Advertisement
ކ. މާލެ
|
29 އޭޕްރިލް 2019 | ހޯމަ 19:20
ތޮއްޑޫ ކައުންސިލްގެ ރައީސް ރައީސަށް ކަރާއެއް ވެދުމަށް އަރުވަނީ
ތޮއްޑޫ ކައުންސިލްގެ ރައީސް ރައީސަށް ކަރާއެއް ވެދުމަށް އަރުވަނީ
ރައީސް އޮފީސް
އއ. ތޮއްޑޫ
ތޮއްޑޫ ކަންބޮޑުވުންތައް ހިފައިގެން ގޮސް، ރައީސަށް ތިން ކަރާ އަރުވައިފި
ބާޒާރުގައި ތަކެތި ބެހެއްޓޭނެ އިންތިޒާމް ހަމަޖައްސަން އެދުނު
ސިއްހީ މަރުކަޒާއި ބަނދަރަށް ހައްލު ހޯދަން އެދުނު
ބޭންކުގެ ހިދުމަތް ބޭނުންވާ ކަމަށް ކައުންސިލުން ބުނި

ދަނޑުވެރިކަމާއި ގެސްޓު ހައުސް ވިޔަފާރިއަށް މަޝްހޫރު، އއ. ތޮއްޑޫއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރައްވައި، ރަމަޟާން މަހަށް ޚާއްޞަކޮށްގެން އެ ރަށުން ހެއްދި ކަރާ ރަމްޒު ކޮށްދިނުމުގެ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެދުމަށް އަރުވައިފިއެވެ.

ރައީސް އޮފީހުން ބުނީ ތޮއްޑޫއަށް ކުރިމަތިވެފައިވާ މައްސަލަތައް ރައީސް ސޯލިހާ ހިއްސާ ކުރެއްވީ އެ ރަށު ކައުންސިލްގެ މެންބަރުން، އެ އޮފީހަށް ވަޑައިގެން ހޯމަ ދުވަހު ބޭއްވި ބައްދަލު ކުރެއްވުމެއްގައި ކަމަށެވެ. އެ ބައްދަލު ކުރެއްވުމުގައި ތޮއްޑޫ އެ ދާއިރާގެ މެމްބަރު ހަސަން ޝިޔާން (ގިޓާ) ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސް އޮފީހުން ބުނީ ރައީސް ސޯލިހަށް އެރުވި ތިން ކަރާއަކީ އެ ރަށުގެ ދަނޑުވެރިން މި އަހަރުގެ ރަމަޟާން މަހަށް ޚާއްޞަކޮށްގެން ހެއްދި ކަރާ ރަމްޒު ކޮށްދިނުމުގެ ގޮތުން ވެދުމަށް އެރުވި ކަރާތަކެއް ކަމަށެވެ.

ތޮއްޑޫ ކައުންސިލާ އެކު ރައީސް އޮފީހުގައި ބޭއްވި ބައްދަލު ކުރެއްވުމުގައި ރައީސަށް ވެދުމަށް އެރުވަން ގެނައި ކަރާ މޭޒުމަތީގައި-- ފޮޓޯ/ ރައީސް އޮފީސް

ތޮއްޑޫ ކައުންސިލުން ވަނީ އެ ރަށުގެ ސިއްޙީ މަރުކަޒަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ރަށުގެ މަގުތަކުގެ ހާލަތު ގޯސްވުމުން ކުރިމަތިވާ ގޮންޖެހުންތަކާއި ބަނދަރު ހަލާކުވުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވަމުންދާ ދަތިތައް ހިއްސާ ކުރައްވައިފައެވެ. މީގެ އިތުރުން ރަށުގައި ބޭންކުގެ ޚިދުމަތާއި ފުލުހުންގެ ޚިދުމަތުގެ އިތުރުން ކުނި ނައްތާލެވޭނެ ރަނގަޅު ނިޒާމެއް ޤާއިމް ކޮށްދެއްވުމަށް ކައުންސިލްގެ ވަނީ އެދިފައެވެ.

މީގެ އިތުރުން ކުރިއަށް އޮތް ރޯދަމަހު ތޮއްޑޫގެ ދަނޑުވެރިން ވިއްކަން މާލެ ގެންނަ ތަކެތި ބެހެއްޓޭނެ އަދި ވިޔަފާރިކުރެވޭނެ ހަރުދަނާ އިންތިޒާމްތަކެއް ޤާއިމު ކޮށްދެއްވުމަށް ކައުންސިލުން ވަނީ އެދިފައެވެ.

މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ތޮއްޑޫ ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާ ކުރައްވައިގެން އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

ރައީސް ސޯލިހު ގެންދަވަނީ ގިނަ ކައުންސިލްތަކާ ބައްދަލު ކުރައްވައި، ރަށްތަކުގެ އާންމު ހާލަތު އޮޅުން ފިލުއްވަމުންނެވެ. ރައީސް ސޯލިހަކީ ކުރު މުއްދަތެއްގެ ތެރޭގައި އެހާ ގިނަ ކައުންސިލްތަކާ ބައްދަލު ކުރެއްވި ފުރަތަމަ ރައީސެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް