މަޓާޓޯއިން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކު ބާއްވާ މޯލްޑިވްސް ޓެރެވަލް އެވޯޑްސްގެ 2019 ވަނަ އަހަރުގެ އެޑިޝަން ލޯންޗްކޮށްފިއެވެ.
ހޮނިހިދު ދުވަހު ގްރޭންޑް ޕާކްކޮށްދިއްޕަރުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެވޯޑް ހަފުލާ ރަސްމީކޮށް ލޯންޗްކޮށްދެއްވީ މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސްއެެވެ. އެވޯޑްސް ލޯންޗްކުރުމުގެ އިތުރުން މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2019ގެ ޕާޓްނަރުންނާ އެކު އެއްބަސްވުންތަކުގައި ސޮއިކުރުން ވެސް މި ރަސްމިއްޔާތުގައި ކުރިއަށް ގެންގޮސްފައިވެއެވެ.
މި ފަހަރުގެ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ޕާޓްނަރުންގެ ގޮތުގައި މަޓާޓޯ އިން ސޮއިކޮށްފައި ވަނީ:
- އޮންލައިން މީޑިއާ ޕާޓްނަރަކަށް: އަވަސް އޮންލައިން
- އޮފިޝަލް ޓެބްލޮއިޑް/ޕަބްލިޝިން ޕާޓްނަރަކަށް: އައިލެންޑް ޗީފް
- ޓްރެވަލް މީޑިއާ ޕާޓްނަރަކަށް: މޯލްޑިވްސް އިންސައިޑަރ
- މާކެޓިންގ ޕާޓްނަރަކަށް: ބްލަކް
- ޕްރިންޓިން ޕާޓްނަރަކަށް: ޕްރިންޓް ލެބް
- ކްރިއޭޓިވް ޓެކްނޮލޮޖީ ޕާޓްނަރަކަށް: ލޫޕް ކްރާފްޓް
- ބެވަރޭޖް ޕާޓްނަރަކަށް: ކޮކާ ކޯލާ
- ޕްރޮޑަކްޝަން ޕާޓްނަރަކަށް: ލިކްސް
- ފޮޓޯގްރަފީ ޕާޓްނަރަކަށް: އެލީޒް
- ސްޓްރެޓީޖިކް ޕާޓްނަރުން: ގެސްޓް ހައުސް އެސޯސިއޭޝަން / ވުމެން އެންޓަޕްރިނާޒް އެސޯސިއޭޝަން
ސޮއިކުރުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް ވިދާޅުވީ މި އަހަރުގެ ޓްރެވަލް އެވޯޑްސް އެހެން އަހަރުތަކަށް ވުރެން ފުރިހަމަ ކުރުމަށް މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އެގޮތުން މި އަހަރުގެ އެވޯޑަކީ ޓްރިޕް އެޑްވައިޒަރއާ އެކު އެސޯސިއޭޓް ވެގެން ކުރިޔަށް ގެންދާ އެވޯޑެއް ކަމަށް ގިޔާސް ވިދާޅުވިއެވެ. އަދި މި ފަހަރުގެ އެވޯޑް ދިނުމުގައި ޓްރިޕް އެޑްވައިޒަރއިން ބޭނުންކުރާ ސްކޯރިންގ ސްޓެންޑަރޑްތައް ބޭނުން ކުރެވިގެން ދާނެ ކަމަށް ވެސް ގިޔާސް ވިދާޅުވިއެވެ.
ޓުއަރިޒަމް ދާއިރާގައި ހަރަކާތްތެރިވާ މީހުންގެ އަގުވަޒަން ކުރުމުގެ ގޮތުން ދިވެހި ޓްރެވަލް އޭޖެންޓުންނާއި ޓުއަރ އޮޕަރޭޓަރުންގެ ޖަމިއްޔާ، މަޓާޓޯއިން އިންތިޒާމް ކޮށްގެން ބާއްވާ މޯލްޑިވްސް ޓްރެވަލް އެވޯޑްސްއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކެއްގެ ބައިވެރިވުމާ އެކު ބާއްވާ އެވޯޑް ހަފުލާއެކެވެ. މި އެވޯޑުގެ އެޑިޝަންތަކުގެ ތެރޭގައި ގެސްޓްހައުސް އެޑިޝަން، ގާލާ އެޑިޝަން އަދި ޕީޕަލްސް އެޑިޝަން ހިމެނެއެވެ. މިއީ މަޓާޓޯ އިން 2012 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ އެވޯޑެކެވެ.