ކ. މާލެ
|
28 އޭޕްރިލް 2019 | އާދީއްތަ 22:15
އާސެނަލް އާއި ލެސިސްޓަރ ސިޓީ ވާދަކުރި މެޗުގެ ތެރެއިން
އާސެނަލް އާއި ލެސިސްޓަރ ސިޓީ ވާދަކުރި މެޗުގެ ތެރެއިން
ގޫގުލް
ޕްރިމިއާ ލީގު
ޕްރިމިއާ ލީގު: ގަދަ ހަތަރަކަށް އެރުމަށް ލިބުނު ފުރުސަތު އާސެނަލްއިން ނަގާލައިފި
 
އާސެނަލް ބަލިވީ ލެސިސްޓަރ ސިޓީއާއި ވާދަކޮށް 0-3

އިންގްލިޝް ޕްރިމިއާ ލީގުގައި އާދިއްތަ ދުވަހު ކުޅުނު މެޗުން ނާކާމިޔާބުވެ، ލީގުގެ ގަދަ ހަތަރަކަށް އެރުމަށް ލިބުނު ފުރުސަތު އާސެނަލްއިން ނަގާލައިފިއެވެ. 

އާސެނަލް ބަލިވީ ލެސިސްޓަރ ސިޓީއާއި ވާދަކޮށް 0-3 ގެ ނަތީޖާއަކުންނެވެ. 

ލެސިސްޓަރ ސިޓީގެ ދަނޑުގައި ކުޅުނު މިމެޗު ފެށިގެން ގިނަވަގުތު ބޯޅަ ކޮންޓްރޯލް ކޮށްގެން ރަނގަޅަށް ކުޅުނީ ލެސިސްޓަރ ސިޓީންނެވެ. މެޗުގައި އާސެނަލްއަށް މާއެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. 

ފުރަތަމަ ހާފްގައި ލެސިސްޓަރ ސިޓީން ވަނީ އާސެނަލްގެ ފަހަތަށް ބާރުބޮޑުކޮށް ރަނގަޅު ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން އެ ޓީމުން ރަނގަޅު ހަމަލާތަކެއް އާސެނަލްގެ ގޯލާއި އަމާޒުކޮށް ފޮނުވާލި ނަމަވެސް އާސެނަލްގެ ކީޕަރު ވަނީ އެ ހަމަލާތައް ދިފާއުކޮށްފައެވެ. 

އާސެނަލް ޕްރެޝަރ ބޮޑުވެފައި ވަނިކޮށް މެޗުގެ 36 ވަނަ މިނެޓުގައި އެއިންސްލޭ މެއިޓްލޭންޑް ނައިލްސްއަށް ދެ ރީނދޫ ކާޑާއެކު ރަތްކާޑު ދެއްކުމުން މެޗުގެ ބާކީބައި އާސެނަލް ކުޅުނީ އެއް ކުޅުންތެރިއެއް މަދުކޮށް 10 ކުޅުންތެރިންނާއެކުއެވެ. 

ފުރަތަމަ ހާފްގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމަށް ވެސް ލިބި ވަނީ ބޭކާރުވެފައެވެ. 

ފުރަތަމަ ހާފް ނިމުނީ 0-0 ގެ ނަތީޖާއަކުން ދެ ޓީމް އެއްވަރުވެގެންނެވެ. 

މެޗުގައި ލެސިސްޓަރ ސިޓީގެ ފަރާތުން ފެނިގެންދިޔަ ފުރަތަމަ ލަނޑު މެޗުގެ 59 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޖޭމްސް މެޑިސަންގެ އެހީތެރިކަމާއެކު ޔޫރީ ޓީލްސްމަންއެވެ. 

މި ލަނޑާއެކު ލެސިސްޓަރ ސިޓީގެ ކުޅުން އިތުރަށް ރަނގަޅުކޮށް އެ ޓީމުން ވަނީ ވަރުގަދަ ހަމަލާތަކެއް އާސެނަލްގެ ގޯލާއި އަމާޒުކޮށް ފޮނުވާލާފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 86 ވަނަ މިނެޓުގައި އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްދީ ޖެމީ ވާޑީ ވަނީ ލީޑް އިތުރަށް ފުޅާ ކޮށްދީފައެވެ. 

ލެސިސްޓަރ ސިޓީގެ ފަރާތުން ފެނުނު ތިންވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި ފަސް މިނެޓުގެ ބޭނުންހިފައި ޖެމީ ވާޑީ ކާމިޔާބު ކޮށްދިން އިރު އޭނާ އަންނަނީ މި ސީޒަނުގައި ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. 

މި ނަތީޖާ އާއިއެކު އާސެނަލް ލީގު ތާވަލުގެ ފަސްވަނާގައި އޮތީ ކުޅުނު 36 މެޗުން ހޯދި 66 ޕޮއިންޓާއެކުއެވެ. އަށް ވަނާގައި ލެސިސްޓަރ ސިޓީ އޮތީ  ކުޅުނު 36 މެޗުން ހޯދި 51 ޕޮއިންޓާއެކުއެވެ. 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް