ރޯދަ މަހާއި ގުޅިގެން ވިލިމާލޭގައި ހަދާ ވަގުތީ މާރުކޭޓުގެ ގޮޅިތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މާލޭ ސީޓީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ވިލިމާލޭ ވަގުތީ މާރުކޭޓުން 20 ގޮޅި ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. ވިލިމާލޭގައި ހަދާ ވަގުތީ މާރުކޭޓުގެ ގޮޅިތައް ދޫކުރާނީ ވިލިމާލޭ ރަށްވެހިންނަށް ކަމަށް ވެސް ކައުންސިލްގެ އިއުލާނުގައި ބުނެފައިވެއެވެ. ގޮޅިއަށް އެދި ފޯމު ހުށައެޅުމުގެ ސުންގަޑިއަކީ 13 މޭ 2019 ވަނަ ދުވަހުގެ 12:00 އެވެ.
މާލޭ ސިޓީ ކައުންސިލުން އިސް ނަގައިގެން ވިލިމާލޭގައި ވަގުތީ މާރުކޭޓެއް ގާއިމްކުރަން ނިންމީ، އެ ރަށުގައި ދިރިއުޅޭ ރައްޔިތުންނަށް މި ރޯދަ މަހު ތާޒާމޭވާއާއި ތަރުކާރީގެ ބާވަތްތައް ފަސޭހަކަމާއެކު ލިބޭނެ މަގު ފަހިކޮށް ދިނުމަށެވެ. އަދި މާލެ ސިޓީގެ މޭޔަރ ޝިފާ މުހައްމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާރުކޭޓުތަކުގެ ސަބަބުން ދިވެހި ދަނޑުވެރިންނަށް ދިވެހި އުފެއްދުންތައް ވިއްކުމުގެ އިތުރުފުރުސަތުތަކެއް ލިބިގެންދާނެ ކަމަށެވެ.
West park sarahahahdhuge local Marketaai villigileege marketves iulaan koh roadhamahah dhanduverinah local thakethi vihkumah ithurufurusaththah hulhuvaalani @FishAgri @EconDevMv @MaleCitymv .Shukuriyaa market committee #TeamAHBB pic.twitter.com/qbD9Fj0DOC
— Shifa Mohammed (@etna295) May 11, 2019
ވިލިމާލޭގެ އިތުރުން މާލޭގެ ވެސްޓްޕާކް ސަރަހައްދުގައި ވެސް ވަގުތީ މާރުކޭޓެއް ގާއިމްކޮށްފައިވާ އިރު، ވެސްޓް ޕާކުގައި ހުންނަ ވަގުތީ މާރުކޭޓުން 32 ގޮޅި ދޫކުރުމަށް ހަމަޖެހިފައިވެއެވެ.