ކ. މާލެ
|
26 ފެބްރުއަރީ 2017 | އާދީއްތަ 07:45
ރާއްޖެޓީވީގެ ކެމެރާމަން އާދަމް ޒަރީރު
ރާއްޖެޓީވީގެ ކެމެރާމަން އާދަމް ޒަރީރު
ޒަރީރަށް ހުކުމް ކުރުން
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
ޒަރީރު ވަނީ ދައުވާ އަށް އިންކާރުކޮށްފަ
ދައުލަތުގެ ހެކިންނަކީ ފުލުހުން

ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކޮށްފައިވާ ކަމަށް ބުނެ ރާއްޖެޓީވީގެ ކެމަރާމަން އާދަމް ޒަރީރުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ހުކުމް އިއްވުން ހޯމަ ދުވަހަށް ތާވަލުކޮށްފި އެވެ. 

 

ޒަރީރުގެ މައްޗަށް ހިންގާ ޝަރީއަތުގައި ހުކުމް އިއްވުމަށް މިދިޔަ މަހުގެ 16 ވަނަ ދުވަހަށް އަޑުއެހުމެއް ތާވަލުކުރި އެވެ. ނަމަވެސް، މައްސަލަ ބައްލަވާ ގާޒީ ސަލާމުގައި ހުންނެވުމުން އެ އަޑުއެހުން ވަނީ ކެންސަލް ކޮށްފަ އެވެ.

 

އެ ދުވަހުގެ އަޑުއެހުން ކެންސަލް ކޮށް ޒަރީރަށް ހުކުމް ކުރުމުގެ އަޑުއެހުން ތާވަލުކުރީ މި މަހުގެ 27 ވަނަ ދުވަހު (މާދަމާ) މެންދުރު 1:00 އަށެވެ. އެ އަޑުއެހުމުގައި ޒަރީރުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނުވަތަ ނުވާ ކަމަށް ކަނޑައަޅާނެ އެވެ. އަދި ސާބިތުވާ ކަމަށް ކަނޑައަޅައިފިނަމަ ދޭނެ އަދަބަކާ ގުޅޭ ގޮތުން ވާހަކަ ދައްކާނެ އެވެ.

 

ޒަރީރުގެ މައްޗަށް ކޮށްފައިވާ ދައުވާގައި ބުނެފައިވަނީ 2015 ވަނަ އަހަރުގެ މާޗް 25 ވަނަ ދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާއާ ގުޅިގެން ބޮޑުތަކުރުފާނު މަގާއި މުހައްމަދު އިސްމާއިލް ދީދީ ގުޅުނު ކަންމަތި ބެރިކޭޑް ޖަހާ ބަންދުކޮށްފައިވަނިކޮށް، ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަށް ގަދަކަމުން ވަދެ އެ ސަރަހައްދަގައި ޖަހާފައިވާ ފުލުހުން ޝީލްޑްތައް ކޮއްޕައި ފުލުހުންގެ ދައުރު އަދާކުރުމަށް ޒަރީރު ދަތިކޮށްފައިވާ ކަމަށެވެ.

 

ޒަރީރު ވަނީ އެ ދައުވާ އަށް އިންކާރުކޮށްފަ އެވެ. ދައުވާ އަށް ޒަރީރު އިންކާރު ކޮށްފައިވާތީ، ދައުވާ ސާބިތުކުރުމަށް ދައުލަތުން ވަނީ ހެކީގެ ގޮތުގައި ފުލުހުންތަކެއް ހުށަހަޅާފަ އެވެ. ދައުވާ އިން ދިފާއުވުމަށް ޒަރީރުގެ ފަރާތުން ވެސް ހެކި ހުށަހެޅި އެވެ.

 

ޒަރީރުގެ މައްޗަށް ހުކުމް އިއްވާއިރު، ރާއްޖެޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމާއި ލީވާން އަލީ ނާސިރުގެ މައްޗަށް އުފުލި ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާ ސާބިތުކޮށް މިދިޔަ މަހުގެ 24 ވަނަ ދުވަހު ވަނީ، އެ ދެ ނޫސްވެރިންކުރެ ކޮންމެ މީހަކު 28،800 ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ހުކުމް ކޮށްފަ އެވެ.

 

ވިސާމުގެ މައްޗަށް އެހެން ދައުވާއެއް ވެސް އުފުލައި ޝަރީއަތް ކުރިއަށް ގެންދާއިރު، ރާއްޖެޓީވީގެ ސީއޯއޯ ހުސެއިން ފިޔާޒް މޫސާގެ މައްޗަށް އުފުލާފައިވާ އަތްލުމުގެ ކުށުގެ ދައުވާގެ ޝަރީއަތުގައި ދެން އޮތީ ޚުލާސާ ބަޔާން ނެގުމެވެ. ޚުލާސާ ބަޔާން ނެގުމުގެ އަޑުއެހުން އަދި ތާވަލުކޮށްފައެއް ނުވެ އެވެ.

 

ރާއްޖެޓީވީގެ ނޫސްވެރިންގެ މައްޗަށް ހުކުމް ކުރަމުންދާއިރު، ރާއްޖެޓީވީން ވަނީ ނުހައްގު އަދަބެއް ދިނުމުގެ ކުރިން ނޫސްވެރިން ސަލާމަތްކޮށްދިނުމަށް ކަމާބެހޭ މުއައްސަސާތަކަށާއި، ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރުން އަމިއްލަ ފަރުދުންނަށް ގޮވާލާފަ އެވެ.

- ކޮމެންޓް