އަދި މި މަސައްކަތް ޙަވާލުކޮށްފައިވަނީ ޗައިނާގެ އެންމެ ބޮޑު އެއް ކޮންސްޓްރަކްޝަން ކުންފުންޏާއެވެ.
ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާ ޙަވާލުކޮސްގެން އަޅާ މި ރަންވޭ އަކީ 3،400 މީޓަރު ދިގު އަދި 60 މީޓަރު ފުޅާ އާ ރަންވޭއެކެވެ.
އާ ރަންވޭގެ އަމަލީ މަސައްކަތް ފެއްޓެވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީނާއި ވަޒީރުން އަދި މަޖްލީހުގެ ބޭފުޅުންގެ އިތުރުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ އިސްވެރިން ބައިވެރިވަޑައިގަތެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭގެ މަޝްރޫޢު އެކުލަވާލާފައިވަނީ އެންމެ ބޮޑެތި މަތިންދާބޯޓު ކަމަށްވާ އެއާބަސް އޭ 380 މަރުކާގެ ބޯޓު ވެސް ޖެއްސޭ ގޮތަށެވެ.
އާ ރަންވޭ ހެދުމުގެ އިތުރަށް މިއަދު ފެށި މަޝްރޫއުގައި 45 މިލިއަން ލީޓަރުގެ ތެޔޮ ރައްކާކުރެވޭ ފިއުލް ފާމެއް ހެދުމާއި 120،000 ޓަނުގެ މުދާ ގުދަންކުރެވޭ ވަރުގެ ތަނެއް ހަދާނެ އެވެ.
ރަންވޭ އިފްތިތާހުކުރުމަށް އެއާޕޯޓްގައި ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ވެލާނާ އެއާޕޯޓަކީ ދުނިޔޭގެ އެންމެ ރީތި އެއާޕޯޓްތަކުގެ ތެރޭގައި ހިމެނިގެންދާނެ އެއާޕޯޓެއް ކަމަށެވެ. މި އެއާޕޯޓު ދިވެހިންގެ އެއާޕޯޓަކަށް ހަދައިދެއްވީ ރައީސް ޔާމީން ކަމަށް މިނިސްޓަރު ސައީދު މިއަދު ވިދާޅުވި އެވެ. ނަމަވެސް، ފ. އަތޮޅު ސައުދީ އަރަބިއްޔާ އަށް ވިއްކާލުމަށް ރާވާފައިވާ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފަ އެވެ.