ކ. މާލެ
|
8 މެއި 2019 | ބުދަ 17:00
މިދިޔަ އަހަރު މުބާރާތުގެ ތެރެއިން
މިދިޔަ އަހަރު މުބާރާތުގެ ތެރެއިން
ރާއްޖެއެމްވީ
މަތިވަރު ފުޓްސަލް ޗެލެންޖު
މަތިވަރު ފުޓްސަލް ޗެލެންޖު: މިނިސްޓަރ އަލީ ވަހީދާއެކު މާދަމާ ފަށަނީ
މުބާރާތުގެ ޗެމްޕިއަން ޓީމަށް 30،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައި

ލ. އަތޮޅު ގަމުގައި ކޮންމެ އަހަރެއްގެ ރަމަޟާން މަހު ބާއްވާ "މަތިވަރު ފުޓްސަލް ޗެލެންޖު" ބުރާސްފަތި ދުވަހު ފަށާ ގޮތަށް ހަމަޖެހިއްޖެއެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި މިފަހަރު 19 ޓީމެއް ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި ލ. ފޮނަދޫ އާއި ލ. ގަމުގެ ޓީމުތައް ވެސް ފެނިގެންދާނެއެވެ.

މުބާރާތް ހަތަރު ގްރޫޕަކަށް ބަހާލައިގެން ކުރިޔަށްގެންދަން ހަމަޖެހިފައިވާއިރު، ތިން ގްރޫޕެއްގައި ފަސް ޓީމެއް ހިމެނޭނެއެވެ. އަދި ބާކީ އޮތް ގްރޫޕްގައި ހިމެނޭނީ ހަތަރު ޓީމެވެ.

ގަމު މަތިމަރަދޫ ފުޓްސަލް ދަނޑުގައި ބާއްވާ މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އެއްވަނަ އަދި ދެވަނައަށް ދާ ޓީމު ކުއާޓާ ފައިނަލަށް ދަތުރުކުރާއިރު، ކުއާޓާގެ މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ މި މަހު 19 ވަނަ ދުވަހުއެވެ. އަދި ފައިނަލް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 24 ވަނަ ދުވަހުއެވެ.

މުބާރާތުގެ ގްރޫޕް އޭގައި އެފްސީ އައުޓްރީފް ކިންގް، މުންޑޫ ޒުވާނުންގެ ގުޅުން، ލާމު ބްލޫސް، އެފްއެމްއެފްސީ އަދި ޑެވިލްސް އެސްސީ ހިމެނޭއިރު، ގްރޫޕް ބީގައި ހިމެނެނީ ކާގަޅާ އެސްސީ، ސިކްސެންސަސް ލާމު، އަހަރުމެން ކަންމަތި، ފްރިކަންސް އަދި ފޮއްތޭއެވެ.

މިދިޔަ އަހަރު މުބާރާތުގެ ތެރެއިން

މީގެއިތުރުން ގްރޫޕް ސީގައި ހިމެނެނީ ލާމު ބްލޫސް ޖޫނިއާ، ގޯޅި އެސްސީ، ތުނޑި އެސްސީ، އައުޓްރީފް އަދި ޑެޓްރޮއިޓްސް އެސްސީ ހިމެނޭއިރު، ގްރޫޕް ޑީގައި ހިމެނެނީ ފޮއެމަތި އެސްސީ، އަމިގޯސް އެސްސީ، ކަންމަތި އެސްސީ އަދި ކަންމަތި އެފްސީއެވެ.

މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތު އޮތީ ބުރާސްފަތި ދުވަހުގެ ރޭ 21:30 ގައެވެ. ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުއެވެ.

މުބާރާތް ހުޅުވުމުގެ ގޮތުން ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އެފްސީ އައުޓްރީފް ކިންގް އާއި މުންޑޫ ޒުވާނުންގެ ޖަމިއްޔާއެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ކެފޭ 20 ކާގަޅާ އެސްސީ އާއި ސިކްސް ސެންސެސް ލާމެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 30،000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭއިރު، ދެވަނަ ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ކާގަޅާ އެސްސީއެވެ. މިދިޔަ އަހަރު އެޓީމު މުބާރާތް ކާމިޔާބުކުރީ ފައިނަލުގައި ކަންމަތިއާ ވާދަކޮށްގެންނެވެ.

- ކޮމެންޓް