ކ. މާލެ
|
6 މެއި 2019 | ހޯމަ 09:05
ޑިއެގޯ ގޮޑިން
ޑިއެގޯ ގޮޑިން
ގެޓީ އިމޭޖަސް
ޑިއެގޯ ގޮޑިން
އިންޓައަށް ބަދަލުވާން ގޮޑިން އެއްބަސްވެއްޖެ
ގޮޑިންގެ އެއްބަސްވުން މި ސީޒަނަށްފަހު ހަމަވާނެ

އެޓްލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ޑިއެގޯ ގޮޑިން އިންޓަމިލާނަށް ބަދަލުވާން އެއްބަސްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އިޓަލީގެ ނޫސްތަކުން ބުނީ، އުރުގުއޭގެ ޑިފެންޑަރ އެޓްލެޓިކޯއާއެކު ހަދާފައިވާ އެއްބަސްވުން މި ސީޒަނަށްފަހު ހަމަވާ ކަމަށާއި، ނަމަވެސް އޭނާ އެއްބަސްވުން އާކުރަން ބޭނުންނުވާ ކަމަށެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުން ގޮޑިންގެ އެއްބަސްވުން ހަމަވުމުން، އޭނާ އެހެން ކްލަބަކަށް ބަދަލުވާނީ ފްރީ ޓްރާންސްފާއެއްގެ ދަށުންނެވެ. އަދި އޭނާ ބޭނުންވަނީ ބޮޑު މުސާރައެއްދޭ ކްލަބަކަށް ބަދަލުވާންކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

އުމުރުން 33 އަހަރުގެ ގޮޑިން ހޯދުމަށް އިންޓަގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑާއި، އޭސީ މިލާން އަދި ޔުވަންޓަސްއިން ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މީގެ ކުރިން ވިޔަރެއާލްއަށް ވެސް ކުޅެފައިވާ ގޮޑިން އެޓްލެޓިކޯއަށް ބަދަލުވީ 2010 ވަނަ އަހަރުގެ ސީޒަނުގައެވެ. އޭނާ ވަނީ މިހާތަނަށް އެޓީމަށް ކުޅުނު 380 މެޗުގައި 26 ލަނޑު ކާމިޔާބުކޮށްފައެވެ.

ގޮޑިން ވަނީ އެޓްލެޓިކޯއާއެކު ލަލީގާ، ކޮޕާޑެލްރޭ، ޔުއެފާ ޔޫރޮޕާ ލީގު ދެފަހަރު، ސްޕެނިޝް ސުޕަ ކަޕް، ޔުއެފާ ސުޕަކަޕް ތިންފަހަރު އަދި ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ދެ ފަހަރު ހޯދާފައެވެ.

އުރުގުއޭގެ ގައުމީ ޓީމަށް ކުޅުނު 126 މެޗުގައި 8 ލަނޑު ކާމިޔާބުކޮށްފައިވާ ގޮޑިން ވަނީ އެޓީމާއެކު 2011 ވަނަ އަހަރު އޮތް ކޮޕަ އެމެރިކާވެސް ކާމިޔާބުކޮށްފައެވެ.

- ކޮމެންޓް