ކ. މާލެ
|
1 މެއި 2019 | ބުދަ 10:30
ގައްޒާގެ އައްސޭރިފަށުގައި ފަލަސްޠީނު ރައްޔިތުން މަހަށް ނުކުންނަ ބައެއް އުޅަނދުތައް!
ގައްޒާގެ އައްސޭރިފަށުގައި ފަލަސްޠީނު ރައްޔިތުން މަހަށް ނުކުންނަ ބައެއް އުޅަނދުތައް!
މުހައްމަދު ޝަރުހާން
އިސްރާއިލް-ފަލަސްތީން
ގައްޒާގެ ރައްޔިތުންނަށް މަސްވެރިކަން ކުރުމުގެ ހުއްދަ އޮންނަ ސަރަޙައްދު އިސްރާއީލުން ކުޑަކޮށްފި
މިހާރު މަސްވެރިކަން ކުރެވޭނީ 6 ނޯޓިކަލް މޭލުގެ ސަރަޙައްދެއްގައި

ގައްޒާގެ ރައްޔިތުން މަސްވެރިކަމަށް ނުކުތުމަށް އިސްރާއީލުން ހުއްދަ ދީފައިވާ ސަރަޙައްދު ކުޑަކޮށްފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި، ގައްޒާއިން އިސްރާއީލަށް ރޮކެޓް ހަމަލާއެއް ދިން ކަމަށް ބުނެ އިސްރާއިލުން އެޅި މި ފިޔަވަޅުގެ ދަށުން، އަންގާރަ ދުވަހުން ފެށިގެން ގައްޒާގެ މަސްވެރިންނަށް މަސްވެރިކަން ކުރެވޭނީ ގައްޒާގެ އައްސޭރިފަށުން ފެށިގެން 6 ނޯޓިކަލް މޭލު ސަރހައްދެއްގައެވެ. ނިމިގެންދިޔަ އޭޕްރިލް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އަމަލުކުރުމަށް އޭރު ކަނޑައަޅާފައި އޮތް ގޮތުން ގައްޒާގެ އައްސޭރިފަށުން ފެށިގެން 15 ނޯޓިކަލް މޭލުގެ ސަރަޙައްދެއްގައި މަސްވެރިކަން ކުރުމުގެ ފުރުޞަތު އިސްރާއީލުން ވަނީ ގައްޒާގެ މަސްވެރިންނަށް ހުއްދަކޮށްފައެވެ.

އިސްރާއީލުގެ ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ އަލަށް އެޅި ފިޔަވަޅު އަޅާފައިވަނީ މުއްދަތެއް ނެތް ގޮތަށް ކަމަށެވެ. އެ މިނިސްޓްރީގެ ތަރުޖަމާނަކު ބުނެފައި ވަނީ މި ފިޔަވަޅުތަކަކީ ހޯމަ ދުވަހުގެރޭ ގައްޒާގެ ސަރަޙައްދުގެ ތެރެއިން ފޮނުވާލި ރޮކެޓަކާ ގުޅިގެން އެޅި ފިޔަވަޅުތަކެއް ކަމަށާއި، އެ ރޮކެޓް ވެއްޓިފައި ވަނީ އިސްރާއީލުގެ އައްސޭރިފަށާ ދުރަށް، މެޑިޓެރޭނިއަން ކަނޑަށް ކަމަށެވެ.

ގައްޒާގެ މަސްވެރިންނަށް އަމާޒުކޮށް ކުރިން އިސްރާއީލުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ހަނިކޮށް، އައްސޭރިފަށުން ފެށިގެން 15 ނޯޓިކަލް މޭލު ސަރަޙައްދެއްގައި މަސްވެރިކަން ކުރުމުގެ ހުއްދަ އޭޕްރިލް މަހު އިސްރާއީލުން ދީފައިވަނީ އޭޕްރިލް މަހުގެ ނުވަވަނަ ދުވަހު ބޭއްވި އިސްރާއީލުގެ އާންމު އިންތިޚާބާއި ދިމާކޮށް ގައްޒާގެ މަސްރަހު ފިނިކުރުމަށް ދިން ލުއިތަކެއްގެ ތެރެއިންނެވެ.

އިސްރާއީލުން 2008 ން ފެށިގެން މިހާތަނަށް ގައްޒާ އާއި ދެކޮޅަށް 3 ހަނގުރާމަ ކޮށްފައިވާއިރު، އިސްރާއީލުން ގައްޒާ ހިޞާރުކޮށްގެން ތިބޭތާ 10 އަހަރަށްވުރެ ގިނަދުވަސް ވަނީ ވެފައެވެ.

- ކޮމެންޓް
1 މެއި 2019 | ބުދަ 06:21
ތޮރާ
އަމިއްލަ ވަޒަނުގައި އުޅޭ ހާލު.ލޮލުންކަރުނަ އާދޭ.