ކ. މާލެ
|
27 އޭޕްރިލް 2019 | ހޮނިހިރު 07:21
ލަންކާގައި ދިން ބޮމުގެ ހަމަލާއަށް ފަހު އަސްކަރިއްޔާއިން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން
ލަންކާގައި ދިން ބޮމުގެ ހަމަލާއަށް ފަހު އަސްކަރިއްޔާއިން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން
އޭޕީ
ލަންކާގައި ދިން ބޮމުގެ ހަމަލާ
ބަޑީގެ ހަމަލާ ބަދަލުކުރުމަށް ފަހު ކަލްމުނާއީގައި ކާފިއު އިއުލާންކޮށްފި
ހަމަލާ ދިން މީހުން މަރާލާފައިވާ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ
ސަރަހައްދު ބަންދުކޮށްގެން ފުލުހުންގެ ތަހުގީގު ކުރިއަށް

ލަންކާ ފުލުހުންގެ ސްޕެޝަލް ޓާސްކް ފޯސްގެ (އެސްޓީއެފް) ބަޔަކާއި ހަތިޔާރު އަޅައިގެން ތިބި ބަޔަކާ ހަމަލާ ބަދަލުކުރުމަށް ފަހު، އެ ގައުމުގެ ކަލްމުނާއީގައި މުއްދަތެއް ނެތް ގޮތަށް ކާފިއު އިއުލާންކޮށްފިއެވެ.

ކަލްމުނާއީގެ ސައިންތަމަރުތޫ ސަރަހައްދުގައި ދެ ފަރާތުން ބަޑީގެ ހަމަލާ ބަދަލުކޮށްފައިވަނީ ޝައްކު ކުރެވޭ މީހަކު ހައްޔަރުކުރަން އުޅުމުންނެވެ. ފުލުހުންގެ ތަރުޖަމާނު ރުވާން ގުނަސޭކަރަ ވިދާޅުވީ ފުލުހުންގެ އެ ސަރަހްދުގައި އޮޕަރޭޝަންއެއް ހިންގަން ޖެހުނީ ލިބުނު މައުލޫމާތަކާއި ގުޅިގެން ކަމަށެވެ.

"އެ ސަރަހައްދަށް ފުލުހުންނާއި އެއަރ ފޯސްގެ މެމްބަރުން ދިޔުމުން އެ ގޭންގުގެ މީހުން އެއްޗެއް ގޮއްވާލީ ސީނަށް ދިޔަ މީހުންނަށް އަމާޒުކޮށް. އޮޕަރޭޝަން ހިންގީ އަސްކަރިއްޔާގެ އެހީތެރިކަމާއި އެކު" ރުވާން ވިދާޅުވިއެވެ.

ފުލުހުންނަށް ހަމަލާދިން މީހުން ތިބި ސަރަހައްދު މިހާރު ބަންދުކޮށްގެން ތަހުގީގު ކުރިޔަށްދާ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ. އަދިވެސް ފުލުހުންގެ އޮޕަރޭޝަން ކުރިޔަށް ދިޔުމާއި އެކު މި ހާދިސާގައި މަރުވި މީހުންގެ މައުލޫމާތު ދޭން ދަތިކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ލަންކާގެ ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވަނީ ފުލުހުންނަށް ހަމަލާދިން މީހުންގެ ތެރެއިން ބަޔަކު މަރާލާފައިވާ ކަމަށެވެ. މީގެ އިތުރުން ހަމަލާ ބަދަލުކުރި ސަރަހައްދުގައި ހުރި އާންމުންގެ މީހަކު މަރުވެފައިވާ ކަމަށް ވެސް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

ލަންކާގައި އާދިއްތަ ދުވަހު ދިން ހަމަލާތަކާއި ގުޅިގެން ހައްޔަރު ކޮށްފައިވާ މީހުންގެ އަދަދު 80 އަށް އަރާއިރު، ހުކުރު ދުވަހުގެ ވަގުތެއްގައި ލަންކާ ފުލުހުން ހަ ދިވެއްސަކު ވެސް ހައްޔަރުކޮށްފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ރާއްޖެއެމްވީއަށް ކަށަވަރުކޮށްދީފައެވެ.

މި ހަމަލާގައި މަރުވީ މީހުންގެ އަދަދު ކުރިން 350 އަށް ވުރެ މަތީގައި ރިޕޯޓްކޮށްފައިވީ ނަމަވެސް މިހާރު މި ހަމަލާގައި މަރުވީ މީހުންގެ އަދަދު ވަނީ 250 އަށް ދަށްކޮށްފައެވެ. މަރުވި މީހުންގެ އަދަދަށް މިހާ ބޮޑު ތަފާތެއް އައިސްފައިވަނީ އެއްބައި މީހުންގެ ހަށިގަނޑުގެ ބައިތައް ދެ މީހެއްގެ ގޮތުގައި ގުނާފައި އަދަދު ފޮނުވުމުން ކަމަށް އެ ގައުމުގެ ޑެޕިއުޓީ ޑިފެންސް މިނިސްޓަރު ރުވާން ވިޖޭވަރްދަނަ ވިދާޅުވިއެވެ.

 

- ކޮމެންޓް