ކްރިސްޓިއަނުން ފާހަގަކުރާ އީސްޓަރ އާއި ދިމާކޮށް ސްރީލަންކާއަށް ދިން ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން އެ ޤައުމުގެ މައި ދެ ކޭބަލް އޮޕަރޭޓަރުން އެ ޤައުމުގައި ޕީސްޓީވީ ދެއްކުން ހުއްޓާލައިފިއެވެ.
ގިނަ ފާޑުކިޔުންތަކާއި ކޮރަޕްޝަނާއި މަނީ ލޯންޑްރިންގްގެ އިތުރުން ޓެރަރިޒަމަށް ފަންޑުކުރުމުގެ ތުހުމަތު އަމާޒުވެފައިވާ ޑރ. ޒާކިރް ނައިކް އިސްވެ ހުންނަވައި ހިންގާ ޕީސްޓީވީ ދެއްކުން ލަންކާގައި ކޭބަލް ޓީވީ އޮޕަރޭޓްކުރާ ޑައިލޮގް އަދި އެސްއެލްޓީ ކުންފުނިން ހުއްޓާލިއިރު، ލަންކާ ސަރުކާރުން އެ ޗެނަލް މަނާކުރުމަށް އަދި ނިންމާފައެއް ނުވެއެވެ.
ލަންކާގައި ރަސްމީކޮށް ޕީސްޓީވީ އަދި މަނާ ނުކުރި ނަމަވެސް، އެ ޗެނަލްއަކީ މިޙާރު ވެސް އިންޑިއާ އާއި ބަންގްލަދޭޝްގައި ދެއްކުން މަނާކޮށްފައިވާ ޗެނަލެކެވެ. މި ޗެނަލް މިހާރު ހިންގަމުންދަނީ ދުބާއީގައި ހުންނަ އެ ޗެނަލްގެ މައި އިދާރާއިންނެވެ.
ޕީސްޓީވީއަކީ ޓެރަރިޒަމަށް ހިތްވަރުދީ، އިސްލާމް ދީނުގެ ނަމުގައި ޓެރަރިސްޓް ހަމަލާތައް ހިންގާ ޖަމާޢަތްތަކަށް މީހުންގެ ހިތް ލެންބުމަށް ބޭނުންކުރާ ޗެނަލެއްގެ ގޮތުގައި އިސްލާމީ ގިނަ ޤައުމުތަކަކުން ސިފަކުރާއިރު، ބަންގްލަދޭޝްގައި އެ ޗެނަލް މަނާކޮށްފައި ވަނީ 2016 ވަނަ އަހަރު ޑާކާގެ ކެފޭއަކަށް ހަމަލާދިން ޓެރަރިސްޓުންނަކީ ޑރ. ޒާކިރް ނައިކްގެ 'ދަރުސް'ތައް އަޑުއަހައިގެން އެ ހަމަލާ ދިނުމަށް ހިތްވަރު ލިބުނު ބައެއްކަން ތަހުޤީޤުގައި ހާމަވުމުންނެވެ.
މޮޅު ވާހަކަދެއްކުންތެރިއެއްގެ ގޮތުގައި މަޝްޙޫރުވެފައިވާ ޕީސްޓީވީގެ ވެރިޔާ، ޑރ. ޒާކިރް ނައިކްއަކީ އިންޑިއާގައި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރާ އިދާރާ، ނޭޝަނަލް އިންވެސްޓިގޭޓިވް އޭޖެންސީ (އެންއައިއޭ) އިން ޓެރަރިޒަމަށް ހިތްވަރު ދިނުމުގެ ކުށުގައި މިހާރު ވެސް ހޯދަމުންދާ މީހެކެވެ. އަދި ޑރ. ޒާކިރް ނައިކް ހިންގާ އިސްލާމިކް ރިސަރޗް ފައުންޑޭޝަނަކީ ވެސް އިންޑިއާގައި މަނާކޮށްފައިވާ ޖަމާއަތެކެވެ.