Advertisement
ކ. މާލެ
|
6 މެއި 2019 | ހޯމަ 12:16
ވަޒީފާއާބެހޭ ޓްރަބިއުނަލްގެ 10 ވަނަ އަހަރީ ހަފުލާގެ ތެރެއިން
ވަޒީފާއާބެހޭ ޓްރަބިއުނަލްގެ 10 ވަނަ އަހަރީ ހަފުލާގެ ތެރެއިން
ރައީސް އޮފީސް
ވަޒީފާއާބެހޭ ޓްރަބިއުނަލް
ހުނަރުވެރި ޒުވާން އާބާދީއެއް އެބައޮތް، ވަޒީފާތައް ދިނުމުގައި ދިވެހިންނަށް އިސްކަންދީ: ނައިބް ރައީސް
ދިވެހިރާއްޖެ ކުރިއަރައި ދިއުމާއި، އިޤްތިޞާދު ވަރުގަދަކުރުމަށްޓަކައިވެސް ރާއްޖޭގެ ވަޒީފާގެބާޒާރުގައި ދިވެހިން ހަރަކާތްތެރިވާ މިންވަރު އިތުރުކުރަންޖެހޭ

ދިވެހިރާއްޖޭގައި ހުނަރުވެރި ޒުވާން އާބާދީއެއް އެބަ އޮތް ކަމަށާއި، ވަޒީފާތައް ދިނުމުގައި ދިވެހިންނަށް އިސްކަން ދިނުމަށް، ރާއްޖޭގައި ވަޒީފާދޭ ހުރިހާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ގޮވާލައްވައިފި އެވެ. 

ވަޒީފާއާބެހޭ ޓްރަބިއުނަލްގެ 10 ވަނަ އަހަރީ ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ނައިބް ރައީސް ވިދާޅުވީ، އާންމު ދިރިއުޅުމުގައާއި، ޚާއްޞަކޮށް ވަޒީފާގެ މާހައުލުގައި، އެކަކުގެ ޙައްޤު އޮންނަކަން ގަބޫލުކުރާ ހިނދު އަނެކާގެ ޙައްޤުގެ މަތިންވެސް ހަނދާން ކުރުމަށް، ދިވެހިރާއްޖޭގެ ވަޒީފާ ދޭ އެންމެހައި ފަރާތްތަކަށާއި ވަޒީފާ އަދާކުރާ އެންމެހައި ފަރާތްތަކަށް އިލްތިމާސް ކުރައްވާ ކަމަށެވެ. އަދި މުޖުތަމައުގައި ހުންނަ ގިނަ މައްސަލަތަކަކީ އަދުލު އިންސާފު އިސް ނުކުރުމުގެ ސަބަބުން ދިމާވާ ކަންކަން ކަމުގައި ފައިސަލް ވިދާޅުވި އެވެ. 

ނައިބް ރައީސް ވިދާޅުވީ، ވަޒީފާ އަދާކުރާ ފަރާތްތަކުގެ އިޚްލާޞްތެރިކަމާއި، ތެދުވެރިކަމާއި، އަމާނާތްތެރިކަމަކީ މުއައްސަސާއަކަށް އެންމެ ބޭނުންވާނެ ކަންތައް ކަމަށާއި، ހަމަހަމަ ކަމާއި އޯގާތެރި ކަމާއެކު މުވައްޒަފުންނާ ދޭތެރޭ ކަންތައް ކުރުމަކީ މުއައްސަސާގެ މަސައްކަތްތައް ކާމިޔާބު ކުރުމަށްޓަކައި ކުރެވޭނެ އެންމެ މުހިންމު މަސައްކަތް ކަމަށެވެ. އަދި ރާއްޖޭގެ ވަޒީފާގެ މައިދާނުގައި ބިދޭސީންގެ އަދަދު ގިނަކަން ފާހަގަ ކުރައްވައި، ބައެއް ސިނާއަތްތަކުގައި ބޮޑެތި މުސާރަދޭ މަތީ މަޤާމުތަކުގައި ބިދޭސީން މަސައްކަތްކުރާތަން ފެންނަކަން ފާހަގަ ކުރައްވާ ފަައިސަލް ވިދާޅުވީ ޤައުމު ތަރައްޤީވެގެން ދާނީ އަދި ކުރިޔަށް ދެވޭނީ ތަފާތު އެކި ޤައުމުތަކުގެ، އެކި ކަހަލަ ތަޖުރިބާ ހުރި މީހުންނާ އެކުވެސް މަސައްކަތްކުރެވިގެންކަން ގަބޫލު ކުރަންޖެހޭ ކަމަށެވެ. 

ނަމަވެސް، ދިވެހިރާއްޖެއަކީ މިއަދު ހުނަރުވެރި ޒުވާން އާބާދީއެއް އޮތް ޤައުމެއް ކަމުގައި ވިދާޅުވެ، ވަޒީފާތައް ދިނުމުގައި ދިވެހިންނަށް އިސްކަން ދިނުމަށް، ރާއްޖޭގައި ވަޒީފާދޭ ހުރިހާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިލްތިމާސް ކުރެއްވިއެވެ.

ނައިބް ރައީސް ވިދާޅުވީ ވަޒީފާ އަދާކުރާ ފަރާތްތަކަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ މަސައްކަތެއް ކަމަށެވެ. އަދި އެކަމަށްޓަކައި، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ހުރިހާ ފަރާތްތަކެއްގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ޤައުމުގެ ތަރައްޤީއާއި އިޤްތިޞާދީ ދުވެލީގެ މައްޗަށް ވެސް ބައްލަވައިލެއްވިއެވެ. އެގޮތުން، ދިވެހިރާއްޖެ ކުރިއަރައި ދިއުމާއި، އިޤްތިޞާދު ވަރުގަދަކުރުމަށްޓަކައި ވެސް ރާއްޖޭގެ ވަޒީފާގެބާޒާރުގައި ދިވެހިން ހަރަކާތްތެރިވާ މިންވަރު އިތުރުކޮށް، ދިވެހިރާއްޖެއަށް ލިބޭ އާމްދަނީ ޤައުމުގައި ހިފެހެއްޓޭނެ ގޮތެއް ހެދުން މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަ ކުރެއްވިއެވެ. އަދި، ސަރުކާރުން އިތުރު އަހައްމިޔަތުކަމެއް ދީގެން ވަޒީފާތަކަށް ދިވެހި ޒުވާނުން ހޭނުމަށްޓަކައި ދޭންޖެހޭ އެކިއެކި ތަމްރީނުތައް ދީ، ދިވެހި ޒުވާނުންނަށް ވަޒީފާގެ ބާޒާރުގައި އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދާނެ ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް