Advertisement
ކ. މާލެ
|
29 އޭޕްރިލް 2019 | ހޯމަ 09:02
ފާތުމަތު ހަނީފާ ރާއްޖެ ޓިވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި
ފާތުމަތު ހަނީފާ ރާއްޖެ ޓިވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި
ރާއްޖެއެމްވީ
ފަލަ ސުރުހީ
މަދަނީ ޖަމިއްޔާތަކަށް އިތުރު އެހީތެރިކަން ބޭނުންވޭ:ހަނީފާ
ގާނޫނުތަކަށް އަންހެނުންގެ އަހުލުވެރިކަން ކުޑަކަމަށް ހަނީފާ ވިދާޅުވި
މަޖިލީހަށް ހުށައަޅާ ބިލްތަކަށް ރައްޔިތުންގެ ހިޔާލު ހޯދޭނެ އުސޫލެއް ގާއިމް ކުރަން ޖެހޭ ކަމަށް އައިމަން ވިދާޅުވި

ރާއްޖޭގައި ހިންގަމުންދާ މަދަނީ ޖަމިއްޔާތަކާއި ޖަމާއަތްތަކަށް ސަރުކާރުގެ އެހީތެރިކަން މިހާރަށް ވުރެ ބޮޑަށް ބޭނުންވާ ކަމަށް އައްޑޫގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ، އައްޑޫ ވިމެންސް ޑިވޮލޮޕްމެންޓް އިނިއޭޝޭޓިވް ( އޭޑަބްލިއުޑީއައި) އިން ޗެއާޕާސަން ފާތުމަތު ހަނީފާ ވިދާޅުވެއްޖެ އެވެ. 

ރާއްޖެ ޓިވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި އާދީއްތަ ދުވަހުގެ ރޭ ހަނީފާ ވިދާޅުވީ ގާނޫނުތަކާއި ގަވާއިދުތަކާބެހޭ މައުލޫމާތު އެންމެ އެކަށީގެންވާ ގޮތަކަށް ޖަމިއްޔާތަކަށް ފޯރުކޮށްދޭން ޖެހޭ ކަމަށެވެ. އެހެން ނަމަވެސް އެފަދަ މައުލޫމާތުތައް ފޯރުކޮށްދޭނެ ފަރާތްތަކެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

 ''އަޅުގަނޑުމެން މަދަނީ ޖަމިއްޔާތަކަށް ވެފައި އަޅުގަނޑުމެންނަށް ވެސް ބޭނުން އެބަވޭ އެހީތެރިކަން. އަޅުގަނޑުމެން ކޮމިއުނިޓީ އަށް ބޭނުންވާ އެ މައުލޫމާތު ހުރި ބޭފުޅަކު އައިސް އަޅުގަނޑުމެންނަށް ސެޝަންތަކެއް ނަގައިދީގެން. އެކަމަކު އަޅުގަނޑުމެންނަށް އެކަންކަން ފޯރުކޮށްދޭނެ ފަރާތެއް ނެތް،'' އޭނާ ވިދާޅުވިއެވެ. 

އައްޑޫ ސިޓީގެ އިޖްތިމާއީ ކަންތައްތަކުގެ 1996 އިން ފެށިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ހަނީފާ ވިދާޅުވީ ޖަމިއްޔާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ނުދެވި އޮތީ ބައެއްގެ އިހްމާލުން ކަމަށެވެ. 

 

ސިޔާސީ ހަރަކާތްތަކުގައި އަންހެނުންގެ ދައުރު ބޮޑުކަން ފާހަގަ ކުރެވުނު ނަމަވެސް، އިޖުތިމާއީ ކަންކަމުގައި އަންހެނުންގެ ދައުރު މިހާރު ދައްކަމަށް ހަނީފާ ފާހަގަކުރެއްވެވި އެވެ. އެކަމަށް ހައްލު ގެނައުމަށް މަސައްކަތްކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

އޭޑަބްލިއުޑީއައިއިން އައްޑޫގައި ހިންގި ގަސް އިންދުމުގެ ޕްރޮގްރާމްގެ ތެރެއިން. ފޮޓޯ: އޭޑަބްލިއުޑީއާއި

ފަލަސުރުޚީ ޕްރޮގްރާމްގައި ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ކޮމިނިއުކޭޝަން އެންޑް އެޑްވޮކަސީ މެނޭޖަރު އައިމަން ރަޝީދު ވިދާޅުވީ ކައުންސިލްތަކަށް ވަކި ނިސްބަތަކަށް އަންހެނުން އިންތިހާބުވުމަކީ، މިންތީގެ ހަމަހަމަކަމަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. މިންތީގެ ހަމަހަމަކަން މުޅިން ހައްލުވެގެން ދާނީ ކަންކަން ރާވާ ހިންގުމުން ފެށިގެން ކަންކަން ނިންމުމުގައި އަންހެނުންނާއި ފިރިހެނުން ހަމަހަމަވާ ހިސާބުން ކަމަށް އައިމަން ވިދާޅުވި އެވެ. 

ކައުންސިލްތަކަށް އަންހެނުން އިންތިހާބު ކުރުމަށް ލާޒިމުވާ ގޮތަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުން މި މަހުގެ 23 ވަނަ ދުވަހު ވަނީ ބަލައިގެންފަ އެވެ. 

ދުނިޔޭގެ އެހެން ގައުމުތަކުގައި އެ ގައުމުތަކުގެ މަޖިލީހަށް ހުށައެޅޭ ބިލްތަކަށް ފާޑުކިޔުމުގެ ފުރުސަތު ލިބޭކަން ފާހަގަކުރައްވަމުން އައިމަން ވިދާޅުވީ ރާއްޖެއިން ވެސް ދައުލަތުގެ ނިންމުންތައް ނިންމަން ވާނީ ނިޒާމީ ގޮތުން ރައްޔިތުންނަށް ބަސް ބުނެވޭ ގޮތަށް ކަމަށެވެ. 

ރައްޔިތުންގެ މަޖިލީހުގައި ކުރެވޭ މަސައްކަތްތަކުގައި ރައްޔިތުންނާއި ޖަމިއްޔާ، ޖަމާއަތް ތަކާއި، ފަންނީ ފަރާތްތަކުގެ އަޑު އުފުލޭނެ ކޮންމެވެސް ކަހަލަ ނިޒާމީ ގޮތެއް އެކަށައެޅެން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް