ޕެރިސް ސެއިންޓް ޖާރމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ނޭމާ ޖޫނީއާ ޔޫއެފާގެ ތިން މެޗަށް ސަސްޕެންޑް ކޮށްފިއެވެ.
ނޭމާ ސަސްޕެންޑް ކޮށްފައިވަނީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި މެންޗެސްޓަރ ޔުނައިޓެޑް އަތުން ބަލިވި މެޗަށް ފަހުގައި އިންސްޓަރގްރާމް ޕޯސްޓެއްގައި ރެފްރީންނަށް ފާޑު ކިޔާފައިވާތީއެވެ.
އިންސްޓަގްރާމު ޕޯސްޓްގައި ޔުނައިޓެޑްއާއި ޕީއެސްޖީ ވާދަކުރި މެޗުގައި ކީލިން އެމްބަޕޭގެ އަތުގައި ބޯޅަ ޖެހުމުން ދިން ޕެނަލްޓީއާއި ވިއްދާ ވީއޭއާރ ބަލަން ތިބި އޮފިޝަލުންނަށް ނިސްބަތްކޮށް ނޭމާ ބުނެފައި ވަނީ، ސްލޯ މޯޝަންގައި މެޗު ބަލަން ހަތަރު މީހަކު ޓީވީ ކައިރީ ބައިތިއްބާފައި ތިބިއިރު އެމީހުންނަކީ ފުޓުބޯޅަ އެނގޭ ބައެއް ނޫން ކަމަށެވެ.
ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ޔުނައިޓެޑް ދަނޑުގައި 0-2 އިން ޕީއެސްޖީ އަތުން ބަލިވިއިރު، ޔުނައިޓެޑުން ކުއާޓާ ފައިނަލުގެ ޖާގަ ހޯދީ ޕީއެސްޖީ ދަނޑުގައި 1-3 ގެ ނަތީޖާއަކުން މޮޅުވެ، ރަށުންބޭރުގައި ޖެހި ގޯލުން ކުރި ހޯދައިގެންނެވެ. އެ މެޗުގައި ޔުނައިޓެޑުން ޖެހި ފަހު ގޯލަކީ އިތުރު ވަގުތުގައި ޕީއެސްޖީގެ ޕްރެސްނެލް ކިމްޕެމްބޭ އަތުގައި ބޯޅަ ޖެހުނު ކަމަށް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީގައި ނިންމުމަށް ފަހު ދިން ޕެނަލްޓީ އަކުން ކާމިޔާބުކުރި ގޯލެކެވެ.
އެ މެޗުގެ ރެފްރީ ސްލޮވީނިއާގެ ޑަމީރު ސްކޮމިނާ ވީއޭއާރްގެ އެހީގައި ނިންމި ނިންމުމަށް ގިނަ ބައެއްގެ ލޯ އަމާޒުވިއިރު، ޔުއެފާ އިން ވަނީ އެ ނިންމުން ރަނގަޅު ކަމަށް ބުނެ ބަޔާނެއް ނެރެފަ އެވެ. އަދި އެ ނިންމުމާ ބެހޭގޮތުން ނޭމާ ސޯޝަލް މީޑިއާގައި ދެއްކި ވާހަކަތަކުގެ ތަހުގީގު ފަށާފައިވާ ކަމަށް ވެސް ދާދި ފަހުން ޔުއެފާ އިން ވަނީ ބުނެފަ އެވެ.
ގިނަ ދުވަސްތަކެއް ވަންދެން އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ހުރުމަށް ފަހު ނޭމާ އަލުން އެނބުރިއައީ ނިމިދިޔަ ހަފްތާތެރޭގައެވެ. އަނިޔާގެ ސަބަބުން ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ޕީއެސްޖީ ކުޅުނު ދެ މެޗު ވެސް ނޭމާއަށް ގެއްލިފައިވާއިރު، ސަސްޕެންޝަންގެ ސަބަބުން އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފުރަތަމަ ތިން މެޗު އޭނާއަށް ގެއްލޭނެއެވެ.