Advertisement
ކ. މާލެ
|
1 މެއި 2019 | ބުދަ 12:58
އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު އަހުމަދު ހުސައިން (ހަނަފީ)
އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު އަހުމަދު ހުސައިން (ހަނަފީ)
ތަހާރަތު މުހައްމަދު ވަހީދު
އިމިގްރޭޝަން
ބޮޑު އިސްކަމެއް ދެނީ ގައުމުގެ ސަލާމަތަށް، އެތެރެވާ ފަރާތްތަކުގެ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކޮށްފިން: ހަނަފީ
އެތެރެވާ މީހުން މޮނިޓަރ ކުރުމަށް ޚާއްސަ އިސްކަމެއް އެ އިދާރާއިން ދޭ

މިހާރު އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ރާއްޖޭގެ ރައްކާތެރިކަމާއި ސަލާމަތަށް ކަމަށާއި، ރާއްޖެ އެތެރެވާ ފަރާތްތަކުގެ ސެކިއުރިޓީ ވަރުގަދަ ކޮށްފައިވާ ކަމަށް އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ވިދާޅުވެއްޖެއެވެ. 

ހަނަފީ ރާއްޖެއެމްވީއަށް ވިދާޅުވީ އަވައްޓެރި ސްރީލަންކާގައި ހިނގައިދިޔަ ހަމަލާތަކާ ގުޅިގެން އެ އިދާރާއިން ރާއްޖޭގެ ކަންތައްތައް ވަރަށް ގާތުން ބަލަމުން ދާކަމަށެވެ. އެގޮތުން ރާއްޖެ އެތެރެވާ މީހުންގެ ވިސާގެ ކަންތައްތައް ވެސް ވަރަށް ގާތުން އެ އިދާރާގެ މުއައްޒަފުން ބަލަމުންދާ ކަމަށާއި އެތެރެވާ މީހުން މޮނިޓަރ ކުރުމަށް ޚާއްސަ އިސްކަމެއް އެ އިދާރާ އިން ދެމުން އަންނަ ކަމަށެވެ.

"އެންމެ މުހިއްމު ކަމަކީ އެތެރެވާ މީހުންގެ ވިސާގެ ކަންތައްތައް ދެއްތޯ. ވިސާގެ ކަންތައްތައް ގާތުން ބެލުމަށް އަޅުގަނޑުމެންގެ މުއައްޒަފުން މިހާރު ޚާއްސަ އިސްކަމެއް ދޭނެ. އަދި ބޮޑަށް އިސްކަންދީގެން މިހާރު އަޅުގަނޑުމެން މޮނިޓަރިން ގެ ކަންތައްތައް ވެސް މިދަނީ ވަރަށް ގާތުން ބަލަމުން،" ހަނަފީ ވިދާޅުވިއެވެ. 

ސްރީލަންކާ އަށް ދިން ހަމަލާތަކާ ގުޅިގެން ރާއްޖެއަށް ވެސް އެފަދަ ހަމަލާތަކެއް އަތުވެދާނެ ކަމަށް މީގެ ކުރިން ވަނީ ރިޕޯޓް ކުރެވިފައެވެ. އެކަމާ ގުޅިގެން ރާއްޖޭގެ ސެކިއުރިޓީ ކަންތައްތައް ވަނީ ވަރުގަދަ ކޮށްފައެވެ. އެގޮތުން އިމިގްރޭޝަނުން ވަނީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ހިންގާ ޓެރަރިސްޓް އައިޑެންޓިފިކޭޝަން ޕްރޮގްރާމް (ޓީއައިޕީ) ގައި ހިމެނޭ ޕާސަނަލް އައިޑެންޓިފިކޭޝަން ސެކިއޯ ކޮމްޕެރިސަން އެންޑް އިވެލުއޭޝަން ސިސްޓަމް (ޕައިސިސް ސިސްޓަމް) ބޭނުން ކުރަން ފަށާފައެވެ. ޕައިސިސް ސިސްޓަމަކީ ގައުމުތަކަށް އެތެރެވާ މީހުން ދެނެގަނެވި ބައޮމެޓްރިކް މައުލޫމާތުގެ މައްޗަށް ބިނާކޮށް އެއީ ކާކުކަން ދެނެގަނެވޭނެ ފަދަ ސިސްޓަމެކެވެ. 

ހަނަފީ ވިދާޅުވީ ލަންކާ އަށް ދިން ހަމަލާއާ ގުޅިގެން ރާއްޖެއަށް ނުރައްކާވެދާނެ ކަމަށް ބަލައި އެ އިދާރާއިން ބޭރުގެ ސެކިއުރިޓީ އެޖެންސީތަކާ އެކު މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށެވެ. އެތެރެވާ މީހުންގެ ފަރާތުން ރާއްޖެއަށް އެފަދަ ބިރުވެރިކަމެއް އަދި ނުރައްކަލެއް ނެތްކަމުގެ ޔަގީންކަން ރާއްޖޭގެ ރައްޔިތުންނަށް ދެއްވާ ކަމަށް ވެސް ވިދާޅުވިއެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް