Advertisement
ކ. މާލެ
|
2 މެއި 2019 | ބުރާސްފަތި 08:25
އުއްތަމަފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ
އުއްތަމަފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ
ރާއްޖެ އެމްވީ
ޝަރުއީ ދާއިރާ
މަގުޗާޓުގައި އަމަލީ ކުލަ ޖެއްސޭނީ ގުޅިގެން ކުރާ ތެދުވެރި މަސައްކަތުން: އުއްތަމަފަނޑިޔާރު
މަގުޗާޓުން ދައުލަތަށް ހައިބަތާއި ކަރާމަތާއި ގަރަދު ލިބޭނެ ކަމަށް ވިދާޅުވި
ދިވެހި އުއްމަތުގެ ހައްގުގައި އެހީތެރިކަމަށް އެދިވަޑައިގެންނެވި
މަގުޗާޓު އެކުލަވާލީ ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް

ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ސުޕްރީމް ކޯޓުން އެކުލަވާލި ފަސް އަހަރު ދުވަހުގެ މަގު ޗާޓުގައި އަމަލީ ކުލަ ޖެއްސޭނީ ގުޅިގެން ކުރާ އިހްލާސްތެރި, ތެދުވެރި މަސައްކަތުން ކަމަށް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

އުއްތަމަފަނޑިޔާރު އެހެން ވިދާޅުވީ ސުޕްރީމް ކޯޓުގެ އިސް ނެގުމަށް، ޝަރުއީ ދާއިރާ އިސްލާހު ކުރުމަށްޓަކާ އެކުލަވާލި މަގުޗާޓު އިފްތިތާހު ކުރުމަށް އިސްލާމީ މަރުކަޒުގައި ބުދަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސޯލިހުގެ ކެބިނެޓުގެ ބައެއް ވަޒީރުންނާއި މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ބައިވެރިވެވަޑައިގެންނެވި އެ ހަފްލާގައި އުއްތަމަފަނޑިޔާރު ވިދާޅުވީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ މަގުޗާޓު ތަންފީޒު ކުރެވިއްޖެނަމަ، ޝަރުއީ ދާއިރާގެ މިނިވަންކަން ކަށަވަރު ކުރެވޭނެ ކަމަށާއި ފަނޑިޔާރު ގޭގެ އިލްމީ އަދި ފަންނީ ކެރިފޯރުންތެރިކަމާއި ގާބިލުކަން އިތުރު ކުރެވޭނެ ކަަމަށެވެ. މީގެ އިތުރުން އަދުލު އިންސާފަށް ފަސޭހައިން ވާސިލުވުން ކަށަވަރު ކުރެވޭނެ ކަމަށާއި ފަނޑިޔާރު ގެއަކީ ދައުލަތުގެ ހައިބަތާއި ކަރާމަތާއި ގަރަދާއި މިނިވަންކަމާއި މުސްތަގިއްލުކަމާއި އިގްތިސާދީ އަދި އިޖުތިމާއީ އަދާލު ގާއިމު ކުރެވޭނެ ތަނަކަށްވާނެ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

"ނަމަވެސް އެކަން ކުރެވޭނީ އަޅުގަނޑުމެންގެ އިހްލާސްތެރި މަސައްކަތުން ކަރުދާހުގައި ލިޔެވިފައިވާ އެއްޗެހީގައި އަމަލީ ކުލަ ޖެއްސޭނީ އަޅުގަނޑުމެން ގުޅިގެން ކުރާ ތެދުވެރި މަސައްކަތުން. އެ މަސައްކަތަށް ދައުލަތުގެ އެންމެހާ ފަރާތްތަކެއްގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވޭ،" އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ބުނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް އެކުލަވާލި މަގުޗާޓަކީ ޔޫއެންޑީޕީގެ މަޝްވަރާ އާއި ރާއްޖޭގެ ޝަރުއީ ދާއިރާއާ ގުޅޭ ގޮތުން ހަދާފައިވާ ދިރާސާތަކަށް ބަލައިގެން އެކުލަވައިލި މަގުޗާޓެއް ކަމަށެވެ. އެ މަގުޗާޓުގައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި ޖޭއެސްސީ އަލުން އެކުލަވާލުމާއި ފަނޑިޔާރުން އައްޔަން ކުރުމާއި ވަކި ކުރުމުގެ ނިޒާމު ހަރުދަނާ ކުރުމާއި ފަނޑިޔާރުން ޖަވާބުދާރީ ކުރެވޭނެ ނިޒާމެއް ގާއިމު ކުރުމާއި ފަސޭހައިން ޝަކުވާ ހުށަހެޅޭނެ ނިޒާމެއް ގާއިމު ކުރުން ހިމެނެއެވެ.

އެ މަގުޗާޓު އިފްތިތާހު ކުރި ރަސްމިއްޔާތު ނިންމަވާލައްވަމުން ދެއްކެވި ވާހަކަފުޅުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެ މަގު ޗާޓަށް ގާނޫނީ ވަކީލުންގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ. އަދި ދިވެހި އުންމަތުގެ ހައްގުގައި ކަމާ ގުޅޭ އެންމެހައި ފަރާތްތަކުން އެ މަގުޗާޓު ތަންފީޒު ކުރުމަށް މަސައްކަތް ކޮށްދެއްވުމަށް އިލްތިމާސްކުރާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑު އިލްތިމާސް ކުރަނީ ކަމާ ގުޅޭ ހުރިހާ ފަރާތްތަކުން ވެސް މިކަމުގައި އަޅުގަނޑުމެންނާ އެކު، ގައުމުގެ ހައްގުގައި ރައްޔިތުންގެ ހައްގުގައި އަދި ދިވެހި އުންމަތުގެ ހައްގުގައި މަސައްކަތް ކުރެއްވުން،" އުއްތަމަފަނޑިޔާރު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް