Advertisement
ކ. މާލެ
|
1 މެއި 2019 | ބުދަ 14:47
ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައިވާ ހުންނަވާ ސަފީރު އުމަރު އަބްދުއްރައްޒާގު
ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައިވާ ހުންނަވާ ސަފީރު އުމަރު އަބްދުއްރައްޒާގު
މުހައްމަދު ޝަރުހާން
ލަންކާ ބޮންގޮއްވުން
ލަންކާގައި ދިރިއުޅޭ ދިވެހިންނާ ދޭތެރޭ އެ ގައުމުގެ އެއްވެސް ޝަކުވާއެއް ނެތް: ސަފީރު
އެ ގައުމުން ދިވެހިންނާ ދޭތެރޭ އަމަލުކުރަމުން އަންނަނީ ވަރަށް ރަނގަޅަށް ކަމަށް ވިދާޅުވި
ގާތްގަނޑަކަށް 20000 އަށް ވުރެ ގިނަ ދިވެހިން އެ ގައުމުގައި އެކި ބޭނުންތަކުގައި ދިރިއުޅެމުންދޭ

ސްރީލަންކާގައި އުޅޭ ދިވެހިންނާ ދޭތެރޭ އެ ގައުމުން އެއްވެސް ޝަކުވާއެއް ނެތް ކަމަށް ސްރީލަންކާ އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު އުމަރު އަބްދުއްރައްޒާގު ވިދާޅުވެއްޖެއެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހު އަށް ދިން ބޮމުގެ ޓެރަރިސްޓް ހަމަލާ އަށް ފަހު ސްރީލަންކާ ސަރުކާރުން ޚާއްސަ އޮޕަރޭޝަނެއް ފަށާފައިވާއިރު، އެ ގައުމުގައި އުޅޭ ދިވެހިންނާ ގުޅޭ ގޮތުން އެ ގައުމުގެ ސަރުކާރުން އެއްވެސް ކަންބޮޑުވުމެއް ހިއްސާކޮށްފައިވޭތޯ ރާއްޖެ އެމްވީން ސުވާލު ދެންނެވުމުން، ސަފީރު ވިދާޅުވީ ދިވެހިންނާ ގުޅޭ އެއްވެސް ކަންބޮޑުވުމެއް ލަންކާ ސަރުކާރުން ހިއްސާކޮށްފައިނުވާ ކަމަށެވެ. ސަފީރު ވިދާޅުވީ ދެ ގައުމުގެ ދެ މެދުގައި އޮތީ ވަރަށް ބަދަހި ގުޅުމެއް ކަމަށާއި، އެ ގައުމުން ދިވެހިންނާ ދޭތެރޭ އަމަލުކުރަމުން އަންނަނީ ވަރަށް ރަނގަޅަށް ކަމަށެވެ. އެހެން ނަމަވެސް މި ނާޒުކު ދަނޑިވަޅުގައި ކޮންމެ ވެސް ވަރެއްގެ އުނދަގޫތަކެއް ކުރިމަތިވެދާނެ ކަމަށާއި ނަމަވެސް އެއީ ހަމައެކަނި ދިވެހިންނަށް ކުރިމަތިވާ އުނދަގޫތަކެއް ނޫން ކަމަށް ސަފީރު ވިދާޅުވިއެވެ. ސަފީރު ވިދާޅުވީ ލަންކާގެ ރައްޔިތުންނަށް ވެސް މިއީ އުނދަގޫ ދަނޑިވަޅެއް ކަމަށެވެ.

ސަފީރު ވިދާޅުވީ ސްރީލަންކާ ސަރުކާރުން މިހާރު ކުރިއަށް ގެންދާ ޚާއްސަ އޮޕަރޭޝަނުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަވެފައި ވަނީ ވިސާގެ މުއްދަތު ހަމަވެ، ވިސާ އައުނުކޮށް ގިނަ އަދަދެއްގެ ދިވެހިން ތިބުން ކަމަށެވެ. ވިސާގެ މުއްދަތު ހަމަވެ ވިސާ އައު ނުކޮށް ތިބުމަކީ ގާނޫނީ ކުށެއް ކަމަށާއި، އެ ކަމަށް ހުރިހާ ދިވެހިން ވެސް ސަމާލުކަން ދިނުމަށް ސަފީރު ވަނީ އެދިވަޑައިގެންނެވިއެވެ. ފޮރިން މިނިސްޓްރީން ވެސް ވަނީ އެކަމަށް އިލްތިމާސްކޮށްފައެވެ.

ސްރީލަންކާގައި މި ވަގުތު ތިބި ހުރިހާ ދިވެހިން ވެސް ވިސާގެ މުއްދަތު ހަމަވެފައިވޭތޯ ޗެކްކޮށް، މުއްދަތު ހަމަވެފައިވާ ނަމަ ވީހާ އަވަހަކަށް ވިސާ އައު ކުރުމަށް ސަފީރު ވަނީ އިލްތިމާސްކުރައްވާފައެވެ.

ސްރީލަންކާ ފުލުހުން ކުރިއަށް ގެންދާ ޚާއްސަ އޮޕަރޭޝަނުގެ ދަށުން ހަޔަރުކުރި މީހުންގެ ތެރޭގައި ހަ ދިވެއްސަކު ހިމެނެއެވެ. އޭގެ ތެރެއިން ހޯމަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ހަތަރު މީހަކު ގެންދެވިފައިވާއިރު، ފުލުހުން ބޭނުންވާ ލިޔެކިޔުންތައް ލިބެންދެން، އެ މީހުންގެ ބަންދުގެ މުއްދަތު އަންގާރަދުވަހު ވަނީ ތިން ދުވަހަށް ޖަހާފައެވެ.

މި ދިޔަ ބުރާސްފަތި އަދި ހުކުރު ދުވަހު ލަންކާ ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ހަ ދިވެއްސަކު ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރެއިން ހަތަރު މީހަކު މިހާރު ވަނީ ދޫކޮށްލާފައެވެ. އަނެއް ދެ މީހުންނަށް ވަނީ ބަންދުގެ މުއްދަތު ޖަހާފައެވެ. އެ ދެ މީހުންގެ ބަންދުގެ މުއްދަތު ހަމަވާނީ މި މަހުގެ 6 ވަނަ ދުވަހުއެވެ. ލަންކާގައި ހުންނަ ދިވެހި އެމްބަސީން ބުނެފައި ވަނީ ބަންދުގައި ތިބި ދިވެހިންގެ ހާލު ރަނގަޅު ކަމަށާއި، އެ މީހުންގެ ކަންތައް ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.

ގައުމުން ބޭރުގައި އެންމެ ގިނަ އަދަދަކަށް ދިވެހިން އުޅޭ ގައުމަކީ ސްރީލަންކާއެވެ. ގާތްގަނޑަކަށް 20،000 (ވިހި ހާސް) އަށް ވުރެ ގިނަ މީހުން އެ ގައުމުގައި އެކި ބޭނުންތަކުގައި ދިރިއުޅެއެވެ.

ހޯމަ ދުވަހުން ފެށިގެން މޫނާއި ކަންފަތް ނުފެންނަ ގޮތަށް ފޮރުވައިގެން އުޅުން ސްރީލަންކާގައި ވަނީ މަނާކޮށްފައެވެ. ލަންކާގެ ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، އެކަން މަނާކޮށްފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ރައީސް އަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ކަމަށެވެ. ނަމަވެސް މިއީ ވަގުތީ އެންގުމެކެވެ.

އޭޕްރީލް މަހުގެ 21 ވަނަ ސްރީލަންކާ އަށް ދިން ޓެރަރިސްޓް ބޮމުގެ ހަމަލާގައި 250 އަށް ވުރެ ގިނަ މީހުން މަރުވެ، 500 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް