Advertisement
ކ. މާލެ
|
28 އޭޕްރިލް 2019 | އާދީއްތަ 22:54
އދ. އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓަރ ރައީސްގެ އަރިއަހަށް ކުރެއްވި ވަދާއީ ޒިޔާރަތުގެ ތެރެއިން
އދ. އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓަރ ރައީސްގެ އަރިއަހަށް ކުރެއްވި ވަދާއީ ޒިޔާރަތުގެ ތެރެއިން
މުހައްމަދު ޝަރުހާން
އދ.ގެ ރެޒިޑެންޓް ކޯޑިނޭޓަރ
އދ.ގެ ރެޒިޑެންޓް ކޯޑިނޭޓަރ ރައީސްގެ އަރިހަށް ވަދާޢީ ޒިޔާރަތެއް ކުރައްވައިފި
ރައީސް ވަނީ މިސް ޝޯކޯ ނޯޑާގެ ދައުރުގައި ކުރައްވާފައިވާ މަސައްކަތްތައް ފާހަގަ ކުރައްވާފަ
މަޖިލިސް އިންތިޚާބުގައި ސަރުކާރުން ހޯދި ފުރިހަމަ ކާމިޔާބީއަށް ޝޯކޯ ނޯޑާ މަރުޙަބާ ވިދާޅުވި

އދ. އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓަރ އަދި އދ.ގެ ތަރައްޤީގެ ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ.)އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް މިސް ޝޯކޯ ނޯޑާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް ވަދާޢީ ޒިޔާރަތެއް ކުރައްވައިފިއެވެ.

އާދިއްތަ ދުވަހު ރައީސް އޮފީހުގައި އޮތް މި ބައްދަލު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޔޫ.އެން.ޑީ.ޕީ. އިން ވޭތުވެދިޔަ ދުވަސްތަކުގައި ކޮށްދެއްވާފައިވާ މުހިންމު ކަންތައްތަކާއި އަދި މިހާރު ކޮށްދެއްވަމުން ގެންދަވާ ކަންތައްތަކާއި، ރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުމަށް ކޮށްދެއްވާފައިވާ ކަންތައްތައް ފާހަގަކުރައްވައި އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުން ރައީސް ވަނީ މިސް ޝޯކޯ ނޯޑާގެ ދައުރުގައި އެކަމަނާ އިސްނަންގަވައިގެން ކުރައްވާފައިވާ މަސައްކަތްތައް ފާހަގަ ކުރައްވާފައެވެ.

މިސް ޝޯކޯ ނޯޑާ ވަނީ ރައީސް ވިދާޅުވި ހެޔޮ ބަސްފުޅުތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ރާއްޖޭގެ ޤާނޫނު އަސާސީގައިވާ ހައްޤުތަކާއި، މިނިވަންކަން ހޯދައިދިނުމުގައި މިހާރު އިތުރު ބާރެއް ލިބިފައިވާ ކަމަށާއި، ރާއްޖޭގެ ޑިމޮކްރަސީގެ ކުރިމަގު ފެންނަނީ ވަރަށް އުޖާލާކޮށް ކަމުގައި މިސް ޝޯކޯ ނޯޑާވިދާޅުވިއެވެ.

މީގެ އިތުރުން މިސް ޝޯކޯ ނޯޑާ ވަނީ ސަރުކާރުން ގެންގުޅުއްވާ މުހިންމު ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ ލާމަރުކަޒީ ކުރުމާއި، އަންހެނުން ބާރުވެރިކުރުމާއި، އިޤްތިޞާދު ކުރިއެރުވުމަށް ގެންގުޅުއްވާ ސިޔާސަތުތަކަށް ތާއީދު ކުރައްވައި އެކަންކަން ހާސިލުކުރުމުގައި ޔޫ.އެން.ޑީ.ޕީ. އިން އެއްބާރުލުން ދެވެން އޮތް މިންވަރަކުން އެއްބާރުލުން ދެއްވާނެ ކަމުގައި ވިދާޅުވެފައެވެ.

އަދި  ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ ހޯއްދެވި ކާމީޔާބީއަށާއި، ނިމި ދިޔަ ރައްޔިތުން މަޖިލިސް އިންތިޚާބުގައި ސަރުކާރުން ހޯދި ފުރިހަމަ ކާމިޔާބީއަށް މަރުޙަބާ ވިދާޅުވެފައެވެ. އެކަމަނާ ވިދާޅުވީ ރައްޔިތުން ސަރުކާރަށް ދެއްވި ތާއީދަކީ ސަރުކާރުގެ ޝަރުޢީ ސިޔާސަތުތައް ތަންފީޒު ކުރުމަށް ރައްޔިތުން ބޭނުންވެފައިވާ މިންވަރު ހާމަކޮށްދޭ ކަމެއް ކަމުގައެވެ. އަދި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި އަލަށް އިންތިޚާބުވި ރައްޔިތުންގެ މަޖިލީހުން އެއްބާރުލުން ދޭނެ ކަމަށް އުންމީދުކުރައްވާ ކަމުގައި މިސް ޝޯކޯ ނޯޑާ ވިދާޅުވިއެވެ.

މި ބައްދަލުވުން ނިންމަވާލައްވަމުން، މިސް ޝޯކޯ ނޯޑާ ވަނީ ފާއިތުވި ގިނަ އަހަރުތަކެއްގައި ރާއްޖޭގައި އެކަމަނާ މަސައްކަތްކުރެއްވީ ވަރަށް ހިތްޕުޅު ހަމަޖެހިވަޑައިގަތުމާ އެކުގައިކަން ފާހަގަކުރައްވައި ރާއްޖެއާއިމެދު އެކަމަނާގެ ހިތްޕުޅުގައި އުފެދިފައިވާ ޝުޢޫރުތައް ހާމަކުރައްވައިފައެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ މިސް ޝޯކޯ ނޯޑާ ރާއްޖެއަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތައް ފާހަގަކުރައްވައި އެކަމަނާއަށް ޝުކުރު އަދާކުރައްވައި އެކަމަނާއަށް ބާއްޖަވެރި ކާމިޔާބު ކުރިމަގަކަށް އެދިވަޑައިގެންފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް