ޕްރިމިއާ ލީގުގައި ވަޓްފޯޑް ބަލިކޮށް ޗެލްސީން ލީގުގެ ތިންވަނަ ޔަގީންކޮށްފިއެވެ.
އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗު ވަޓްފޯޑްއާ ވާދަކޮށް ޗެލްސީން މެޗު ކާމިޔާބުކުރީ 0-3 ގެ ނަތީޖާއަކުންނެވެ.
ޗެލްސީ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުންދިޔައީ އެޓީމުންނެވެ. އެގޮތުން ވަޓްފޯޑްގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް އެޓީމުން ވަނީ އުފައްދާފައެވެ.
މި ހާފްގައި ވަޓްފޯޑަށްވެސް ވަނީ މަދުން ނަމަވެސް ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. ވަޓްފޯޑްގެ ފަރާތުން މި ހާފްގައި ފެނުނީ ހުސް ޑިފެންސްކުރާތަނެވެ.
އެގޮތުން އެޓީމުން ވަނީ ފުރަތަމަ ހާފްގައި ޗެލްސީ ހިފަހައްޓާފައެވެ. ފުރަތަމަ ހާފް ނިމުނީ ދެޓީމުންކުރެ ޓީމަކަށްވެސް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
Two goals.
— Chelsea FC (@ChelseaFC) May 5, 2019
Two minutes.
Two nil.#CHEWAT pic.twitter.com/loU4v1CDBj
ދެވަނަ ހާފް ފެށިގެން ޗެލްސީން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު 48 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އެޑެން ހަޒާޑްގެ އެހީތެރިކަމާއެކު ލޮފްޓަސް ޗީކްއެވެ.
އޭގެ ތިން މިނެޓު ފަހުން ޗެލްސީން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު ހަޒާޑްގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ޑޭވިޑް ލުއިޒްއެވެ. މި ލަނޑަށްފަހުވެސް ޗެލްސީއަށް ލީޑު ފުޅާކުރަން ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވިއެވެ.
ޗެލްސީގެ ތިންވަނަ ލަނޑު 75 ވަނަ މިނެޓުގައި ކާމިޔާބުކުރީ ޕެޑްރޯގެ އެހީތެރިކަމާއެކު ގޮންޒާލޯ ހިގުއެންއެވެ. މެޗުގެ ފަހުވަގުތުކޮޅު ތެރޭގައި ދެޓީމުންވެސް ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ.
މި ނަތީޖާއާއެކު ޗެލްސީ އޮތީ ކުޅުނު 37 މެޗުން ލިބުނު 71 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ތިންވަނައިގައެވެ. މެޗުން ބަލިވި ވަޓްފޯޑް އޮތީ ކުޅުނު 37 މެޗުން ލިބުނު 50 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 10 ވަނައިގައެވެ.
ޕްރިމިއާ ލީގުގައި މި ސީޒަނުގައި ޗެލްސީ ކުޅުނު 37 މެޗުގެ ތެރެއިން 21 މެޗުން އެޓީމު މޮޅުވެފައިވާއިރު، 8 މެޗުން ވަނީ ބަލިވެފައެވެ. ބާކީ 8 މެޗު ނިމުނީ އެއްވަރުވެގެންނެވެ.