ކ. މާލެ
|
5 މެއި 2019 | އާދީއްތަ 23:14
އިންސްޓަގްރާމް
ޖަސްޓިން ބީބަރ - އެޑް ޝީރަން
ޖަސްޓިން ބީބަރ އާއި އެޑް ޝީރަން ލަވައެއް ރިލީޒް ކުރަނީ؟
ޖަސްޓިން އާއި އެޑް ފުރަތަމަ އެކުގައި ލަވައެއް ރިލީޒްކޮށްފައި ވަނީ 2015 ވަނަ އަހަރު، އެއީ 'ލަވް ޔުއަރސެލްފް'

ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިން، ޖަސްޓިން ބީބަރ އާއި އެޑް ޝީރަން އެކުގައި ލަވައެއް ރިލީޒް ކުރަން އުޅޭ ކަމުގެ އަޑުތައް ފެތުރެން ފަށައިފިއެވެ.

މި އަޑުތައް ފެތުރެން ފެށީ، ދެ މީހުން އިންސްޓަގްރާމް މެދުވެރިކޮށް ކޮށްފައިވާ މުއާމަލާތްތަކެއްގެ ސަބަބުންނެވެ.

އެ ގޮތުން، ފުރަތަމަ ޖަސްޓިން ވަނީ އޭނާ އާއި އެޑްގެ ފޮޓޯޝޮޕްކޮށްފައިވާ ފޮޓޯއެއް އިންސްޓަގްރާމް ކޮށްފައެވެ. ފޮޓޯގައި ދެ މީހުން ވެސް ބޮލުގައި ކުލަ ޖައްސައިގެން ޓީޝަރޓް ލައިގެން ހުންނަތަން ފެންނަ އިރު، ޖަސްޓިން އެ ފޮޓޯގެ ކެޕްޝަނަކަށް ޖަހާފައި ވަނީ "10"އެވެ. އެ އަށް ފަހު، ހަމަ އެ ކެޕްޝަނާ އެކު ފެހި ސްކްރީނެއް ކުރިމަތީ ނަގާފައިވާ މި ފޮޓޯގެ އެހެން ދެ އެޑިޓެއް ވެސް އޭނާ ޝެއާކޮށްފައި ވެއެވެ.

އެޑް ވެސް ވަނީ އޭގެ އެޑިޓެއް އޭނާގެ އިންސްޓަގްރާމްގައި ޝެއާކޮށްފައެވެ. އޭގެ ކެޕްޝަންގައި ވެސް "10" ހިމަނާފައި ވެއެވެ.

މިކަމާ ގުޅިގެން ޖަސްޓިން އާއި އެޑް އެކުގައި ލަވައެއް ރިލީޒް ކުރަނީ ކަމަށް ފޭނުން ގަބޫލު ކުރިއެވެ.

ޖަސްޓިން އާއި އެޑްގެ މެނޭޖަރުން ކަމަށްވާ ސްކޫޓަރ ބްރައުން އާއި ސްޓުއާޓް ކޭމްޕް، ވެސް ވަނީ އެ ދެ މީހުންގެ ފޮޓޯގެ އެޑިޓްތަކެއް ޝެއާކޮށްފައެވެ. ހަމަ އެ ކެޕްޝަނާ އެކުއެވެ.

މީގެ އިތުރުން، ޖަސްޓިން އާއި އެޑް ވަނީ ދެ މީ ހުންގެ ލަވައެއް ބޭނުންތޯ އަހާ ޕޯލްއެއް ފަށާފައެވެ.

އެ އަށް ފަހު، މިހާރު ޖަސްޓިން ދަނީ މި ފަދަ އެހެން ކްރިޕްޓިކް މެސެޖެއް ޝެއާ ކުރަމުންނެވެ. މިހާރު އޭނާ ޝެއާ ކުރަނީ ނަމްބަރު "7" އެވެ.

"ސޮރީ" ލަވަ ކިޔާފައިވާ ޖަސްޓިން އާއި "ޝޭޕް އޮފް ޔޫ"ގެ ލަވަކިޔުންތެރިޔާ އެޑް މީގެ ކުރިން ވެސް އެކުގައި ލަވައެއް ރިލީޒްކޮށްފައި ވެއެވެ. އެއީ 2015 ވަނަ އަހަރު ރިލީޒް ކުރި "ލަވް ޔުއަރ ސެލްފް" އެވެ.

ސޯޝަލް މީޑިއާ ބޭނުންކޮށްގެން ފޭނުންނަށް މިފަދަ ހިންޓްތައް ދިނުމަކީ މިހާރު ވަރަށް ގިނަ ތަރިން ކުރާ ކަމަކެވެ. އެގޮތުން، ދާދި ފަހުން ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓް ވަނީ މިފަދަ މެސެޖްތަކަކަށް ފަހު އޭނާގެ ލަވަ "މީ،" ވީޑިއޯއާ އެކު ރިލީޒްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް