ކ. މާލެ
|
9 މެއި 2019 | ބުރާސްފަތި 19:03
މުބާރާތުގެ ގުރު ނެގުމުގެ ތެރެއިން
މުބާރާތުގެ ގުރު ނެގުމުގެ ތެރެއިން
އެފްއޭއެމް
އެފްއޭއެމް ފުޓްސަލް ކަޕް 2019
އެފްއޭއެމް ފުޓްސަލް ކަޕް 2019: މުބާރާތުގެ ގުރު ނަގައިފި
 
މުބާރާތުގެ ފިރިހެން އަދި އަންހެން ފައިނަލްވެސް ކުޅޭނީ އަންނަ މަހުގެ އެއްވަނަ ދުވަހު

 ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ "އެފްއޭއެމް ފުޓްސަލް ކަޕް 2019" ގެ ގުރު ނަގައިފިއެވެ.

އެފްއޭއެމްގައި ރަޖިސްޓްރީ ކުރެވިފައިވާ ކްލަބް، ޖަމިއްޔާ، ޖަމާއަތްތަކަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި ފިރިހެން އަދި އަންހެން ޑިވިޝަން ވެސް ހިމެނެއެވެ.

މުބާރާތް އަންނަ ހޯމަ ދުވަހު ފަށާއިރު، ފުރަތަމަ ކުޅޭނީ ފިރިހެން ޑިވިޝަންގެ މެޗުތަކެވެ. އެގޮތުން އެދުވަހު ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޔޫއެން ފްރެންޑްސް އާއި މުއިވެޔޮ ފްރެންޑްސްއެވެ. ހަމަ އެދުވަހު ކުޅޭ ދެވަނަ މެޗުގައި ބައްދަލުކުރާނީ އެފްސީ ދޫންޑިގަލޯނާ އާއި ވިޔަންސާއެވެ.

މުބާރާތުގެ އަންހެން ޑިވިޝަންގެ މެޗުތައް މި މަހު 18 ގައި ފެށުމަށް ހަމަޖެހިފައިވާއިރު، ފުރަތަމަ ބައްދަލުކުރާނީ ބީޖީ ސްޕޯޓްސް ކްލަބް އާއި ދިވެހި ސިފައިންގެ ކްލަބެވެ. އެދުވަހު ކުޅޭ ދެވަނަ މެޗުގައި ބައްދަލުކުރާނީ އެމްއެސް މޭޓްސް އާއި ޕޮލިސް ކްލަބެވެ.

މުބާރާތުގައި ބައިވެރިވުމަށް ފިރިހެން 16 ޓީމަކަށް ހުޅުވާލި ނަމަވެސް އެފްއޭއެމުން ވަނީ 20 ޓީމަކަށް ފުރުސަތު ދީފައެވެ. އަންހެން 8 ޓީމަކަށް ފުރުސަތު ހުޅުވާލިއިރު، ބައިވެރިވެފައިވަނީ ހަތަރު ޓީމަކުންނެވެ.

މުބާރާތުގައި ވާދަކުރާ ފިރިހެން 20 ޓީމު ހަތަރު ގްރޫޕަކަށް ވަނީ ބަހާލާފައެވެ. އޭގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމެއް ކޮންމެ ގްރޫޕަކުން ވެސް ކުއާޓާއަށް ދަތުރު ކުރާނެއެވެ. އަދި ސެމީއަށް ފަހު ފައިނަލް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

މުބާރާތުގެ އަންހެން ހަތަރު ޓީމު ވެސް އެއް ގްރޫޕެއްގައި ހިމެނޭއިރު، ފައިނަލަށް ދަތުރުކުރާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމެވެ.

މުބާރާތުގައި ބައިވެރިވުމަށް 2،000 ރުފިޔާގެ ފީއެއް ނެގިއިރު، މުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް އަދި ދެވަނަ ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ނިންމާފައެވެ.

މުބާރާތުގެ އަންހެން އަދި ފިރިހެން ފައިނަލް ވެސް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް