ކ. މާލެ
|
12 މެއި 2019 | އާދީއްތަ 17:52
އިވާން ރަކިޓިޗް
އިވާން ރަކިޓިޗް
ގެޓީ އިމޭޖަސް
އިވާން ރަކިޓިޗް
އިންޓައިން ރަކިޓިޗް ހޯދުމާ ގާތަށް
ރަކިޓިޗްގެ އެއްބަސްވުން ހަމަވާނީ 2021 ވަނަ އަހަރު

އިންޓަ މިލާނުން ބާސެލޯނާއަށް ކުޅެމުން އަންނަ އިވާން ރަކިޓިޗް ހޯދުމާ ގާތަށް ގޮސްފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ގޯލްޑޮޓްކޮމްއިން ބުނީ، ކުރިޔަށް އޮތް ސީޒަނަށް އަމާޒުކޮށް އިންޓައިން ރަކިޓިޗް ގެންނަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އޭނާ އެ ކްލަބަށް ސޮއިކުރުމާ ގާތަށް ގޮސްފައިވާ ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން ރަކިޓިޗް ހޯދުމަށް އިންޓައިން ވަނީ 50 މިލިއަން ޔޫރޯ ހުށަހަޅާފައެވެ. އަދި އެ އަގަށް ބާސާއިން އެއްބަސްވެފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

ނަމަވެސް ދާދި ފަހުން ނޫސްވެރިންނަށް މައުލޫމާތު ދެމުން ރަކިޓިޗް ބުނީ، އޭނާގެ ކުރިމަގު އޮތީ ބާސާއާ އެކުގައި ކަމަށާއި، ދިގު މުއްދަތެއް ވަންދެން ބާސާގައި މަޑުކުރަން ބޭނުންވާ ކަމަށެވެ. އަދި ބާސާގައި ހުރީ ހިތްހަމަޖެހިގެން ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ބާސާއާ އެކު އުމުރުން 30 އަހަރުގެ ރަކިޓިޗް ހަދާފައިވާ އެއްބަސްވުން 2021 ގައި ހަމަވާއިރު، އޭނާގެ ރިލީޒް ފީއަކީ 125 މިލިއަން ޔޫރޯއެވެ. އޭނާ ހޯދުމަށް އިންޓަގެ އިތުރުން އެހެން ކްލަބްތަކުން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ބަސެލް އިން ސީނިއާ ކެރިޔަރު ފެށި ރަކިޓިޗް ވަނީ ޝާލްކޭ އާއި ސެވިއްޔާ އަށް ވެސް ކުޅެފައެވެ. އޭނާ ބާސާ އަށް ބަދަލުވީ 2014 ވަނަ އަހަރުގެ ސީޒަނުގައެވެ.

އެގޮތުން ރަކިޓިޗް ވަނީ މިހާތަނަށް ބާސާ އަށް ކުޅުނު 265 މެޗުގައި 35 ލަނޑު ކާމިޔާބު ކޮށްފައެވެ. އޭނާ ވަނީ ބާސާއާ އެކު ސްޕެނިޝް ލަލީގާ ތިން ފަހަރު، ކޮޕަޑެލްރޭ ހަތަރު ފަހަރު، ސްޕެނިޝް ސުޕަ ކަޕް ދެފަހަރު، ޔުއެފާ ޗެމްޕިއަންސް ލީގު އެއްފަހަރު، ޔުއެފާ ސުޕަ ކަޕް އެއް ފަހަރު އަދި ފީފާ ކްލަބް ވޯލްޑް ކަޕް އެއް ފަހަރު ކާމިޔާބު ކޮށްފައެވެ.

ކްރޮއޭޝިއާ ގައުމީ ޓީމާއެކު މިދިޔަ އަހަރު ނިމުނު ފީފާ ވޯލްޑް ކަޕްގެ ދެވަނަ ހޯދި ރަކިޓިޗް ވަނީ ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 100 މެޗުގައި 15 ލަނޑު ކާމިޔާބު ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 41 މިނެޓު ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް