ކ. މާލެ
|
30 އޭޕްރިލް 2019 | އަންގާރަ 16:11
އަލީ އުމަރު
އަލީ އުމަރު
ގޫގުލް
އަލީ އުމަރު
އެފްއޭއެމްގެ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް އަލީ އުމަރު
 
މަގާމާއި ރަސްމީކޮށް ހަވާލުވެ ވަޑައިގެންނެވީ އޭޕްރިލް މަހުގެ 21 ވަނަ ދުވަހު

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމްގެ) ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް ކުރީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިއާ އަލީ އުމަރު ހަމަޖައްސައިފިއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަލީ އުމަރު ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީގެ މަގާމާއި ރަސްމީކޮށް ހަވާލުވެ ވަޑައިގެންނެވީ އޭޕްރިލް މަހުގެ 21 ވަނަ ދުވަހުއެވެ. 

އަލީ އުމަރު ސްޕޯރޓްސް ކޮމިޝަނަރުގެ މަގާމުން ކުއްލިގޮތަކަށް މާރޗް މަހުގެ 13 ވަނަ ދުވަހު ވަކިކޮށްފައި ވާއިރު، އެބޭފުޅާ ވިދާޅުވީ ސްޕޯރޓްސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ދުވަސްވަރު ކޮށްދެވުނު މަސައްކަތްތަކާއިމެދު ކުޅިވަރު އެސޯސިއޭޝަންތަކުން ހިތްހަމަޖެހޭ ކަމަށް އުންމީދު ކުރައްވާ ކަމަށާއި، އެ މަގާމުން ވަކިކުރެއްވި ކުރެއްވުމަކީ ސަރުކާރުގެ ނިންމުމެއް ކަމުން އެކަމަށް އިހުތިރާމް ކުރާ ކަމަށެވެ.

އަލީ އުމަރު ވިދާޅުވީ ސަރުކާރާއި އޭއެފްސީ އަދި ފީފާގެ އެހީތެރިކަމާއެކު ދިވެހި ފުޓުބޯޅަ އެހެން ލެވެލްއަކަށް ގެންދެވިދާނެ ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށާއި، އަށް ޒޯނަކަށް ބަހާލައިގެން ފުޓުބޯޅަ އެކަޑަމީ ހަދައި އެފްއޭއެމްއިން މިހާރު ވެސް ގިނަ މަސައްކަތްތަކެއް ފުޓުބޯޅަ ކުރިއެރުވުމަށް ކުރަމުން ގެންދާ ކަމަށެވެ. އަދި އިދާރީ ގޮތުން ދިމާވެފައިވާ ގޮންޖެހުންތައް ހައްލު ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް އެބޭފުޅާ ވިދާޅުވިއެވެ. 

އެފްއޭއެމްގެ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީގެ މަގާމާއި އަލީ އުމަރު ހަވާލުވެ ވަޑައިގެންނެވިއިރު އެ ބޭފުޅާ ވަނީ މީގެ ކުރިން އެފްއޭއެމްގެ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީގެ މަގާމާއި ހަވާލުވެ ނޭޕާލުގެ ކަތުމަންޑޫގައި ކުރިއަށް ދިޔަ ސާފްގެ 2019 ވަނަ އަހަރުގެ އޯޑިނަރީ ކޮންގްރެސްގައި ބައިވެރިވެޑައިގެންފަ އެވެ. އޭގެ އިތުރުން ވެސް މި ފަހަރުގެ ސާފްގެ އެކްޒެކްޓިވް މެމްބަރުންގެ ބައްދަލުވުމުގައި ވެސް ބައިވެރިވެ ވަޑައިގަތެެވެ. ސާފްގެ އެގްޒެކެޓިވް ކޮމިޓީގައި އެފްއޭއެމްގެ ފަރާތުން މީގެ ކުރިން ވެސް އެ ބޭފުޅާ ވަނީ ރާއްޖެ ތަމްސީލުކޮށްފަ އެވެ.

1999 ވަނަ އަހަރު ފުޓުބޯޅަ ކުޅެންފަށައި ޤައުމީ ޓީމަށް 14 އަހަރު ކުޅެދީ، ގިނަ ބައެއްގެ ލޯބި ހޯދާފައިވާ އަލީ އުމަރު 2013 ވަނަ އަހަރަށް ފަހު ފުޓްބޯޅަ ކެރިއަރު ނިންމަވާލެއްވުމަށް ފަހު އިދާރީ ގޮތުން ކުޅިވަރުގެ އެކިއެކި މަސައްކަތްތައް ކޮށްދެއްވައެވެ. އެގޮތުން ފީފާ އިން އެފްއޭއެމް ހިންގަން 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހު ހަވާލުކުރި ނޯމަލައިޒޭޝަން ކޮމިޓީގެ މެމްބަރެއްގެ ގޮތުގައި އަލީ އުމަރު ހުންނެވިއެވެ. އޭގެ އިތުރުން ވެސް އެފްއޭއެމްގެ ރައީސްގެ މަގާމް އަހުމަދު ތޯރިގް (ޓޮމް) ހުންނެވިއިރު ނައިބް ރައީސްގެ މަގާމް އަލީ އުމަރު އަދާ ކުރެއްވި އެވެ. އަދި މިހާރުގެ އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީގައި 2018 ވަނަ އަހަރު އެބޭފުޅާ ހުންނެވިއެވެ. 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
100%
0%
ކޮމެންޓް