Advertisement
ކ. މާލެ
|
26 ފެބްރުއަރީ 2017 | އާދީއްތަ 17:42
ސައުދީ ރަސްގެފާނު ސަލްމާނާއި ރައީސް ޔާމީން
ސައުދީ ރަސްގެފާނު ސަލްމާނާއި ރައީސް ޔާމީން
އަލްއަރަބިއްޔާ
ފ. އަތޮޅު
ސައުދީ ރަސްގެފާނުގެ ދަތުރުފުޅު: ފ. އަތޮޅު އެއްބަސްވުމުގައި ސޮއިކުރައްވާނެ!
ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާނީ ޖަޕާން ދަތުރުފުޅަށް ފަހު
އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ޚާއްސަ ހަފްލާއެއް

ސައުދީ ރަސްގެފާނު  ސަލްމާން ބިން އަބްދުލްއަޒީޒް އަންނަ މާޗް މަހު ރާއްޖެ އަށް ކުރައްވާ ދަތުރުފުޅުގައި، ފ. އަތޮޅުގައި ހިންގާ "ބިޔަ ބޮޑު މަޝްރޫއުގެ" އެއްބަސްވުމުގައި ސޮއިކުރައްވާ ގޮތަށް ހަމަޖެހިފައިވާކަން ރާއްޖެއެމްވީ އަށް އެނގިއްޖެ އެވެ.

 

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވި ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ، ސައުދީ ރަސްގެފާނު އޭޝިއާގެ ބައެއް ގައުމުތަކަށް އާދިއްތަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ޝެޑިއުލްގައިވާ ގޮތުން ރާއްޖެ ވަޑައިގަންނަވާނީ މާޗް މަހުގެ 15 ވަނަ ދުވަހު ކަމަށެވެ.

 

ސައުދީ ރަސްގެފާނުގެ އޭޝިއާ ދަތުރުފުޅުގެ ފަހު މަންޒިލެއްގެ ގޮތުގައި ރާއްޖެ ހަމަޖައްސަވާފައިވާއިރު، މާޗް 27 ވަނަ ދުވަހާ ހަމައަށް ރާއްޖޭގައި ހުންނަވާނެ އެވެ.

 

އެގޮތުން، ރަސްގެފާނު ސަލްމާންގެ ދަތުރުފުޅުގައި ފ. އަތޮޅުގައި ހިންގާ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ދެ ގައުމުގެ ސަރުކާރުން އެއްބަސްވެފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އެއްބަސްވުމުގައި ސޮއިކުރުމަށް ޚާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

 

މާޗް މަހުގެ 15 ވަނަ ދުވަހު ރަސްގެފާނު ސަލްމާން ރާއްޖެ ވަޑައިގަންނަވާއިރު، އެ މަނިކުފާނާއެކު ބޮޑު ވަފުދެއް ރާއްޖެ ވަޑައިގަންނަވާނެ އެވެ. އެގޮތުން ސަލްމާން ރަސްގެފާނާއި ވަފުދު ރާއްޖެ ވަޑައިގަންނަވާނީ ފަސް ޖެޓުގަ އެވެ.

 

އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ރަސްގެފާނު ސަލްމާން ރާއްޖޭގައި ޗުއްޓީ ހޭދަކުރައްވާގޮތްަށް ވަނީ ހަމަޖެހިފައެވެ. އެމަނިކުފާނު ޗުއްޓީ އަށް މާލެ އަތޮޅުގެ ތިން ރިސޯޓެއް ވަނީ 13 ދުވަހަށް ބުކް ކޮށްފަ އެވެ.

 

ސައުދީ އިން ފ. އަތޮޅުގައި ހިންގަން ނިންމާފައިވާ މަޝްރޫއުގެ ދަށުން، އެ އަތޮޅު ހިމިތިއާއި ގިނަ އަދަދެއްގެ ފަޅުތައް ނަގާނެ އެވެ. ފަޅުތައް ހިއްކައިގެން އެއް މިލިއަން މީހުންނަށް ދިރިއުޅެވޭ ފަދަ ސިޓީއެއް ހަދާނެ އެވެ. އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތިން ފޭސް އަކަށް ބަހާލައިގެންނެވެ.

 

މަޝްރޫއުގެ ފުރަތަމަ ފޭސްގައި 70 އަށް ވުރެ ގިނަ އިމާރާތް ބިނާކުރަން ނިންމާފައިވާއިރު، އެ ފޭސްގައި ހިއްކުމަށް ހަމަޖެހިފައިވަނީ ހިމިތި އާއި އެ ރަށާ ގުޅިފައިވާ ތިން ނޯޓިކަލް މޭލުގެ މާވަރު ފަޅެވެ. ދެވަނަ ފޭސް އާއި ތިން ވަނަ ފޭސްގައި ފ. އަތޮޅުގެ އެހެން ފަޅުތައް ހިއްކާނެ އެވެ.

 

މިކަމާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވީ ސައުދީ ރަސްގެފާނު ރާއްޖެއަށް ކުރައްވާ ދަތުރުފުޅާ ގުޅޭ މައުލޫމާތު ހާމަކުރައްވާނީ ދެ ގައުމުގެ ޚާރިޖިއްޔާ އިން ކަމަށެވެ.

 

އަދި ފ. އަތޮޅު މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރާނަމަ އެކަމަކީ ދަތުރުފުޅުގެ އެޖެންޑާގައި ހިމެނޭ ކަމެއް ކަމަށާއި، އަދި މިހާތަނަށް އެ ދަތުރުފުޅާ ގުޅޭ އެއްވެސް މައުލޫމާތެއް ރައީސް އޮފީހުން ހާމަކޮށްފައިނުވާއިރު، އެޖެންޑާގައި ހިމެނޭ ކަމެއް ހާމަކުރަން ދަތި ކަމަށް މުއާޒް ވިދާޅުވި އެވެ.

 

ސައުދީ ރަސްގެފާނުގެ ދަތުރުފުޅު އާދިއްތަ ދުވަހު ފައްޓަވާފައިވާއިރު، ފުރަތަމަ ވަޑައިގެންނެވީ މެލޭޝިއާ އަށެވެ. މެލޭޝިއާ އަށް ފަހު ރަސްގެފާނު ވަޑައިގަންނަވާނީ އިންޑޮނޭޝިއާ އަށެވެ. އެގައުމުގައި 12 ދުވަހު މަޑުކުރެއްވުމަށް ފަހު، އެމަނިކުފާނު ވަޑައިގަންނަވާނީ ޗައިނާ އަށެވެ. ޗައިނާ އަށް ފަހު ޖަޕާނަށް ވަޑައިގަންނަވާއިރު، އެގައުމަށް ފަހު ވަޑައިގަންނަވާނީ ރާއްޖެ އަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޖުމާނާ ތައުފީގު
- ކޮމެންޓް
26 ފެބްރުއަރީ 2017 | އާދީއްތަ 15:30
ކައްކަކާކޯ
ދިގުމުއްދަތަކަށް ވިއްކައިފިނަމަ އެއަތޮޅުގައި ދިވެހިސިފައިން އަބަދުވެސް ތިބެންޖެހޭނެ! އެހެންނޫނީ އެއަތޮޅުގައި ސަޢުދީ ސަރުކާރުން އެއްވެސް މަސްރޫޢު އެއް ކުރިއަށް ގެންދިޔަ ނުދޭނަން! އެރައްތަކަށް އަހަރުމެން އަރާނެ ވާހަކަ ހަދާންކޮއްދެން