ކާބޯތަކެތީގެ އަގު ކޮންޓްރޯލްކުރުމަށް މާލޭގައި މާރުކޭޓްތަކެއް އެޅުމަށް ނިންމައިފިއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފް ވިދާޅުވީ، ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހައްދާ ކާބޯތަކެތި ވިއްކުމަށް ވަގުތީ މާރުކޭޓްތަކެއް އެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، ހޯމަ ދުވަހު އެ މާރުކޭޓްތައް ހުޅުވާލެވޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.
ތަކެތީގެ އަގު ކޮންމެ ރަމަޟާން މަހަކާ ދިމާކޮށް ތަކެތީގެ އަގު އަތްނުފޯރާ ފަށަށް ބޮޑުވެގެންދާކަން ފާހަގަކުރައްވަމުން ޝަމާއު ވިދާޅުވީ، މިފަހަރު ތަކެތީގެ އަގު ކޮންޓްރޯލްކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދީފައިވާނެ ކަމަށާއި، ގިނަ ސަރަހައްދުތަކުގައި މާރުކޭޓްތަކެއް ހުޅުވާލެވުމުން ދަނޑުވެރިކަންކުރާ ފަރާތްތަކަށް ވިޔަފާރިކުރަން ފުރުސަތު ހުޅުވާލެވިގެންދާނެ ކަމަށެވެ.
ޝަމާއު ވިދާޅުވީ، ވަގުތީ މާރުކޭޓެއް ވިލިމާލޭގައި އެޅުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، މާލޭގެ ވެސްޓް ޕާކް ސަރަހައްދުގައިވެސް ވަގުތީ މާރުކޭޓެއް އެޅުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށެވެ. އަދި މި ދެ ވަގުތީ މާރުކޭޓުން ހޯމަ ދުވަހު ހުޅުވާލެވޭވަރުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ދެ މާރުކޭޓުގެ އިތުރުން ކުރިޔަށް އޮތް ދެތިން ދުވަސް ތެރޭގައި އެމްޕީއެލް ނޯތު ހާބަރ ތެރޭގައިވެސް ވަގުތީ މާރުކޭޓެއް ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޝަމާއު ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން ޝަމާއު ވިދާޅުވީ، އިކޮނޮމިކް މިނިސްޓްރީގެ އެދުމުގެ މަތިން އަމިއްލަ ފަރާތްތަކުގެ ހުސްޖާގަތަކުގައި މާރުކޭޓްތައް ހިންގުމަށް ހުޅުވާލާފައިވާ ކަމަށާއި، އެފަދަ މާރުކޭޓުތައް ރަށުތެރޭގައި މިހާރުވެސް އަޅަމުން އަންނަ ކަމަށެވެ.
އެސްޓީއޯއިން ރަށްރަށަށް ވަޑައިގެން އެ ރަށްރަށުގައި ދަނޑުވެރިކަންކުރާ ފަރާތްތަކާ ބައްދަލުކުރައްވަމުން ގެންދަވާ ކަމަށާއި، ކުރިޔަށް އޮތް ހަފްތާއެއްހާ ދުވަސް ތެރޭގައި ރާއްޖޭގެ އުފެއްދުންތަކުގެ އަގު ކޮންޓްރޯލްކުރެވި، ރައްޔިތުންނަށް ހެޔޮ އަގުގައި ކާބޯތަކެތި ލިބިގެންދާނެ ކަމަށެވެ.
ޝަމާއު ވިދާޅުވީ، ދަނޑުވެރިމީހާ އުފައްދާ ތަކެތި ގެނެސް ވިއްކުމުން، މާރުކޭޓުގައި ވިއްކަނީ ތިންވަނަ ފަރާތެއް މެދުވެރިކޮށް ކަމަށާއި، އެއީ ތަކެތީގެ އަގު އުފުލުމަށް މެދުވެރިވާ މައިގަނޑު ސަބަބު ކަމަށެވެ. ނަމަވެސް އެކަން ބަދަލުކުރުމަށް ސިޓީ ކައުންސިލްގެ މުވައްޒަފުންތަކެއް މާރުކޭޓްތަކުގައި ހަރަކާތްތެރިވާނެ ކަމަށް ޝަމާއު ވިދާޅުވިއެވެ.
ރޯދަމަހާ ދިމާކޮށް ތަކެތީގެ އަގު އިންތިހާ އަށް ބޮޑުވެފައިވާ އިރު ބައެއް ތަކެތީގެ އަގު ބޮޑެވެފައި ވަނީ ބާޒާރުގައި އެތަކެތި މަދުވުމުން ކަމަށް ވިޔަފާރިވެރިން ބުނެއެވެ. އަނެއް ބައި ތަކެތި ބާޒާރުގައި ގިނަ ނަމަވެސް ރޯދަ މަހާ އެކު ތަކެއްޗަށް އޮތް ޑިމާންޑް އުފުލުމުން އަގުތައް ވަނީ ބޮޑުކޮށްފައެވެ.