އެޗްބީއޯ އިން ދައްކާ މަޝްހޫރު ޓީވީ ސީރީޒް "ގޭމް އޮފް ތްރޯންސް" ގެ ފަހު ސީޒަން، މިދިޔަ އެޕްރީލް މަހުގެ 14 ގައި ވަނީ ފެށިފައެވެ.
ސީޒަން 8 ގެ ހަތަރު އެޕިސޯޑު މިހާތަނަށް ވަނީ ދައްކާފައެވެ. އާދީއްތަ ދުވަހުގެ ރޭ ދެއްކި ހަތަރު ވަނަ އެޕިސޯޑާއެކު އެތައް ބައެއްގެ ފާޑު ކިޔުމާއި ޖޯކު ޖެހުން އެ އެޕިސޯޑަށް އަމާޒު ވިއެވެ.
އެ އެޕިސޯޑުގެ މަންޒަރެއްގައި ޑަނޭރެސް ޓަގޭރިއަން އިށީދެގެން އިންނަ މޭޒު ކައިރީގައި ސްޓާބަކްސްގެ ކޮފީތަށި ވަރަށް ރީތި ކޮށް ފެންނަން ހުރެއެވެ. އެކަމަކު އެ މަންޒަރު އެޕިސޯޑު ބެލި އެންމެނަކަށް އަޅައެއް ނުގަތެވެ.
އެންމެންނަށް އަޅައިގަންނަން ފެށީ އެ ވާހަކަ ސޯޝަލް މީޑިއާގައި ދެކެވެމުން ފެށުމުންނެވެ.
ގޭމް އޮފް ތްރޯންސް އަކީ އެތައް އަހަރެއްގެ ކުރީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ ސީރީޒްއެކެވެ. އެހެން ކަމުން ވިހި ވަނަ ގަރުނުގައި ވުޖޫދަށް އައިސްފައިވާ ސްޓާބަކްސްގެ ކޮފީ ތައްޓެއް އެ ސީރީޒްއިން ފެނުން އެއީ އެމީހުންނަށް ބަލައިގަނެވޭ ކަމަކަށް ނުވިއެވެ.
މިކަމާއި ގުޅިގެން ދުނިޔޭގެ އެކި މީޑިއާތަކަށް އެވާހަކަ އެރިއެވެ. އަދި އެތައް މީޑިއާއަކާ ގޭމް އޮފް ތްރޯންސްގެ ޓްވިޓާ އެކައުންޓުން ވަނީ ޑަނޭރެސް އޯޑަރ ކުރީ ހަރބަލް ޓީއަކަށް ކަމަށާއި ކޮފީއަކަށް ނޫން ކަމަށް ބުނެ ޓްވީޓް ކޮށްފައެވެ. އަދި ސްޓާބަކްސް އިން ވެސް ވަނީ އެކަމާއި ގުޅިގެން ޑަނޭރެސް "ޑްރެގަން ޑްރިންކް" އޯޑަރ ނުކުރީތީ ހައިރާން ވެފައިވާ ކަމަށް ބުނެ ޓްވީޓެއް ކޮށްފައެވެ.
އެޗްބީއޯ އިން ފަހުން ވަނީ ސްޓާބަކްސްގެ ކޮފީ ތަށި ފެންނަ މަންޒަރުން އެ ކޮފީތަށި "ޑިޖިޓަލީ" ނަގާފައިވާ ކަން ހާމަކޮށްފައެވެ.
ސްޓާބަކްސްގެ ކޮފީތަށި ގޭމްއޮފް ތްރޯންސްގެ އެޕިސޯޑުން ފެނުމުން އެންމެ ބޮޑު ފައިދާއެއްވީ އެ ކުންފުންޏަށެވެ. އެ ކުންފުންޏަށް ވަނީ އެއްވެސް އަގަކާ ނުލާ އިސްތިހާރު ވެވިގެން 2.3 ބިލިއަން ޑޮލަރުގެ އިސްތިހާރެއްވެވިފަ އެވެ.
އާދީއްތަ ދުވަހު ދެއްކި އެ އެޕިސޯޑާއެކު 48 ގަޑިއިރު ތެރޭގައި 193،000 ފަހަރު ވަނީ ސްޓާބަކްސް އަދި ގޭމް އޮފް ތްރޯންސް ހޭޝްޓެގްގެ ގޮތުގައި ސޯޝަލް މީޑިއާގައި ބޭނުން ކޮށްފައެވެ. މިއީ ސްޓާބަކްސް ކުންފުންޏަށް ލިބުނު ބޮޑު ކުރި އެރުމެކެވެ.
2010 ވަނަ އަހަރު ފެށި ސީރީޒް،ގޭމް އޮފް ތްރޯންސްގެ ދެން ބާކީ އޮންނާނީ އެންމެ ދެ އެޕިސޯޑެވެ. އެ ސީރީޒް އެއްކޮށް ނިންމާލާނީ މިމަހުގެ 19 ވަނަ ދުވަހުއެވެ.