Advertisement
ކ. މާލެ
|
29 އޭޕްރިލް 2019 | ހޯމަ 14:12
ރައްޔިތުންގެ މަޖިލީހުގެ ޗެމްބަރުގައި މެމްބަރުން
ރައްޔިތުންގެ މަޖިލީހުގެ ޗެމްބަރުގައި މެމްބަރުން
މަޖިލިސް
ރައްޔިތުންގެ މަޖިލިސް 2019
ކުރީގެ އުއްތަމަ ފަނޑިޔާރު ރަޝީދަށް އިނާޔަތް ދޭން ފާސްކޮށްފި
މި ބިލް ފާސްކުރަން ފެންނަ ކަމަށް 25 މެމްބަރުން ވަނީ ވޯޓް ދެއްވާފައި

ކުރީގެ އުއްތަމަ ފަނޑިޔާރު ރަޝީދަށް އިނާޔަތް ދޭން ހުށަހެޅި ބިލް ކޮމިޓީން ދިރާސާކުރި ގޮތަށް ފާސްކޮށްފިއެވެ.

މި ބިލް ފާސްކުރަން ފެންނަ ކަމަށް 25 މެމްބަރުން ވަނީ ވޯޓް ދެއްވާފައެވެ.

މުހައްމަދު ރަޝީދު އިބްރާހިމަށް އިނާޔަތް ދިނުމަށް ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށް ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ހުށަހެޅުއްވި އިސްލާހު ދިރާސާ ކުރީ ފަސް މެމްބަރުންގެ ވަގުތީ ކޮމެޓީއަކުންނެވެ. އެ ކޮމެޓީން ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގައި ނިންމާފައި ވަނީ އެއްވެސް އިސްލާހަކާ ނުލައި ކޮމިޓީއަށް ބިލް ފޮނުވި ގޮތަށް ފާސްކުރުމަށެވެ.

މި ބިލް ދިރާސާކުރެއްވި ވަގުތީ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އާއި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހެވެ.

ކޮމިޓީން ފާސްކޮށްފައިވާ އިސްލާހުގައި ބުނެފައި ވަނީ ގާނޫނުއަސާސީގެ 285 ވަނަ މާއްދާގެ (ހ) ގެ ދަށުން އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމު ނިންމުމަކަށް ގެނެވުނު މުހައްމަދު ރަޝީދު އިބްރާހިމަކީ ޝަރަފުވެރިކަމާ އެކު ފަނޑިޔާރު ކަމުގެ މަގާމުން ވަކިވެވަޑައިގެންނެވި ބޭފުޅެއް ކަމަށެވެ. އެހެންކަމުން ހާއްސަ އިނާޔަތްތަކާއި އިމްތިޔާޒުތައް ދައުލަތުން އެ ބޭފުޅާއަށް ދޭންޖެހޭނެ ކަމަށް އިސްލާހުގައި ވެއެވެ.

މި ބިލް ފާހަގަވެފައި ވަނީ މަޖިލީހަށް ހުށަހެޅުނު ހިސާބުން ފެށިގެންގޮސް، ކޮމިޓީ މަރްހަލާއިންވެސް އަވަސް އަރުވާލައިގެން ދިރާސާކޮށް ނިންމާފައިވާ ބިލެއްގެ ގޮތުގައެވެ.އެ ބިލުގެ ފުރަތަމަ ކިޔުން މިދިޔަ ބުދަ ދުވަހު މަޖިލީހަށް އިއްވައި، ބަހުސް ކުރިއަށް ގެންގޮސް ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވިއެވެ. ކޮމެޓީން އެ ބިލު ފާސްކޮށް، ވޯޓަށް އަހަން ތަޅުމަށް ފޮނުވީ ވެސް ހަމަ އެ ދުވަހުއެވެ.

އެމްޑީޕީ މެމްބަރުން ތުހުމަތު ކުރާ ގޮތުގައި، ފަނޑިޔާރުންގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ މަސައްކަތް މަޖިލީހުން އަވަސް އަރުވާލައިގެން އުޅެނީ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވެގެންނެވެ. ސަރުކާރުގެ މުހިއްމު ބިލުތަކެއް ކޮމެޓީތަކުގައި ކުރިއަށް ނުގޮސް، ހުއްޓައި އެފަދަ ބިލެއް ފާސްކުރަން އުޅޭތީ ގާސިމަށް ބޮޑެތި ފާޑުކިޔުންތަކެއް ދަނީ އަމާޒުވަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް