Advertisement
ކ. މާލެ
|
8 މެއި 2019 | ބުދަ 23:02
ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސައާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން
ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސައާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން
ހާރިޖީ ވުޒާރާ
ދިވެހިރާއްޖެ - ލަންކާ
މިނިސްޓަރ ޝާހިދު ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސައާ ބައްދަލުކުރައްވައިފި
ރާއްޖެއިން ހިފަހައްޓާފައިވާ ލަންކާގެ މަސްބޯޓުތަކާ މަސްވެރިން ދޫކޮށްލާނެ ކަމަށް ޝާހިދު ވިދާޅުވި ކަމަށް ރާޖަޕަކްސަ ވިދާޅުވި

ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ލަންކާގެ ކުރީގެ ރައީސް އަދި މިހާރު އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ލީޑަރު މަހިންދަ ރާޖަޕަކްސައާ ބައްދަލުކުރައްވައިފިއެވެ.

މިނިސްޓަރ ޝާހިދު ލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރާޖަޕަކްސައާ ބައްދަލުކުރެއްވުމަށް ފަހު ކުރި ޓްވީޓެއްގައި ވިދާޅުވީ ގިނަ ދިވެހިންތަކެއް ދިރިއުޅެމުން އަންނަ ލަންކާއާ އެކު ޓެރަރިޒަމާ ދެކޮޅަށް ގުޅިގެން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. ޝާހިދު ވިދާޅުވީ ރާޖަޕަކްސައާ ބައްދަލުކުރެއްވުމަކީ ލިބިވަޑައިގެންނެވި ފަހުރެއް ކަމަށެވެ.

މި ބައްދަލުކުރެއްވުމަށް ފަހު ރާޖަޕަކްސަ ކުރެއްވި ޓްވީޓްގައި ވިދާޅުވީ ދިވެހިރާއްޖެ އިން ހިފަހައްޓާފައިވާ ލަންކާގެ ހަތަރު މަސް ބޯޓާއި އެ އުޅަނދު ފަހަރުން ހައްޔަރުކުރެވުނު ފަޅުވެރިން ދޫކޮށްލާނެ ކަމަށް ވިދާޅުވި ކަމަށެވެ. ރާޖަޕަކްސަ ވިދާޅުވީ އީސްޓަރ ސަންޑޭގައި ލަންކާގައި ދިން ހަމަލާއާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދިވެހި ރައްޔިތުންގެ ފަރާތުން މިނިސްޓަރ ޝާހިދު ތައުޒިޔާ ވިދާޅުވި ކަމަށެވެ.

ރާޖަޕަކްސައާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ހާރިޖީ ވަޒީރު ޝާހިދު އަރިހުގައި ދިވެހިރާއްޖެ އިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އުމަރު އަބްދުލް ރައްޒާގް ބައިވެރިވަޑައިގެންނެވިއެވެ.

މިނިސްޓަރ ޝާހިދު މިހާރު ލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އަދި ގާނޫނުހަދާ މަޖިލީހުގެ ރައީސް ކަރޫ ޖަޔަސޫރިޔާއާ ބައްދަލުކުރައްވާފައިވެއެވެ. މީގެ އިތުރުން އެ ގައުމުގެ ގާނޫނުހަދާ މަޖިލީހުގެ ކުރީގެ ރައީސް ޗަމަލް ރާޖަޕަކްސަ އަދި އެ ގައުމުގެ މިނިސްޓަރ އޮފް އިންޓަރނަލް އެންޑް ހޯމް އެފެއަރޒް ވަޖިރަ އަބޭވަރްދަނައާ ބައްދަލުކުރައްވާފައިވެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް