Advertisement
ކ. މާލެ
|
29 އޭޕްރިލް 2019 | ހޯމަ 09:22
ބާރަށް ދުއްވި ކަމަށް ބުނާ ވެމްކޯގެ ވެހިކަލެއް
ބާރަށް ދުއްވި ކަމަށް ބުނާ ވެމްކޯގެ ވެހިކަލެއް
އަލީޒިދްނާ/ޓްވިޓަރ
ވެމްކޯ
ބާރަށް ވެހިކަލް ދުއްވާ ވެމްކޯ ޑްރައިވަރުންގެ މައްސަލަ މި ދަނީ ބަލަމުން: ވެމްކޯ
ޒޯންތަކުގައި ފިރިހެން އޮފިސަރުން ބޭތިއްބުމަށް ހަމަޖެހިފައިވާ ކަމަށް އެޑަމް ވިދާޅުވި
އިންޓަރނަލް އޮޑިޓެއް ހަދަނީ

ބާރު ސްޕީޑުގައި ވެމްކޯގެ ވެހިކަލްތައް ދުއްވަމުންދާކަން ސަމާލު ކަމަށް އައިސްފައިވާ ކަމަށާއި، އެ މައްސަލަ ބަލަމުންދާ ކަމަށް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފިއެވެ.  

ވެމްކޯގެ ކުނިއުކާ ވެހިކަލެއް ބާރު ސްޕީޑެއްގައި ދުއްވާ ވީޑިއޯއެއް ޝޯޝަލް މީޑިއާގައި ވަނީ ދާދި ފަހުން އާއްމުވެފައެވެ. އެ ވިޑީއޯގައި ފެންނަނީ ވަރަށް ބާރު ސްޕީޑެއްގައި ވެމްކޯގެ އުޅަނދެއް ދުއްވާފައި ދާތަނެވެ. އެ ވީޑިއޯ އަށް ކޮމެންޓްކޮށްފައިވާ ގިނަ މީހުން ބުނެފައި ވަނީ އާއްމު ގޮތެއްގައި ވެމްކޯގެ ވެހިކަލްތައް ދުއްވަނީ ބާރު ސްޕީޑުގައި ކަމަށެވެ. 

ވެމްކޯގެ ވެހިކަލްތައް އާދަޔާ ހިލާފަށް ބާރަށް ދުއްވަމުން ދާކަން ސަމާލުކަމަށް އައިސްފައިވާ ކަން ފާހަގަ ކުރައްވަމުން ވެމްކޯގެ މެނޭޖިން ޑިރެކްޓަރ އާދަމް މުހައްމަދު (އެޑަމް) ރާއްޖެއެމްވީ އަށް ވިދާޅުވީ، އެ ކަންތައް ބެލުމަށް އިންޓަރނަލް އޮޕަރޭޝަނަލް އޮޑިޓެއް ހިންގަމުންދާ ކަމަށެވެ. އަދި އެގޮތަށް ދުއްވާ ޑްރައިވަރުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

އެޑަމް ވިދާޅުވީ، ވެމްކޯގައި މިހާރު މަސައްކަތް ކުރަމުންދާ ޑްރައިވަރުންނަކީ، ކުރީއްސުރެ މަސައްކަތް ކުރަމުންދާ ޑްރައިވަރުން ކަމަށެވެ. އެ އޮޑިޓް ހަދައި ދެ ހަފްތާއެއްގެ ތެރޭގައި ނިމޭނެ ކަމަށާއި، ބާރަށް ދުއްވަނީ ކޮން ޑްރައިވަރުންތަކެއް ކަން ދެނެގަނެވޭނެ ކަމަށް ވިދާޅުވިއެވެ.

ރޭގަނޑު ގަޑީގައި ބުރަކޮށް މަސައްކަތްކުރާ ވެމްކޯގެ އަންހެން މުވައްޒަފުންނަށް ޖިންސީ ފުރައްސާރަ ކުރާ ކަމަށް ބައެއް ފަރާތުން ވާހަކަތައް ދެކެވެމުން ދާއިރު އެކަމަށް އިޝަރާތް ކުރައްވާ އެޑަމް ވިދާޅުވީ، އެފަދަ މައްސަލައެއް އެއްވެސް ފަރާތަކުން މިހާތަނަށް ރިޕޯޓް ކޮށްފައި ނުވާ ކަމަށެވެ.

''އެކަހަލަ ކަމެއް ޑައިރެކްޓްލީ، ވާ ގޮތަކީ އެއްވެސް ފަރާތަކުން ވެސް އެއްވެސް މުވައްޒަފަކު ވެސް ރިޕޯޓެއް ނުކުރައްވާ. ދެން އެކަން އެކަމަކު ސުޕަވައިޒަރުންނާއި މީހުން މެދުވެރިކޮށް އަޅުގަނޑުމެންގެ ސަމާލު ކަމަށް އައީމަ، މިހާރު އަޅުގަނޑުމެން މި ލަނީ ތަންކޮޅެއް އެކަހަލަ ކަންތައްތައް ބެލެހެއްޓޭވަރުގެ މީހުން،'' އެޑަމް ވިދާޅުވިއެވެ. 

ކުރިން ޒޯންތައް ބަލަހައްޓަން ތިބެނީ ހަމައެކަނި އަންހެން އޮފިސަރުން ކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ، ޑިއުޓީ އޮފިސަރުންނަށް އެކަންތައްތައް ބެލެހެއްޓޭނެ ވަރުގެ ފިރިހެން އޮފިސަރުން ބޭތިއްބުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން އިތުރު ފިރިހެން އޮފިސަރުން ހޯދުމުގެ މަސައްކަތް ކުރާ ކަމަށް ވިދާޅުވިއެވެ. މުޅި ވެމްކޯގެ އޮޑިޓެއް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް އެޑަމް ވިދާޅުވިއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް