Advertisement
ކ. މާލެ
|
30 އޭޕްރިލް 2019 | އަންގާރަ 18:37
މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމަށް 2015 ގައި ބޭއްވި ހިނގާލުމުގެ ތެރެއިން
މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމަށް 2015 ގައި ބޭއްވި ހިނގާލުމުގެ ތެރެއިން
ޓްވިޓަރ
މަސައްކަތްތެރިންގެ ދުވަސް
މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމަށް ހިނގާލަނީ
މި އަހަރުގެ މޭޑޭއަކީ ހަޤީޤީ މަސައްކަތްތެރިންގެ އަޑު އުފުލޭނެ މޭޑޭއަކަށް ވާނެ

މިއަހަރުވެސް ބައިނަލްއަޤުވާމީ މަސައްކަތްތެރިންގެ ދުވަސް (މޭޑޭ) ފާހަގަކުރުމަށް، މަސައްކަތްތެރިން ހުރި ކަންބޮވުންތަކާއެކު ހިނގާލުން ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ. 

ޓޫރިޒަމް އެމްޕްލޮއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) ގެ ސެކެޓްރީ ޖެނެރަލް މައުރޫފް ޒާކިރު ވިދާޅުވީ މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަހަރު ވެސް ރެލީއެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން މަސައްކަތްތެރިންގެ ދުވަހުުގެ ގޮތުގައި ފާހަގަކުރަމުން އަންނަ މެއި މަހުގެ 1 ވަނަ ދުވަހުގެ ހަވީރު މަޖީދީ މަގުގައި ރެލީ ކުރިއަށްގެންދާނެ ކަމަށާއި، އެ ރެލީގައި ގިނަ އަދަދެއްގެ މަސައްކަތްތެރިން ބައިވެރިވާނެ ކަމަށެވެ. 

ލޭބަރ ޕާޓީގައި ވެސް އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ މައުރޫފް ވިދާޅުވީ އެ ރެލީގައި ޓީމްގެ އިތުރުން ޓީޗަރސް އެސޯސިއޭޝަނުންނާއި، ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތާއި، މަަސްވެރިންނާއި، ބޯޓު ދަތުރުކުރާ ފަރާތްތަކާއި، ޕޯޓްގައި މަސައްކަތްކުރާ ޕޯޓް ވޯކާރސް ޔޫނިއަންގެ މަސައްކަތްތެރިން ވެސް ބައިވެރިވާނެ ކަމަށެވެ. އަދި މި އަހަރުގެ މޭޑޭއަކީ ހަޤީޤީ މަސައްކަތްތެރިންގެ އަޑު އުފުލޭނެ މޭޑޭއަކަށް ވާނެކަމަށް އުއްމީދުކުރާ ކަމަށް މައުރޫފް ވިދާޅުވި އެވެ.  

މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރާއިރު، މަސައްކަތްތެރިން އެންމެ ބޭނުންވާ އެއް ކަމަކީ މިނިމަމް ވޭޖް، ނުވަތަ އެންމެ ދަށް މުސާރަ ކަނޑައެޅުން ކަމަށާއި، އެޖެންޑާ 19 ގައި އެކަން ހިމެނިފައިވުމަކީ ވެސް މަސައްކަތްތެރިންނަށް ލިބުނު ބޮޑު ހިތް ހަމަޖެހުމެއް ކަމަށް މައުރޫފް ވިދާޅުވި އެވެ. އަދި އެންމެ ދަށް މުސާރަ ކަނޑައެޅުމަކީ ޤާނޫނުގައި މިހާރުވެސް ހިމެނިފައިވާ ކަމެއްކަން ފާހަގަކޮށް މައުރޫފް ވިދާޅުވީ މަޖިލީހުގެ ތެރެއިން ނޫނަސް އެންމެ ދަށް މުސާރަ ކަނޑައެޅިދާނެ ކަމަށެވެ. 

"މިނިމަމް ވޭޖަކީ ވަކި ޤާނޫނެއް ފާސްކޮށްގެން، ޤާނޫނަކުން ކަނޑައަޅާ ވަކި އަދަދެއް ނޫން. އެޔަށް ވުރެ ބޮޑަށް އެއީ މި ދެންނެވި ގޮތަށް، ދިރާސާކުރެވިގެން ކަނޑައޭޅޭ އަދަދެއް"

މަސައްކަތްތެރިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ ވެސް މެއި މަހުގެ 1 ވަނަ ދުވަހެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް