ކ. މާލެ
|
30 އޭޕްރިލް 2019 | އަންގާރަ 11:28
އިރާޤާއި ސީރިއާގެ ޖަލުތަކާއި ކޭމްޕްތަކުގައި ޖަރުމަނުގެ އެތައް އައިލާއެއް ތާށިވެގައި ތިބި ކަމަށްވޭ
އިރާޤާއި ސީރިއާގެ ޖަލުތަކާއި ކޭމްޕްތަކުގައި ޖަރުމަނުގެ އެތައް އައިލާއެއް ތާށިވެގައި ތިބި ކަމަށްވޭ
މުހައްމަދު ޝަރުހާން
އައިއެސް
އައިއެސް ހަނގުރާމަވެރިންގެ އާއިލާތައް ޖަރުމަނުގައި މުޒާހަރާކޮށްފި
ޖަރުމަނުން ދަނީ އިރާޤުގައި ތިބި ޖަރުމަނު ކުދިން އަނބުރާ ޤައުމަށް ގެންދަމުން

އައިއެސްގެ ނަމުން މަޝްޙޫރު ވެފައިވާ ހަތިޔާރުއެޅި ޓެރަރިސްޓް ޖަމާއަތް، ދައީޝް، އާއި ގުޅިގެން ހަނގުރާމަ ކުރަމުންދިޔަ ޖަރުމަނު ރައްޔިތުންގެ އާއިލާތަކުން އެ ޤައުމުގައި މުޒާހަރާކޮށްފިއެވެ.

ހޯމަ ދުވަހު ޖަރުމަނުގެ ފޮރިން މިނިސްޓްރީ ކުރިމަތީގައި ކުރި މުޒާހަރާގައި ހަނގުރާމަވެރިންގެ އާއިލާތަކުން ގޮވާލާފައި ވަނީ ހަނގުރާމައަށްދިޔަ މީހުންގެ އަނބިންނާއި އެމީހުންގެ ކުދިން އަނބުރާ ޖަރުމަނަށް ގެންގޮސްދިނުމަށެވެ.

މުޒާހަރާގައި ބައިވެރިވި ފަރާތްތަކުން ބުނެފައި ވަނީ ކުޑަކުދިންނަކީ ހަނގުރާމައަށް ދިޔަ މީހުން ކުރި ކަންކަމަށް ޒިންމާވާން ޖެހޭ ބައެއް ނޫން ކަމަށާއި، ޖަރުމަނު ސަރުކާރު، ކުށެއް ނެތް އެ ކުދިން މަރުވާން ދޫކޮށްލައިގެން ބަލަން ތިބެނީ ކަމަށެވެ.

މުޒާހަރާގައި ބައިވެރިވި މީހަކު މީޑިއާގައި ބުނެފައިވަނީ އޭނާގެ ދެ މާމަދަރިން އުފަންވީ ސީރިއާގައި ކަމަށާއި، އޭނާ ބޭނުން ވަނީ އެ ކުދިން އަނބުރާ ޖަރުމަނަށް ގެންގޮސް، އެކުދިންނަށް ރައްކާތެރި، އަމާން އަދި އާދައިގެ ދިރިއުޅުމެއް ހޯދައިދިނުމަށް ކަމަށެވެ.

ޖަރުމަނުގެ އިންޓީރިއަރ މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މާރޗު މަހުގެ ނިޔަލަށް ޖަރުމަނަށް ނިސްބަތްވާ ހަނގުރާމަވެރިންގެ 59 ކުދިން ސީރިއާގައި ދިރިއުޅެމުން ދިޔައެވެ.

ސީރިއާގައި ހަނގުރާމަކުރަމުންދިޔަ އައިއެސްގެ އެންމެ ފަހު ފައުޖު ނިމިގެންދިޔަ މަހު ބަލިކުރެވުމާ އެކު، ސީރިއާގައި ތިބި ބިދޭސީ ހަނގުރާމަވެރިންގެ ކުރިމަގާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ސީރިއާގައި އައިއެސް ބަލިކުރުމަށް ފަހު ހައްޔަރުކޮށްފައިވާ ހަނގުރާމަވެރިން އެމީހުން ނިސްބަތްވާ ގައުމުތަކަށް އަނބުރާ ނުގެންގޮސްފި ނަމަ، އެ މީހުން ޖެހޭނީ ދިގު މުއްދަތައް ވަގުތީ ކޭމްޕްތަކުގައި، ނުވަތަ ޖަލުތަކުގައި ބައިތިއްބާށެވެ. މިއީ ބޮޑު ޚަރަދެއް ހިނގާނެ ކަމެއް ކަމަށް ބެލެވޭއިރު، އެ ޚަރަދު ކުރާނެ ގޮތެއް ސީރިއާ އަށް ވެސް، އަދި އެހެން ޤައުމުތަކަށް ވެސް ހޯދިފައެއް ނުވެއެވެ.

ހޯމަ ދުވަހުގެ މުޒާހަރާއާ ގުޅިގެން ޖަރުމަނު ސަރުކާރުން ބުނެފައި ވަނީ މި އޭޕްރިލް މަސް ފެށުނީއްސުރެ އިރާޤުގައި ތިބި ޖަރުމަނުގެ ކުދިން އަނބުރާ އެ ޤައުމަށް ގެންދަމުންދާ ކަމަށާއި، ނަމަވެސް ސީރިއާގައި ޖަރުމަނުގެ ސީދާ ކޮންސިއުލަރ ޚިދުމަތް ނެތުމުން، އެ މަސައްކަތް ސީރިއާގައި ކުރެވޭނެ މަގެއް އަދި ފެނިފައި ނުވާ ކަމަށެވެ.

ކަން އެހެން އޮތް ނަމަވެސް ސީރިއާގައި ތިބި ޖަރުމަނުގެ ކުޑަކުދިން ވެސް އަނބުރާ ޤައުމަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ޤައުމުން ވަނީ ބުނެފައެވެ.

- ކޮމެންޓް
2 މެއި 2019 | ބުރާސްފަތި 10:04
ޏ
ރާއްޖެ ގެެންނާނެ ކަމެއްނެތް އޮޅިގެންވެސް ރާއްޖެ އައިނަމަ ޖެހެނީޖަލަށްދާން