Advertisement
ކ. މާލެ
|
13 މެއި 2019 | ހޯމަ 19:05
ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އާއި ރުމޭނިއާގެ ހާރިޖީ ވަޒީރު މެލެސްކާނު އެމްއޯޔޫގައި ސޮއިކުރަނީ
ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އާއި ރުމޭނިއާގެ ހާރިޖީ ވަޒީރު މެލެސްކާނު އެމްއޯޔޫގައި ސޮއިކުރަނީ
ހާރިޖީ ވުޒާރާ
ޝާހިދުގެ ރުމޭނިއާ ދަތުރުފުޅު
ރުމޭނިއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ޝާހިދު ފުރާވަޑައިގަންނަވައިފި
ރުމޭނިއާގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރާއި ހާރިޖީ ވަޒީރު އަދި ސަރުކާރުގެ ބައެއް އިސްވެރިންނާ ބައްދަލުކުރެއްވި
"ކޮންސަލްޓޭޝަން އެންޑް ކޯޕަރޭޝަން މެކެނިޒަމް" ގާއިމްކުރުމަށް އެއްބަސްވުމެއްގައި ސޮއިކުރެއްވި

ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ރުމޭނިއާއަށް ކުރެއްވި ހަތަރު ދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، ބުކަރެސްޓުން ފުރާވަޑައިގަންނަވައިފިއެވެ.

މި ދަތުރުފުޅުގައި ވިޔަފާރި، ތައުލީމް، ފަތުރުވެރިކަން، ޑިޒާސްޓަރ ރިސްކް މެނޭޖްމަންޓް އަދި ދިފާއި ކަންކަމުގައި ވާގިވެރިވުމުގެ ދާއިރާތަކުން ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވެއެވެ.

މިނިސްޓަރ ޝާހިދުގެ ދަތުރުފުޅުގައި އެ ގައުމުގެ ސަރުކާރުގެ އިސް ފަރާތްތަކާއި ބައެއް މުއައްސަސާތަކުގެ އިސް ފަރާތްތަކާއި ބައްދަލު ކުރައްވާފައިވެއެވެ. އެގޮތުން ހުކުރު ދުވަހު ޝާހިދު ވަނީ އެ ގައުމުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަނާ ބާކޯލްއާ ބައްދަލުކުރައްވާ، ދެ ގައުމުގެ އިސްކަންދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވެއެވެ.

ރުމޭނިއާގެ ހާރިޖީ ވަޒީރު ޓިއޯޑޯ މެލެސްކާނޫއާ އެކު ބޭއްވެވި ބައްދަލު ކުރެއްވުމުގައި ދެ ގައުމުގެ ހާރިޖީ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް "ކޮންސަލްޓޭޝަން އެންޑް ކޯޕަރޭޝަން މެކެނިޒަމް" އެއް ގާއިމްކުރުމަށް އެއްބަސްވުމެއްގައި ސޮއި ކޮށްފައިވެއެވެ. ހާރިޖީ ވަޒީރު މެލެސްކާނުގެ އިތުރުން އެ ގައުމުގެ ސެކްޓްރީ އޮފް ސްޓޭޓް، މިނިސްޓްރީ އޮފް އިންޓާނަލް އެފެއަރޒް ރާއިދް އަރަފާތާ އެކުވެސް ޝާހިދު ބައްދަލު ކުރައްވާފައިވެއެވެ.

މީގެ އިތުރުން އެ ގައުމުގެ ސެކެޓްރީ އޮފް ސްޓޭތް ފޯ ބިޒްނަސް އެންވާރަމަންޓް މިކެއިލާ ވޮއިސިލާއާ އެކު ވިޔަފާރީގެ ފުރުސަތުތަކާއި ބެހޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ. އެ ބައްދަލުކުރެއްވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައި ޝާހިދު ވިދާޅުވީ ރުމޭނިއާގެ ވިޔަފާރިވެރިން ރާއްޖެއާ ގުޅިގެން މަސައްކަތްކުރުމުގެ ޝައުގުވެރިކަން ހުރުމުން އުފާކުރައްވާ ކަމަށެވެ.

މި ދަތުރުފުޅުގައި މިނިސްޓަރ ޝާހިދު ރުމޭނިއާގެ މުސްލިމް ޖަމާއަތުގެ އެންމެ އިސްފަރާތް ކަމުގައިވާ ގްރޭންޑް މުފްތީ ޔޫސުފް މުއްރަތު ރޯދަވީއްލަން ދެއްވި ދައުވަތެއްގައި ބައިވެރިވެވަޑައިގެންފައިވެއެވެ. ރުމޭނިއާގެ ވެރިރަށް ބުކަރެސްޓްގައި ހުންނަ ހަންޗިއަރ - ކެރޮލް 1 (އެކެއް) މިސްކިތުގެ ޖަމާއަތުގައި ޝާހިދު މަގްރިބް ނަމާދު ކުރައްވާފައިވާ އިރު، މި ބައްދަލުވުމުގައި ބުކަރެސްޓުގައި ދިރިއުޅޭ ބައެއް މުސްލިމުން ބައިވެރިވިއެވެ.

ހޯމަ ދުވަހު ފުރާވަޑައިގަތުމުގެ ކުރިން މިނިސްޓަރ ޝާހިދު އެ ގައުމުގެ ޑިޕްލޮމެޓިކް އިންސްޓްޓިއުޓް އޮފް ރުމޭނިއާގެ ޑިރެކްޓަރ ޖެނެރަލް ޑޭން ޕީޓަރ އަދި ރުމޭނިއާގެ އިންޓެލިޖެންސް ސާވިސްގެ ޑެޕިއުޓީ ޑިރެކްޓަރ ކްރިސްޓިއަން ބިޒަޑީއާ ބައްދަލުކުރެއްވިއެވެ. ބިޒަޑީއާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެ ގައުމު ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތަކާއި މެދުގައިއާއި، ޓެރަރިޒަމްގެ ނުރައްކަލާ ދެކޮޅަށް މަސައްކަތް ކުރާނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާ ކޮށްފައިވެއެވެ.

ދިވެހިރާއްޖެއާއި ރުމޭނިއާއާ ދެމެދު ހާރިޖީ ގުޅުން ގާއިމްކުރިތާ، މި އަހަރު 40 އަހަރު ފުރޭނެއެވެ. މިނިސްޓަރ ޝާހިދު ރުމޭނިއާއަށް ވަޑައިގެންނެވީ އެ ގައުމުގެ ހާރިޖީ ވަޒީރު މެލެސްކާނޫ ދެއްވި ދައުވަތަކަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް