ކްރިމިނަލް ކޯޓުން ފޮނުވި ޗިޓުގައި ނުބައި ތާރީޚެއް ލިޔެފައި އޮތުމުން، އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުއާއި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ދެބެއިންދެދަރި ކޮއްކޮ ހުސެއިން ޝާހިދުގެ މައްޗަށް ހިންގާ ޝަރީއަތުގެ އަޑުއެހުން ކެންސަލް ކޮށްފި އެވެ.
ޒިޔަތު އާއި ޝާހިދުގެ މައްޗަށް އުފުލާފައިވަނީ ޚިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާ ކޮށްފައިވަނީ 2014 ވަނަ އަހަރުގެ ތެރޭގައި އެމްއެމްޕީއާރްސީ އަށް ލިބުނު ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު (15 މިލިއަން ރުފިޔާ) އަށް ޚިޔާނާތްތެރިވި މައްސަލައިގަ އެވެ. ދައުވާގައިވާ ގޮތުން، ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަކުން، ޝާހިދުގެ އެކައުންޓަށް ޑޮލަރުތައް ވަނީ ޖަމާކޮށްފަ އެވެ.
އެ މައްސަލައިގައި މިދިޔަ ޖެނުއަރީ 10 ވަނަ ދުވަހު ޒިޔަތުއާއި ޝާހިދުގެ މައްޗަށް ދައުވާކުރި އިރު، ފުރަތަމަ އަޑުއެހުން ބާއްވާފައިވަނީ ޖެނުއަރީ 26 ވަނަ ދުވަހު އެވެ.
އެ އަޑުއެހުމުގައި ދައުވާ އިއްވުމުން ޒިޔަތުގެ ވަކީލު ވިދާޅުވީ ލިޔުންތައް ލިބުމުން ޖަވާބުދާރީވާނެ ކަމަށެވެ. ޝާހިދު ވަނީ ދައުވާ އަށް އިންކާރުކޮށް، ވަކީލެއް ހަމަޖެއްސުމަށް 15 ދުވަސް ދިނުމަށް އެދިފަ އެވެ.
އެ މައްސަލައިގައި ދައުވާ އަށް ޖަވާބުދާރީވުމަށް އާދިއްތަ ދުވަހު ތާވަލުކުރި އަޑުއެހުން ކެންސަލް ކުރަންޖެހުނީ، ޒިޔަތު ހާޒިރުކޮށްދިނުމަށް ކްރިމިނަލް ކޯޓުން ކަރެކްޝަނަށް ފޮނުވި ޗިޓުގައި ނުބައި ތާރީޚެއް ލިޔެވިފައި އޮތުމުންނެވެ. ޗިޓުގައި ނުބައި ތާރީޚެއް އޮތުމުން ޒިޔަތު ހާޒިރުކުރެވޭ ގޮތެއް ނުވި އެވެ.
ޅ. މާބިންހުރާ ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާ އަށް ޚިޔާނާތްތެރިވި މައްސަލައިގައި ޒިޔަތު މިހާރު ވެސް ހުންނެވީ 8 އަހަރުގެ ޖަލު ހުކުމެއްގަ އެވެ.
ޚިޔާނާތުގެ މައްސަލައާ ގުޅިގެން ޝާހިދު ހުރީ ފުލުހުންގެ ބަންދުގަ އެވެ.
މި މައްސަލައިގައި ދެން އަޑުއެހުމެއް ބާއްވާނެ ދުވަހެއް ކްރިމިނަލް ކޯޓުން ހާމައެއް ނުކުރެ އެވެ.