އިންޑިއާގެ ބަޖެޓް އެއާލައިނެއް ކަމަށްވާ ''ގޯއެއާ''އިން ރާއްޖެއަށް ކުރަމުން އަންނަ ދަތުރުތައް ޖުލައި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ވަގުތީ ގޮތުން ހުއްޓާލަން ހަމަޖެހިފައިވާ ކަމަށް އެ އެއާލައިނުން ބުނެފިއެވެ.
ގޯއޭއާ އިން މިހާރު ހަފްތާއަކު ދެ ދަތުރު މާލެ އާއި ބެންގަލޫރާ ދެމެދު، މާލެއިން ވެރިރަށް ދިއްލީއަށް ތިން ދަތުރު އަދި މާލެއިން މުމްބާއީ އަށް ހަތަރު ދަތުރު ކުރެއެވެ.
މެއި މަހުގެ ނުވަޔަކުން ފެށިގެން މާލެ އާއި މުމްބާއީއާ ދެމެދު ކުރަން ހަމަޖެހިފައި ވަނީ ދެ ދަތުރެވެ. ގޯއެއާއިން ނެރުނު ބަޔާނެއްގައި ބުނީ، އެ އެއާލައިނުން ދުނިޔޭގެ އެކި ކަންކޮޅު ދަތުރު ކުރަނީ މޫސުމާއި ޑިމާންޑަށް ބަލާފައި ކަމަށެވެ.
އެގޮތުން ކުރިއަށް އޮތް ދުވަސްތަކަކީ ރާއްޖެއަށް ވާރޭވެހޭ މޫސުމަކަށް ވާތީވެ މާލެއަށް ކުރާ ދަތުރުތައް ޖުލައި މަހުން ފެށިގެން އޮކްޓޫބަރު މަހާ ހަމަޔަށް ވަގުތީ ގޮތުން ހުއްޓާލާނެ ކަމަށެވެ. އޭގެ ފަހުން ދަތުރުތައް އަލުން ފަށާނީ މެނޭޖްމެންޓާ މަޝްވަރާ ކޮށްފައި ކަމަށް އެއެއާލައިނުން ބުންޏެވެ.
ރާއްޖެއާ ބެންގަލޫރާ ދެމެދު ޑައިރެކްޓްކޮށް ގޯއެއާގެ އިތުރުން އިންޑިގޯ އެއާލައިނުން ދަތުރުކުރާއިރު، ގޯއޭއާގެ ފްލައިޓްތައް ޖުލައި މަހުން ފެށިގެން ހުއްޓާލުމުން މާލެއާ ދިއްލީއާ ދެމެދު ޑައިރެކްޓް ފްލައިޓެއް ނޯންނާނެއެވެ.
އަހަރަކު 3.9 ބިލއަން ޑޮލަރުގެ ފައިދާއެއް ލިބޭ ވާދިއާ ގްރޫޕް އިން އޮޕަރޭޓް ކުރާ ގޯއެއާގެ ދަތުރުތައް ރަސްމީ ގޮތުން ފަށައި ފުރަތަމަ ދަތުރު ކޮށްފައިވަނީ 2005 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު އިންޑިއާގެ މުމްބާއީން އަހްމަދު އާބާދަށެވެ.
އިންޑިއާ އިން ތައިލެންޑްގެ ޕުކެޓަށް ކުރި ދަތުރާއެކު އެއެއާލައިނުގެ އިންޓަނޭޝަނަލް ދަތުރުތައް ވަނީ ފަށާފައެވެ ރާއްޖެއަށް ދަތުރު ފަށާފައިވަނީ އޮކްޓޫބާރު މަހުގެ 14 ވަނަ ދުވަހުއެވެ.