Advertisement
ކ. މާލެ
|
13 މެއި 2019 | ހޯމަ 16:28
ޕިއެންސީގެ އިސް ފަރާތްތައް
ޕިއެންސީގެ އިސް ފަރާތްތައް
ވަގުތު.އެމްވީ
ކެމްޕެއިންގައި ވީ ވައުދު
ކެމްޕެއިންގައި ވީ ވައުދާއި އެއްގޮތަށް އަމަލު ކުރުމަށް ޕީއެންސީން ސަރުކާރަށް ގޮވާލައިފި
މި ސަރުކާރުން މީހުން ވަޒީފާއިން ވަކި ކުރުމުގެ ސިޔާސަތެއް ނުގެންގުޅޭ

ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ސަރުކާރު ހިންގުމާ ހަވާލުވެތިބި ފަރާތްތަކުން ވީ ވައުދާއި އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް ޕީޕަލްސް ނޭޝަނަލް ކޮންގުރެސް ( ޕީއެންސީ ) ން ސަރުކާރަށް ގޮވާލައިފި އެވެ.

އާދިއްތަ ދުވަހު ޕީއެންސީން ނެރެފައިވާ ބަޔާނެއްގައި ބުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާއި ހަވާލުވެ ވަޑައިގަތުމަށްފަހު ހަމައަކަށް އުސޫލަކަށް ބެލުމެއްނެތި ގިނަ އަދަދެއްގެ މުވައްޒަފުންތަކެއް ވަޒީފާ ތަކުން ވަކި ކުރަމުން ދާކަމަށެވެ.

އެގޮތުން ވަކި ސިޔާސީ ފިކުރަކަށް ތާއީދު ކުރާ މުވައްޒަފުންނަށް ވަޒީފާއިން ވަކި ކުރާނެ ކަމުގެ ބިރު ދައްކާ އެފަރާތްތަކުން ވަޒީފާ އަދާކުރާ ތަން ބަދަލުކޮށް އެތައްބަޔަކަށް ފިޔަވަޅު އަޅަމުން ދާކަމަށާއި އެހެންކަމުން އެ އަމަލު ޕީއެންސީން ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށެވެ.

މީގެ އިތުރުން އެތައް ރަށަކުން ކަރަންޓްގެ ޚިދުމަތް ކެނޑި ރައްޔިތުން ކަނު އަނދިރީގައި ހޭދަކުރަން ޖެހުމަކީ މިސަރުކާރުގެ ދޯހަޅި ސިޔާސަތު ތަކާއި ކަންކަން ކުރުމުގެ ގާބިލުކަން ނެތްކަމުގެ ހެއްކެއް ކަމަށް ބުނެފައިވެއެވެ. އަދި އައިޖީއެމްއެޗްގެ އެމެޖެންސީ ރޫމްގެ އޭސީތައް ހަޅާކުވެ ހޫނުގަދަވުމުގެ ސަބަބުން ޚިދުމަތް ހޯދާ ރައްޔިތުނަށާއި ޚާއްސަކޮށް ބަލި މީހުންނަށް ކުރިމަތި ވެފައިވާ ތަކުލީފް ހައްލު ކުރެވިފައެއް ނެތް ކަމަށް ބަޔާނުގައި އިތުރަށް ފާހަގަ ކޮށްފައި ވެއެވެ.

ކަންކަން ހައްލުކޮށް މިހާރަށްވުރެން ބޮޑަށް ސަރުކާރު ޒިންމާ ދާރުވެ، ވީހާވެސް އަވަސް ސްޕީޑުގައި މަސައްކަތް ކުރުމަށް ސަރުކާރަށް ގޮވާލާ ކަމަށާއި ސަރުކާރު ޖަވާބުދާރީ ކުރުމަށްޓަކައި އެ ޕާޓީން ތައްޔާރަށް އޮތްކަން ވެސް ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ.

ޕީއެންސީން މިހެން ބުނިނަމަވެސް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ މި ސަރުކާރުން މީހުން ވަޒީފާއިން ކެނޑުމުގެ ސިޔާސަތެއް ނުގެންގުޅޭ ކަމަށާއި އަދި އެފަދަ ޕްރޮގްރާމެއް ވެސް ފަށާފައި ނުވާކަމަށެވެ. މީގެ އިތުރުން ސަރުކާރުގެ އެއްވެސް މުއައްސަސާއަކަށް މުވައްޒަފުން ވަޒީފާއިން ވަކި ކުރުމަށް އަންގާފައިވެސް ނުވާނެ ކަމަށެވެ.

ހޫދު އިތުރަށް ވިދާޅުވީ އާ އެއަރކޮންޑިޝަން ސިސްޓަމެއް މިހާރު ގެނެވިފައި ވާ ކަމަށާއި އަންގާރަ ދުވަހު އައިޖީއެމްއެޗްގެ އެމަޖެންސީ ރޫމްގައި އޭސީތައް ހަރުކުރުމުގެ މަސައްކަތް ފެށިގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް