Advertisement
ކ. މާލެ
|
10 މެއި 2019 | ހުކުރު 12:23
ސައިކަލުގައި ބަޔަކު ބްރިޖަށް އަރަނީ
ސައިކަލުގައި ބަޔަކު ބްރިޖަށް އަރަނީ
ޝުއައިބް މުހައްމަދު އިގްބާލް
މޯލްޑީވްސް ޕޮލިސް ސަރވިސް
ވަގުތީ ލައިސަންސް އޮތް މީހުންގެ އެކްސިޑެންޓްތައް ގިނަ
ފުލުހުން ކުރާ މަސައްކަތްތަކުން ނަތީޖާ ބަދަލު ކުރެވޭނީ ރައްޔިތުންގެ އެއްބާރުލުމާ އެކުގައި

ވަގުތީ ލައިސެންސް އޮތް މީހުންގެ ސަބަބުން ހިނގާ އެކްސިޑެންޓްތައް ގިނަ ވެފައިވާކަން ފާހަގަވާކަމަށް ފުލުހުންގެ ހެޑް އޮފް ޓްރެފިކް ޑިޕާޓްމަންޓް، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރު ވިދާޅުވެއްޖެއެވެ.

އެކްސިޑެންޓްތައް ގިނަވަނީ ޒުވާނުނަށް ޚާއްސަ ކޮށްގެން "އެއްލަކިން މަށަށް ލައިސެންސް"ގެ ނަމުގައި ޓްރާންސްޕޯޓް އޮތޯރިޓީން މިދިޔަ އަހަރު ކުރިއަށް ގެންދިޔަ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތަކުން ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅެގޮތުން ރާއްޖެ.އެމްވީއަށް މައުލޫމާތުދެއްވަމުން ސަމީރު ވިދާޅުވީ ސީދާ އެއީ އެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތަކޭ ނުބުނެވޭނެކަމަށެވެ. އެހެން ނަމަވެސް އެކްސިޑެންޓްވާ ފަރާތްތަކުގެ ތެރޭގައި ގިނައީ ވަގުތީ ލައިސެންސް އޮތް ފަރާތްތައް ކަމަށް ވިދާޅުވިއެވެ.

"އެހެންނެއް އަޅުގަނޑުމެންނަކަށް އެކަން ފާހަގައެއް ނުކުރެވޭ. ލައިސެންސް ކާޑަކުން އެކަން އެނގޭކަށް ނޯވޭ، އެހެންވީމާ އަޅުގަނޑުމެންނަށް އެކަން ފާހަގަވެފައެއް ނެތޭ. ވަގުތީ ލައިސަންސް އޮންނަ ފަރާތްތަކުން އެކްސިޑެންޓް ވާލެއް ގިނަކަން ފާހަގަ ކުރެވޭ." ސަމީރު ވިދާޅުވިއެވެ. 

މިދިޔަ އަހަރު މެއި މަހުގެ ފަހު ކޮޅު ހިންގި "އެއްލަކިން މަށަށް ލައިސެންސް" ޕްރޮގްރާމް ފުރިހަމަކޮށް 700 އަށް ވުރެ ގިނަ މީހުންނަށް ވަނީ ވަގުތީ ލައިސެންސް ދީފައެވެ. ވަގުތީ ލައިންސެންސަށްފަހު ދާއިމީ ލައިސެންސް ދެނީ އެއް އެހަރު ވުމުންނެވެ. އެހެންކަމުން އެ ޕްރޮގްރާމުގައި ބައިވެރިވި އެއްވެސް ފަރާތަކަށް ދާއިމީ ލައިސެންސެއް އަދި ނުލިބޭނެއެވެ. 

އެކްސިޑެންޓްތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ސަމީރު ވިދާޅުވީ ބްރިޖާއި ހައިވޭގައި ހިނގާދިޔަ އެކްސިޑެންޓްތައް ވަނީ މާޗް މަހުގެ 1 އިން ފެށިގެން ދަށް ވެފައި ކަމަށެވެ. މާޗް މަހުގެ 10 އިން ފެށިގެން ބްރިޖަށް އެރޭނީ ހެލްމެޓް އަޅައިގެން ކަމަށް ޓްރާންސް ޕޯޓް މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ. ސަމީރު ވިދާޅުވީ ބްރިޖާއި ހައިވޭގެ އެކްސިޑެންޓްތައް ހިނގުން މަދުވީ ހެލްމެޓް އެޅުމަށް މަޖުބޫރުވުމުން ބްރިޖަށް އެރުން މަދުވުމުގެ ސަބަބުންކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

"ބްރިޖުގައި މިހާރު ޓްރެފިކް ތަންކޮޅެއް ދަށް. އެއީ މީގެ ކުރީގައި ހެލްމެޓް ނާޅާއިރު ވަރަށް ގިނަ ފަރާތްތަކުން ހުޅުމާލެ ނުވަތަ މާލެއާއި ދެމެދު ދަތުރު ކުރާއިރު ޓްރެފިކް އިތުރު ވުމުގެ ސަބަބުން ހިނގާފައި ހުރި އެކްސިޑެންޓްތައް އިތުރުކަމަށް އަޅުގަނޑުމެންނަށް ބެލެވެނީ." ސަމީރު ވިދާޅުވިއެވެ.

ސަމީރު ވިދާޅުވީ ޓްރެފިކް ކަންތައްތައް ހައްލު ކުރުމަށް ފުލުހުން ކުރާ މަސައްކަތްތަކުން ނަތީޖާ ބަދަލު ކުރެވޭނީ ރައްޔިތުންގެ އެއްބާރުލުމާ އެކުގައި ކަމަށެވެ. މަގުމަތީގެ އަދަބުތަކާއި މަގުމަތީގައި ބަހައްޓާފައި ހުންނަ ޒޯންތަކަށް އިހުތިރާމް ކުރާ ބަޔަކަށް ރައްޔިތުން ވުމަކީ ފުލުހުންގެ އެދުމެއް ކަމަށް އޭނާ ވިދާޅުވިއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް