Advertisement
ކ. މާލެ
|
29 އޭޕްރިލް 2019 | ހޯމަ 11:59
މާލެ ޖަލު: އެ ޖަލު ބޮޑުކުރުމުގެ މަސައްކަތް ކަރެކްޝަނުން ދަނީ ކުރަމުން
މާލެ ޖަލު: އެ ޖަލު ބޮޑުކުރުމުގެ މަސައްކަތް ކަރެކްޝަނުން ދަނީ ކުރަމުން
ފޭސްބުކް
މާލޭ ޖަލު
މަންޑޭލާ ރޫލްސްއަށް ފެތޭ ގޮތަށް މާލޭ ޖަލުގެ ޖާގަ ބޮޑު ކުރަނީ
ޖަލުތަކުގެ ގޮޅިތައް ހުންނާނީ މިނިމަމް ސްޓޭޑަޑާއި މަންޑޭލާ ރޫލްސްއަށް ފެތޭ ގޮތަށް

މާލޭގެ ޖަލުގެ ޖާގައިގެ ދަތިކަން ކުރިމަތިވެފައި ވާތީ އެ ޖަލުގެ ޖާގަ އިތުރުކުރަމުން ދާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ބުނެފިއެވެ.

ކަރެކްޝަނަލް ސަރވިސް އިން ބުނީ 60 މީހުންގެ ޖާގައަށް އިތުރުކުރާ އެ ޖަލުތަކުގެ ގޮޅިތައް ހުންނާނީ މިނިމަމް ސްޓޭޑަޑާއި މަންޑޭލާ ރޫލްސްއަށް ފެތޭ ގޮތަށް ކަމަށެވެ. 

މަންޑޭލާ ރޫލްސް އަށް ރާއްޖޭގެ ޖަލުތައް ބަދަލުކުރަން ފަށާފައިވާއިރު އެ އުސޫލުގައި ވާ ގޮތުން އިންސާނީ ކަރާމާތް ހިފެހެއްޓުމާއި، ތަފާތުނުކުރުމާއި، ޖަލުގައި ބަންދުކުރުމުގެ އަސާސް ބިނާވަނީ ހަމައެކަނި މުޖުތަމަޢުއާ އެކަހެރިކުރުމާއި އޭގެ ބޭރުން އެހެން އަނިޔާއެއް ނުލިބުމުގެ މައްޗަށް ކަން ކަށަވަރުކުރުމަށް ބާރު އަޅާފައި ވެއެވެ. ޢާންމު ސާފު ތާހިރުކަން ކަށަވަރުކުރުމާއި، ގައިދީއަކު ލަދު ގަންނަންޖެހޭ ފަދަ ޙާލަތުތައް ކުރިމަތި ނުކުރުވުމަކީ މަންޑޭލާ ރޫލްސްގެ އަސާސެވެ.

މާލޭ ޖަލުގައި މިހާތަނަށް 30 މީހުންގެ ޖާގަ އިތުރުކޮށް ނިމިފައިވާއިރު އެ މަސައްކަތް އެއްކޮށް ނިންމާލެވޭނީ ރަމަޟާން މަހުގެ ތެރޭގައި ކަމަށް ކަރެކްޝަނުން ބުނެއެވެ. 

ޖަލުތަކުގެ އެންމެ ބޮޑު އެއް މައްސަލައަކީ ޖާގަ އަށް ވުރެ އިތުރަށް މީހުން ބޭތިއްބުން ކަމަށް ރާއްޖޭގެ ޖަލުތަކުގެ ހާލަތު ބެލުމަށް ހޯމް މިނިސްޓްރީން އެކުލަވާލާފައިވާ ކޮމިޝަނުން ވެސް ވަނީ ބުނެފައެވެ. 

މި މަހުގެ ތެރޭގައި ވަނީ އިންސާނީ ކަރާމާތް ގެއްލޭ ގޮތަށް ހަދާފައިވާ ޖަލެއް ކަމަށް ވާތީ މާލޭ ޖަލުގެ އެނެކްސް1 ވެސް ބަންދުކޮށްފައެވެ. ކަރެކްޝަނުން ބުނީ އެނެކްސް1 ދެން ހުޅުވާނީ މަރާމާތް ކުރުމަށްފަހު މިނިމަމް ސްޓޭޑަޑާއި މަންޑޭލާ ރޫލްސްއަށް ފެތޭ ގޮތަށް ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް