Advertisement
ކ. މާލެ
|
13 މެއި 2019 | ހޯމަ 09:44
ގާނޫނީ ވަކީލް މުހައްމަދު ނިޝާން
ގާނޫނީ ވަކީލް މުހައްމަދު ނިޝާން
ރާއްޖެއެމްވީ
ފަލަ ސުރުހީ
އެޖެންޑާ 19 ގައި ހިމެނޭ އިންސާފުގެ ބާބެއް ތަންފީޒުކުރަން ހުރިހާ މުއައްސަސާތަކުން އެހީތެރިކަން ދޭން ޖެހޭ: ނިޝާން
ރައްޔިތުންގެ ހައްގުގައި އެކަންތައްތައް ތަންފީޒު ކުރަން އެއްބާރުލުން ދޭން ޖެހޭނެ ކަމަށް ވިދާޅުވި

ސަރުކާރުގެ މައި ޕާޓީ އެމްޑީޕީން 19 ވަނަ މަޖިލީހަށް ހުށައަޅަން ހަމަޖެހިފައިވާ ''އެޖެންޑާ 19'' ގެ އިންސާފުގެ ބާބުގެ ތެރޭގައި ހިމެނޭ ކަންތައްތައް ތަންފީޒު ކުރުމަށްޓަކައި ހުރިހާ މުއައްސަސާތަކުން އެހީތެރިކަން ދޭން ޖެހޭ ކަމަށް ގާނޫނީ ވަކީލް މުހައްމަދު ނިޝާން ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ނިޝާން ވިދާޅުވީ، ގިނަ ބަޔަކު އެމްޑީޕީއަށް ވޯޓު ދީފައި ވަނީ އެ ޕާޓީން މަޖިލީހަށް ހުށައަޅަން ހަމަޖެހިފައިވާ ''އެޖެންޑާ 19'' ގައި އަދުލުއިންސާފުގެ ކަންތައްތައް ހިމެނޭތީ ކަމަށެވެ.

''އެޖެންޑާ 19''ގެ އިންސާފުގެ ބާބުގައި ހިމެނޭ ކަންތައްތަކަކީ، އިންތިގާލީ އިންސާފު ގާއިމްކުރުން، ޝަރުއީ ދާއިރާގެ އޮނިގަނޑު އިސްލާހު ކުރުމާއި ޕަބްލިކް ޑިފެންޑާރސް އޮފީހެއް ގާއިމްކުރުމުގެ އިތުރުން ޖަވާބުދާރީ ކުރެވެނިވި ދައުލަތެއް ބިނާ ކުރުމެވެ.

އިންސާފުގެ ބާބުގައި ހިމަނާފައިވާ ކަންތައްތައް ބަޔާން ކުރައްވަމުން ނިޝާން ވިދާޅުވީ، އެކަމުގައި ހިމެނޭ ހުރިހާ މުއައްސަސާއަކުން ރައްޔިތުންގެ ހައްގުގައި އެކަންތައްތައް ތަންފީޒު ކުރުމަށް ސަރުކާރަށް އެއްބާރުލުން ދޭން ޖެހޭ ކަމަށެވެ.

"އިންސާފުގެ ހަތަރު ކަންތައް ހިމެނޭތީވެ ވޯޓު ދިން ދިވެހި ރައްޔިތުންގެ ހައްގުގައި ހިމެނޭ ހުރިހާ މުއައްސަސާތަކުން އެއީ ޝަރުއީ ދާއިރާ ކަމަށް ވިޔަސް ހެޔޮ، ރައްޔިތުން މަޖިލީސް ކަމަށް ވިޔަސް ހެޔޮ، މިނިވަން މުސްތަގިއްލު މުއައްސަސާތަކަށް ވިޔަސް ހެޔޮ، ސިފައިންނާ ފުލުހުން ކަމަށް ވިޔަސް ހެޔޮ، ސިވިލް ސާރވިސް ގައި ހިމެނޭ މުވައްޒިފުންނަށް ވިޔަސް ހެޔޮ، އަދި ދިވެހި އާއްމު ރައްޔިތުން ކަމަށް ވިޔަސް ހެޔޮ އެންމެން ވެސް ޖެހޭނީ އެއްބާރުލުން ދޭން،" ދައްކަވަމުން ގާނޫނީ ދާއިރާގައި 15 އަހަރަށް ވުރެ ގިނަ ދުވަސް ހޭދަކުރައްވާފައިވާ ނިޝާން ވިދާޅުވިއެވެ.

ވަކިން ހާއްސަކޮށް އިންސާފުގެ ބާބުގައި ހިމެނޭ ޕަބްލިކް ޑިފެންޑާރސް އޮފީހެއް ގާއިމްކުރުމާ ބެހޭ ގޮތުން ވާހަކަ ނިޝާން ވިދާޅުވީ، އެއީ ފެހި ގާނޫނު އަސާސީގައި ވެސް ބަޔާކޮށްފައިވާ އެއްޗެއް ކަމަށާއި، އެހެން ނަމަވެސް ގާނޫނު އަސާސީއަށް އަމަލުކުރަމުން އައިރު އެއްވެސް ބަޔަކު އެވާހަކަތައް ނުދައްކާ ކަމަށެވެ.

ގާނޫނޫ އަސާސީގެ 53 މާއްދާގެ (ށ) ގައި ވާގޮތުން ޖިނާއި ބޮޑެތި މައްސަލަތަކުގައި، ތުހުމަތު ކުރެވޭ މީހާއަކީ ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭ ފަދަ މާލީ ތަނަވަސްކަމެއް ނެތް މީހަކު ނަމަ، އޭނާ އަށް ދައުލަތުން ގާނޫނީ ވަކީލަކު އައްޔަން ކޮށްދެން ވާނެއެވެ. ޝަރުއީ ދާއިރާ އިސްލާހުކުރަން ކަމަށް ބުނެ ސުޕްރީމް ކޯޓުން ދާދި ފަހުން ނެރުނު ޝަރުއީ ދާއިރާގެ މަގުޗާޓުގައި ވެސް ޕަބްލިކް ޑިފެންޑާސް އޮފީހެއް ގާއިމްކުރުން ހިމެނެއެވެ.

މަރުގެ މައްސަލަތައް ތަހުގީގު ކުރުމަށް ފަހު ޝަރިއްޔަތުން ނިންމަން ޖެހޭ ގޮތްތައް ކަނޑައެޅުމުގައި އަދި ޝަރިއްޔަތުން ނިމިގެން ތަންފީޒު ކުރުމަށްޓަކައި ރާއްޖޭގައި ހުރަސްތަކެއް ހުރިކަން ފާހަގަ ކުރައްވަމުން ނިޝާން ވިދާޅުވީ، އެކަންތައް އެހެން ދިމާވަނީ ޝަރުއީ ނިޒާމުގެ އިތުރުން ގާނޫނުގައި ހުރި ލޫޕްހޯލްތަކުގެ ސަބަބުން ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް