އަމީނިއްޔާ ސްކޫލްގެ އަލިމަސް ޖުބުލީ ފާހަގަ ކުރުމުގެ ގޮތުން ފޯރިގަދަ ފުޓުބޯޅަ މެޗެއް ކުޅެފިއެވެ.
މި މެޗުގައި ވާދަކޮށްފައި ވަނީ އަމީނިއްޔާ ސްކޫލްގައި ތައުލީމު ހާސިލް ކޮށްފައިވާ އިސްދަރިވަރުންގެ ދެ ޓީމެވެ. އަމީނިއްޔާ ސްކޫލަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ކުޅުނު މި މެޗު ބައްލަވާ ލެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވަޑައިގެންނެވިއެވެ.
ދެ ޓީމަކަށް އިސްދަރިވަރުން ބަހާލައިގެން ކުޅުނު މި މެޗު ޓީމްބީ އާއި ވާދަކޮށް 1-3 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޓީމް އޭ އެވެ.
މެޗު ފެށިގެން ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ ފުރަތަމަ ލަނޑު 14 ވަނަ މިނެޓުގައި ކާމިޔާބުކޮށް ލީޑްނެގީ ޓީމް އޭއިންނެވެ. ކުޅިވަރުގެ މައިދާނުގައި މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ހިމެނޭ މި ޓީމުން ވަނީ ޓީމް ބީގެ ފަހަތަށް ބާރު ބޮޑުކޮށް ރަނގަޅު ހަމަލާތަކެއް އުފައްދާފައެވެ.
ޓީމް އޭއިން މެޗުގެ ލީޑް ނެގިތާ މާގިނައިރެއް ނުވެ މެޗުގެ 19 ވަނަ މިނެޓުގައި ޓީމް ބީން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެހެން ނަމަވެސް 25 މިނެޓުގެ ދެހާފަށް ބަހާލައިގެން ކުޅުނު މިމެޗުގެ ފުރަތަމަ ހާފް ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ޓީމް އޭއިން އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށް ދެވަނަ ފަހަރަށް ލީޑް ނެގިއެވެ.
ފުރަތަމަ ހާފް ނިމުނީ 1-2 ގެ ނަތީޖާއަކުން ޓީމް އޭ ލީޑްގައި އޮވެގެންނެވެ.
ދެވަނަ ހާފް ފެށިގެން ނަތީޖާ ހަމަހަމަ ކުރުމަށް ޓީމް ބީން ގިނަ މަސައްކަތްތަކެއްކޮށް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ. މެޗުގެ 28 ވަނަ މިނެޓުގައި ޓީމް އޭއަށް ތިން ވަނަ ލަނޑު ކާމިޔާބުކޮށްދީ އައިޝަތު ނާޒިމާ ވަނީ ލީޑް އިތުރަށް ފުޅާ ކޮށްދީފައެވެ.
މި މެޗުގެ އިތުރުން ވެސް ޑައިމަންޑްޖުބުލީ ފާހަގަ ކުރުމަށް ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި ފުޑް ފެއާ އަކާއި އާޓް އެންޑް ކުރާފްޓް މުބާރާތުގެ އިތުރުން ބައިސްކަލް ދުއްވުމުގެ މުބާރާތެއް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވެއެވެ. އަދި "ގޯ ގްރީން" ގެ ނަމުގައި އަމީނިއްޔާ ސްކޫލު ފެހި ކުރުމުގެ ގޮތުން ގަސްއިންދުމުގެ ޕްރޮގްރާމެއް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.
ޑައިމެންޑް ޖުބުލީ ނިންމާ ހަރަކާތެއްގެ ގޮތުގައި ބަޑިބޭހުގެ ކުޅިވަރުތަކާއިއެކު ބޮޑު ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެސްކޫލުން މައުލޫމާތު ދެއެވެ.