މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމާއި ސްޓެންޑާރސް އަދި ކޮންސިއުމަރ ޕްރޮޓެކްޝަންގެ ދާއިރާއިން ޗައިނާ އާއި ރާއްޖެއާ ދެމެދުގައި އެހީތެރިކަމާއި އެއްބާރުލުން ދިނުމާގުޅޭ ގޮތުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ހޯމަ ދުވަހު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްއެވެ. ޗައިނާގެ ފަރާތުން ސޮއިކުރެއްވީ ޗައިނާގެ ސްޓޭޓް އެޑްމިނިސްޓްރޭޝަން ފޯރ މާރކެޓް ރެގިއުލޭޝަންގެ މިނިސްޓަރ ހިޒް އެކްސެލެންސީ ޒޭންގ މާއޯއެވެ.
މިއެއްބަސްވުމާ ބެހޭ ގޮތުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ ދެގައުމުގެ ދެމެދުގައި ގުޅުން އިތުރަށް ބަދަހި ކުރުމަށް މަސައްކަތްތައް ކުރެވިގެންދާނެ ކަމަށެވެ. އެގޮތުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރުވުމާއި ސްޓެންޑާރސް އަދި ކޮންސިއުމަރ ޕްރޮޓެކްޝަންގެ ދާއިރާއިން ދެގައުމުގެ ދެމެދުގައި އެހީތެރިކަމާއި އެއްބާރުލުން ދިނުމާގުޅޭ ގޮތުން މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިއެއްބަސްވުމުގައި ހިމެނޭ ކަންކަން ތަންފީޒު ކުރުމަށް ހައިލެވެލް ބައްދަލުވުންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައިވެއެވެ. އެގޮތުން ވާރކްޝޮޕްތައް އަދި ކޮންފަރެންސްތައް މެދުވެރިކޮށް ދެގައުމުގެ ގުޅުން ހަރުދަނާ ކުރުމަށްޓަކައި ކަނޑައެޅޭ ދާއިރާތަކަކުން މަޝްވަރާތައް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.
މީގެ އިތުރުން ދެގައުމުގެ އޮފިޝަލުން އަދި އެކްސްޕަރޓުން، ދެގައުމަށް ޒިޔާރަތް ކުރުމާއި ކަމާބެހޭ ތަމްރީންތައް ފޯރު ކޮށްދިނުމަށް ފުރުސަތު ލިބިގެންދާނެއެވެ. އަދި ދެގައުމުން ކަނޑައަޅާ ދާއިރާތަކަކުން ކޯޕަރޭޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.