ފަސް އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް އައިއެސްގެ ލީޑަރު އަބޫބަކުރް އަލް ބަޣްދާދީގެ ވީޑިއޯއެއް އާންމުކޮށްފިއެވެ.
އާންމުކޮށްފައިވާ ވީޑީއޯއިން ފެންނަނީ ދިގު ތުބުޅިއެއް ލައިގެން ހުރި މީހަކު ކަޅު ކުލައިގެ ޖުއްލާބެއްލައިގެން އިށީންދެގެން އިންނަތަނެވެ. އޭނާގެ ކައިރީގައި ރައިފަލެއް ބާއްވާފައި އޮވެއެވެ. ވީޑިއޯގައި ބަޢްދާދީ ބުނަނީ ''ބަގޫޒް ހޯދުމަށް ކުރި ހަނގުރާމަ ނިމިއްޖެ'' ކަމަށެވެ.
ބަގޫޒަކީ މެދު އިރުމަތިން އައިއެސްގެ ދަށަށް އެންމެ ފަހުން ގެންދިޔަ ތަނެވެ. ބަޣްދާދީ ވާހަކަ ދައްކަމުން ދާއިރު އޭނާ ކައިރީގައި މޫނު ނިވާކޮށްގެން ތިބި ބަޔަކު ތިބެއެވެ.
އެ ވީޑިއޯ އާއްމު ކޮށްފައި ވަނީ އައިއެސްގެ އަލް ފުރްގާން މީޑިއާއިންނެވެ. އެ ވީޑިއޯ އިން ފެންނަނީ ސީދާ ބަޣްދާދީ ކަމަށްވާނަމަ އެއީ 2014 ވަނަ އަހަރަށް ފަހު ބަޢްދާދީގެ ވީޑިއޯ އެއް އާއްމުވި ދެ ވަނަ ފަހަރެވެ. އައިއެސް އިން ވަނީ 2018 ވަނަ އަހަރު ބަޢްދާދީގެ އޯޑިއޯ އެއްވެސް އާއްމު ކޮށްފައެވެ.
ހަކުރު ބަލި ޖެހިފައިވާ ބައްދާދީ މަރުވެފައިވާ ކަމަށް މީގެ ކުރިން އެތައް ފަހަރަކު ވަނީ އަޑު ފެތުރިފައެވެ. ބައްދާދީ އުޅޭ ތަނެއްގެ މައުލޫމާތު ފޯރުކޮށްދިން ފަރާތަކަށް 25 މިލިއަން ޑޮލަރު ދޭނެ ކަމަށް އެމެރިކާ އިން ވަނީ ބުނެފައެވެ.