ކ. މާލެ
|
8 މެއި 2019 | ބުދަ 02:23
ލިވަޕޫލް އަދި ބާސާ ބައްދަލުކުރި މެޗުގެ ތެރެއިން
ލިވަޕޫލް އަދި ބާސާ ބައްދަލުކުރި މެޗުގެ ތެރެއިން
ޓްވިޓަރ
ޗެމްޕިއަންސް ލީގު
ޗެމްޕިއަންސް ލީގު: ހިތްދަތި ގޮތަކަށް ބާސާ ބަލިކޮށް ލިވަޕޫލް ފައިނަލަށް
 
ބާސާގެ މައްޗަށް ލިވަޕޫލް ކުރިހޯދީ 0-4 ގެ ތަފާތުބޮޑު ނަތީޖާއަކުން

ޔުއެފާ ޗެމްޕިއަންސް ލީގުގައި ހިތްދަތިކޮށް ބާސެލޯނާ ބަލިކޮށް ލިވަޕޫލް ފައިނަލަށް ދަތުރުކޮށްފިއެވެ.

އަންގާރަ ދުވަހުގެ ރޭ ކުޅުނު ދެވަނަ ލެގުގެ މެޗުން ބާސާއާ ވާދަކޮށް ލިވަޕޫލް މޮޅުވީ 0-4 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. މި ދެޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު ބާސާ ދަނޑުގައި ނިމުނީ 0-3 ގެ ނަތީޖާއިން ބާސާ މޮޅުވެގެންނެވެ.

އެގޮތުން ލިވަޕޫލް ފައިނަލުން ޖާގަ ހޯދީ 3-4 ގެ އެގްރިގޭޓް ނަތީޖާއަކުން ބާސާ ބަލިކުރުމަށްފަހުއެވެ.

ލިވަޕޫލް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ހަތްވަނަ މިނެޓުގައި އެޓިމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑޭވިޑް އޮރިގީއެވެ.

މި ލަނޑަށްފަހުވެސް ލިވަޕޫލްގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެންގޮސްފައިވާއިރު، ލަނޑު ޖެހުމަށްވެސް އެޓީމަށް ހުސް އެތައް ފުރުސަތެއް ލިބި ވަނީ ބޭކާރުވެފައެވެ.

މި ހާފްގައި ބާސާގެ ފަރާތުންވެސް ގިނަ ހަމަލާތަކެއް ފެނިގެންދިޔައެވެ. ނަމަވެސް ލަނޑު ޖެހުމަށް ލިބުނު ހުސް ފުރުސަތުގެ ބޭނުން އެޓިމަށް އެންމެ އެދެވޭ ގޮތެއްގައި ހިފިފައެއް ނުވެއެވެ.

ދެވަނަ ހާފް ފެށިގެން ލިވަޕޫލްއިން އެޓީމުގެ އެޓޭކްތައް ވަރުގަދަކޮށްފައިވާއިރު، 54 ވަނަ މިނެޓުގައި ލިވަޕޫލްއިން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެލެގްޒެންޑްރާ އާނޮލްޑްގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ވައިނަލްޑަމްއެވެ.

ވައިނަލްޑަމް ވަނީ އޭނާ ލަނޑު ޖެހިތާ ދެވަނަ މިނެޓުގައި ލިވަޕޫލްއަށް ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ ޝަގީރީގެ އެހީތެރިކަމާއެކުގައެވެ.

ލިވަޕޫލްގެ ހަތަރުވަނަ ލަނޑު 79 ވަނަ މިނެޓުގައި ކާމިޔާބުކުރީ އޮރިގީއެވެ. އާނޮލްޑްގެ އެހީތެރިކަމާއެކު އޮރިގީ ކާމިޔާބުކުރި ލަނޑާއެކު ލިވަޕޫލް ވަނީ ގިނަ ބަޔަކު ހައިރާންކޮށްލުމަށްފަހު، މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފައެވެ.

އާނޮލްޑް ވަނީ މި ސީޒަނުގައި ލިވަޕޫލްއިން ކާމިޔާބުކުރި 14 ލަނޑެއްގެ އެސިސްޓް ފުރިހަމަކޮށްފައެވެ. އޭނާއަކީ މި ސީޒަނުގައި މިހާތަނަށް ލިވަޕޫލްއަށް އެންމެ ގިނަ ލަނޑު ޖަހަން އެހީތެރިވި ކުޅުންތެރިޔާއެވެ.

ފައިނަލުގައި ލިވަޕޫލް ބައްދަލުކުރަންޖެހޭނީ އަޔަކްސް ނުވަތަ ޓޮޓެންހަމް ހޮޓްސްޕާއާއެވެ. އަޔަކްސް އަދި ޓޮޓެންހަމް ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ ބުދަ ދުވަހުގެ ރޭ އަޔަކްސް ދަނޑުގައެވެ.

އަޔަކްސް އަދި ޓޮޓެންހަމް ބައްދަލުކުރި ފުރަތަމަ ލެގު ނިމުނީ 0-1 ގެ ނަތީޖާއިން އަޔަކްސް މޮޅުވެގެންނެވެ. އެގޮތުން ޓޮޓެންހަމް ފައިނަލުން ޖާގަ ހޯދަން ބޭނުންވާނަމަ، އަޔަކްސްގެ މައްޗަށް ދެ ލަނޑުން ކުރިހޯދަންޖެހޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
40%
40%
0%
0%
0%
20%
ކޮމެންޓް