ހ.އ ހޯރަފުށީގައި އަލަށްހެދި ޓަރފް ދަނޑު ޔޫތު މިނިސްޓަރު އަޙުމަދު މަޚުލޫފް ހުޅުވައިދެއްވައިފިއެވެ.
ހޯރަފުށީގައި އަލަށްހެދި ޓަރފް ދަނޑު މިނިސްޓަރު މަޚުލޫފް ހުޅުވައި ދެއްވީ ހޯރަފުށީ ދާއިރާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައެވެ.
ދަނޑު ހުޅުވުމަށްޓަކައި ހުކުރު ދުވަހު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މިނިސްޓަރު މަޚުލޫފް ވިދާޅުވީ، ސަކަރާތަކަށް ނުވަތަ މަޖަލަކަށް ކުޅިވަރު ވަސީލަތްތައް ބޭނުން ކުރުމުގެ ބަދަލުގައި ކުޅިވަރުގައި ކުރިއަށް ދިއުމުގެ މަގުސަދުގައި އެ ވަސީލަތްތަކުގެ ބޭނުން ކުރުން މުހިންމު ކަމަށާއި، އެފަދަ ވަސީލަތްތައް ޤާއިމް ކުރުމުގެ މަގުސަދަކީ ރާއްޖޭގެ އެކި ރައްރަށުގައި ތިބި ހުނަރުވެރި ކުދިން އިތުރަށް ތަމްރީނުވެ، ރަން ވަނަތަކެއް ހޯދުން ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ މޮޅު ކުޅުންތެރިންތަކެއް އުފައްދައި، ރާއްޖެއަށް ރަން ވަނަތަކެއް ހޯދުމުގައި އެންމެންގެ ބައިވެރިވުން މުހިންމު ކަމަށާއި، ކުޅިވަރުގައި ކުރިއަށް ދިއުމަށް ގަދައަޅައި މަސައްކަތް ކުރަންވާނެ ކަމަށެވެ.
ހޯރަފުށީގައި ޓަރފް ދަނޑެއް އަޅައި އެ ދަނޑު ހުޅުވިއިރު، ޗައިނާ ސަރުކާރުގެ އެހީއާއިއެކު ކުދި އަދި ބޮޑެތި ރަށްރަށުގެ ފަރަގު ނައްތާލައި 21 ރަށެއްގައި ފުޓުސަލް ދަނޑު އަޅަން ނިންމައި އެ ރަށްރަށުގައި ދަނޑުތައް އެޅުމުގެ އަމަލީ މަސައްކަތް މިހާރުވަނީ ފަށާފައެވެ.
ޗައިނާ ސަރުކާރުގެ އެހީގެ ދަށުން ފުޓުސަލް ދަނޑު އެޅުމަށް ނިންމާފައިވާ ރަށްތަކަކީ ހއ. މޮޅަދޫ، ހދ. ފިނޭ، ހދ. ހިރިމަރަދޫ، ށ. ނޫމަރާ، ނ. ހެބަނދޫ، ނ. ފޮއްދޫ، ނ. މަގޫދޫ، ރ. އަނގޮޅިތީމު، ރ. ފައިނު، ބ. ދޮންފަނު، ބ. ކިހާދޫ، ބ. ފުޅަދޫ، ބ. ފެހެންދޫ، އދ. މަންދޫ، މ. ރަތްމަންދޫ، މ. ވޭވަށް، ތ. ބުރުނި، ތ. ވަންދޫ، ލ. މުންޑޫ، ވ. ތިނަދޫގެ އިތުރުން ދ. ރިނބުދޫއެވެ.
މީގެ އިތުރުން ކުރީ ސަރުކާރުން އަޅަން ރާވައި މަސައްކަތް ނުފެށި ހުރި ދަނޑުތަކުގެ ޕްރޮޖެކްޓްތަކާ ބެހޭގޮތުން އެފްއޭއެމްއާ މަޝްވަރާކޮށް، އެކަން ވީހާވެސް އަވަހަކަށް ފެށޭތޯ މަސައްކަތްކުރައްވާނެ ކަމަށް އޭރު ޔޫތު މިނިސްޓްރީ ހިންގުމާއި ވަގުތީގޮތުން ހަވާލުވެ ހުންނެވި މިނިސްޓަރ އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ. އަދި މާފަންނު ވެލި ދަނޑުގައި އިތުރު ޓާފް ދަނޑެއް އަޅަން ފީފާއިން ދީފައިވާ ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް އެފްއޭއެމްއާ އެކު އަންނަ ހަފުތާގައި މަޝްވަރާ ކުރައްވާނެ ކަމަށް ވެސް މިނިސްޓަރގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
މިނިސްޓަރ މަހުލޫފް ހޯރަފުށީ ދާއިރާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާއަށް އަލަށް އިންތިޙާބުވެ ވަޑައިގަތް އަހުމަދު ސަލީމްވެސް ބައިވެރިވެވަޑައިގަންނަވައެވެ.
މިނިސްޓަރުގެ ދަތުރުފުޅުގައި ހޯރަފުށީ ދާއިރާގެ އުލިގަން އަދި ތުރާކުނަށް ވަޑައިގަތް އެ ރަށްރަށުގައި ގާއިމްކޮށްފައިވާ ކުޅިވަރު ވަސީލަތްތަކުގެ ހާލަތުވެސް ވަނީ ބައްލަވާލައްވާފައެވެ.