ކ. މާލެ
|
28 އޭޕްރިލް 2019 | އާދީއްތަ 22:18
ރޮނާލްޑޯ އާއި ޔުވެންޓަސްގެ ބައެއް ކުޅުންތެރިން
ރޮނާލްޑޯ އާއި ޔުވެންޓަސްގެ ބައެއް ކުޅުންތެރިން
ގޫގުލް
އިޓާލިއަން ލީގު
އިޓާލިއަން ލީގު : ކްލަބް ލެވެލްގައި ރޮނާލްޑޯ ހަމަކުރި 600 ވަނަ ގޯލާއެކު ޔުވެންޓަސް ސަލާމަތްވެއްޖެ
 
ޔުވެންޓަސްއާއި އިންޓަމިލާން ވާދަކުރި މެޗު ނިމުނީ 1-1

އިޓާލިއަން ލީގުގައި ހޮނިހިރު ދުވަހު އިންޓަމިލާނާއި ޔުވެންޓަސް ވާދަކުރި މެޗު އެއްވަރު ވެގެން ނިމިއްޖެއެވެ. 

ޔުވެންޓަސްއާއި އިންޓަމިލާން ވާދަކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާ އަކުން އެއްވަރު ވެގެންނެވެ. 

އިންޓަރމިލާނުގެ ދަނޑުގައި ކުޅުނު މިމެޗު ފެށިގެން މާގިނަ އިރުތަކެއް ނުވަނިސް މެޗުގެ ހަތް ވަނަ މިނެޓުގައި އެ ޓީމުން ވަނީ މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް ލީޑް ނަގާފައެވެ. 

އެހެން ނަމަވެސް މެޗުގައި ބާކީބައިގައި ޔުވެންޓަސްއިން ކުޅުން ރަނގަޅުކޮށް އެ ޓީމުން ވަނީ އިންޓަރގެ ފަހަތަށް ބާރުބޮޑުކޮށް ރަނގަޅު ހަމަލާތަކެއް އުފައްދާފައެވެ. ނަމަވެސް ފުރަތަމަ ހާފްގައި ޔުވެންޓަސްއަށް ވަނީ ނަތީޖާ ނެރެވޭ ގޮތް ނުވެފައެވެ. 

މެޗުގެ ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާ އަކުން އިންޓަރ ލީޑްގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ޔުވެންޓަސްގެ ކުޅުން އިތުރަށް ރަނގަޅުކޮށް، ގިނަ ވަގުތު ބޯޅަ ކޮންޓްރޯލް ކޮށްގެން ކުޅުނީ އެ ޓީމުންނެވެ. އެ ގޮތުން މެޗުގެ 62 ވަނަ މިނެޓުގައި މާލެމް ޕިއޮނިޗްގެ އެހީތެރި ކަމާއެކު ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. 

މި ލަނޑާއެކު ކްލަބް ކެރިއަރުގައި ރޮނާލްޑޯ ކާމިޔާބުކުރި ލަނޑުގެ އަދަދު 600 އަށް އަރައެވެ. ރޮނާލްޑޯ 803 މެޗުން ޖެހި 600 ގޯލުގެ ތެރޭގައި ހިމެނެނީ ޕޯޗުގަލްގެ ސްޕޯޓިން އަށް ޖަހައިދިން ފަސް ގޯލާއި އިންގްލެންޑުގެ މެންޗެސްޓާ ޔުނައިޓެޑަށް ކާމިޔާބު ކޮށްދިން 118 ގޯލް އަދި ސްޕެއިނުގެ ރެއާލް މެޑްރިޑަށް ޖަހައިދިން 450 ގޯލާއި ޔުވެންޓަސްއާ މި ސީޒަނުގައި ޖަހައިދިން 27 ގޯލެވެ.

ރޮނާލްޑޯއާއި އެންމެ ގާތުން ވާދަކުރާ ބާސެލޯނާގެ ލިއޮނަލް މެސީ ހޮނިހިރު ދުވަހުގެރޭ ސްޕެނިޝް ލީގުގައި ލެވަންޓޭ ކޮޅަށް ޖެހި ގޯލާ އެކު 682 މެޗުން 598 ގޯލް ވަނީ ހަމަކޮށްފައެވެ. ރޮނާލްޑޯއާ ހަމަކުރަން މެސީ އަށް ބޭނުން ވަނީ އެންމެ ދެ ގޯލެވެ. ރޮނާލްޑޯއާ ދާދި އެއްވަރެއްގައި މެސީ ހިފަހައްޓާފައި ވަނީ  ރޮނާލްޑޯއަށް ވުރެ 121 މެޗު މަދުން ކުޅެގެންނެވެ.

މި ދެ ކުޅުންތެރިންނަށް ވުރެ ގިނައިން ކްލަބް ލެވެލްގައި ލަނޑު ޖަހާފައިވަނީ 1120 މެޗުން 1033 ލަނޑު ޖަހާފައިވާ ބްރެޒިލްގެ ޕެލޭ އާއި 886 މެޗުން 679 ގޯލް ޖަހާފައިވާ ބްރެޒިލްގެ ރޮމާރިއޯ އާއި 707 މެޗުން 653 ގޯލް ޖަހާފައިވާ ޖަރުމަނުގެ ގާޑް މުލާ އަދި 629 މެޗުން 622 ގޯލް ޖަހާފައިވާ ހަންގޭރީގެ ފްރެންކް ޕުސްކަސް އެވެ.

ހޮނިހިރު ދުވަހުގެ މެޗުން ޔުވެންޓަސް އެއްވަރުވިއިރު އެ ޓީމު އިޓާލިއަން ލީގު ތާވަލުގެ އެއްވަނާގައި އޮތީ ކުޅުނު 34 މެޗުން ހޯދި 88 ޕޮއިންޓާއެކުއެވެ. ދެވަނާގައި ނަޕޯލީ 34 މެޗުން ހޯދި 70 ޕޮއިންޓާއެކު އޮތްއިރު، އިންޓަރ އޮތީ ތާވަލުގެ ތިންވަނާގައި 34 މެޗުން ހޯދި 62 ޕޮއިންޓާއެކުއެވެ.   

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް