Advertisement
ކ. މާލެ
|
10 މެއި 2019 | ހުކުރު 08:20
ބިލެއްދޫގައި ހުރި ވެވު
ބިލެއްދޫގައި ހުރި ވެވު
ޓްވިޓަރ
ބިލެއްދޫ
ބިލެއްދޫގައި ވެވު ކޮނެނިމިފައި، އެއްވެސް ގެއްލުމެއް ނުލިބޭ: ކައުންސިލް
އެތަން ނުކޮންނަން އަންގާފައެއް ނުވޭ
އެތަން ހިމާޔަތް ކުރުމަކީ ރަށު މީހުންގެ ޒިންމާއެއް

ފ. ބިލެއްދޫގައި މީހުން އިހު ޒަމާނުގައި ބޭނުންކުރި ވެވު ކޮނެނިމިފައިވާ ކަމަށާއި، އެތަނަށް އެއްވެސް ގެއްލުމެއް ނުލިބޭ ކަމަށް އެރަށުގެ ކައުންސިލުން ބުނެފިއެވެ.

ރާއްޖެއެމްވީއަށް އެރަށު ކައުންސިލް ރައީސް އިހުސާން ވިދާޅުވީ ވެވު އެއީ ބިލެއްދޫ ރައްޔިތުންގެ ތަނެއް ކަމަށާއި، އެތަން ހިމާޔަތް ކުރުމަކީ އެރަށުގެ ރައްޔިތުންގެ ޒިންމާއެއް ކަމަށެވެ. އިހުސާން ވިދާޅުވީ ވެވު ހިމާޔަތް ކުރާނަމުގައި އެތަން ވަޅުލާފައި ބާއްވަން ބޭނުންވާ ނުވާ ކަމަށާއި، އެތަން ހެރިޓޭޖް މިނިސްޓްރީގެ ސަމާލުކަން ލިބުނީ ވެސް އެތަން ކޮންނަން ފެށި ހިސާބުން ކަމަށެވެ.

އިހުސާން ވިދާޅުވީ އެތަން ކޮނުނީ ވަރަށް ބަލައިގެން ކަމަށާއި، އެތަނަށް އެއްވެސް ގެއްލުމެއް ނުލިބޭނެ ކަމަށެވެ.  އަދި ވިދާޅުވީ ހައިމާކު ބޭނުންކުރީ އެތަނުގެ މަތީގަ އިން ރުކެއް ނުގުމަށް ކަމަށާއި، އެކަން ވެސް ކުރީ ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު ކަމަށެވެ.

''އުދައްޔާ ފަކީރާ ބޭނުންކޮށްގެން ކޮނުނީ ވަރަށް ބަލައިގެން. މުޅިތަން އޮތީ ގަސްބޯވެ ވަލަށްވެފަ. އެނޫން ގޮތަކަށް އެކަމެއް ނުކުރެވޭނެ. އަޅުގަނޑުމެން އެތަން ހިމާޔަތް ކުރަން ބޭނުންވެގެން ދުވަސްވީ މީހުން ގާތު އަހާގެން އެތަން ހޯދީ'' އިހުސާން ވިދާޅުވިއެވެ.

ވެވު ނުކޮނުމަށް ހެރިޓޭޖް މިނިސްޓްރީން އަންގާފައިވާ ކަމަށް ދެކެވޭ ވާހަކަތަކަށް އިޝާރާތް ކުރައްވާ އިހުސާން ވިދާޅުވީ އެތަން ނުކޮނަން މިނިސްޓްރީން އަންގާފައި ނެތް ކަމަށާއި، ފަތުރަމުން ދަނީ ދޮގު ވާހަކަތަކެއް ކަމަށެވެ. ނަމަވެސް ވެވު މަތިން ރުށް ނަގާ މަންޒަރު ފެންނަ ފޮޓޯތައް އާންމުވި ހިސާބުން މިނިސްޓްރީގެ ބޭފުޅަކު ގުޅައި މައުލޫމާތު ސާފު ކުރި ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް ހެރިޓޭޖް މިނިސްޓްރީން ބުނީ ވެވު ކޮށްނަމުންދާ ކަމުގެ މައުލޫމާތު ލިބުމާއެކު އެތަން ނުކޮނުމަށް އެދި ސިޓީ ފޮނުވާފައިވާ ކަމަށެވެ.

މިމައްސަލައާ ގުޅިގެން ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ކަންބޮޑުވުންފާޅު ކުރައްވާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އާސާރީ ތަންތަން ކޮންނަން ވާނީ އެ ތަނެއް ރައްކާތެރިކޮށް ބެލެހެއްޓޭނެ ގޮތެއް ރޭވުމަށް ފަހު ކަމަށެވެ. އަދި އެފަދަ ތަންތަން ކޮންނަން ވާނީ ތަނަށް ގެއްލުން ނުވާނެ ގޮތަކަށް ‘އާކިޔޮލިޖިކަލް' އުސޫލުތަކާ އެއްގޮތަށް ކަމަށެވެ.

ވެވަކީ އިހުޒަމާނުގައި ފެން ވަރަން ބޭނުންކުރި ތަނެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް