އާދިއްތަ ދުވަހު ސްރީލަންކާގެ ފައްޅިތަކާއި، ހޮޓާތަކަށް ދިން ހަމަލާގެ ޒިންމާ އެ ގައުމުގެ ސަރުކާރުން ނަގަން ޖެހޭ ކަމަށާއި، އެފަދަ ހަމަލާއެއް ދިމާވާން މެދުވެރިވީ އެގައުމުގެ އިންޓެލިޖެންސްގެ އިދާރާ ބަލިކަށިވުމުން ކަމަށް ލަންކާގެ ރައީސް މައިތިރިޕާލަ ސިރިސޭނަ ވިދާޅުވެއްޖެއެވެ.
އާދިއްތަ ދުވަހު ލަންކާ އަށް ދިން ބޮމުގެ ހަމަލާގައި 253 މީހުން މަރުވެ 500 އެތައް މީހަކު ވަނީ ޒަހަމްވެފައެވެ. ލަންކާ އަށް ޓެރަރިސްޓް ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ބޭރު ގައުމުތަކުގެ ޖާސޫސީ އިދާރާތަކުން އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ޑިފެންސް އެޖެންސީތަކުން ދެމުން ދިޔަ ކަމަށް ހެލްތް މިނިސްޓަރު ޑރ. ރަޖިތަ ވަނީ ދާދީ ފަހުން ވިދާޅުވެފައެވެ.
ހުކުރު ދުވަހު ހެނދުނު މީޑިއާއަށް މައުލޫމާތު ދެއްވަމުން ސިރިސޭނަ ވިދާޅުވީ، އިންސްޕެކްޓަރ ޖެނެރަލް އޮފް ޕޮލިސް (އައިޖީޕީ) އާ ޑިފެންސް ސެކެރެޓަރީއާ ދެ ބޭފުޅުންނަށް މަގާމުގެ މަސްއޫލިއްޔަތު އެންމެ އެކަށީގެންވާ ގޮތަށް އަދާ ކުރެވިފައިނުވާ ކަމަށެވެ. ސިރިސޭނާ ވިދާޅުވީ، އިންޓެލިޖެންސް މައުލޫމާތު ދެ ބޭފުޅުން ވެސް އެމަނިކުފާނާ ހިއްސާ ކޮށްފައިނުވާ ކަމަށެވެ. އައިޖީޕީގެ އިތުރުން ޑިފެންސް ސެކެރެޓަރީ އިސްތިއުފާ ދެއްވުމަށް ބުރާސްފަތި ދުވަހު ރައީސް ސިރިސޭނަ ވަނީ ގޮވައިލައްވާފައެވެ.
ރައީސް އޮފީހުގައި ބޭއްވި އެ ޕްރެސް ކޮންފަރެންސް ގައި ވާހަކަފުޅު ދައްކަވަމުން ސިރިސޭނަ ވިދާޅުވީ، ބޮން ގޮއްވާލުމުގައި ބައިވެރިވި ކަމުގެ ތުހުމަތު ގައި ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އައިއެސް ޖަމާއަތާއި ގުޅުން އޮންނަ 70 މީހަކު މިހާތަނަށް ހައްޔަރު ކޮށްފައިވާ ކަމަށާއި، އައިއެސް ޖަމާއަތާއި ގުޅުން އޮންނަ 130 އަށް ވުރެ ގިނަ މީހަކު ލަންކާގައި އުޅޭ ކަމަށެވެ. އެ މީހުން ހައްޔަރު ކުރުމަށް އެއްވެސް ގައުމެއްގެ ސިފައިން ލަންކާއަށް ނާރާނެ ކަމަށް ވިދާޅުވިއެވެ.
ނަމަވެސް އައިއެސްއާ ދެކޮޅަށް ކުރަމުންދާ މަސައްކަތަށް ބޭރުގެ ގައުމުތަކުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ލަންކާގެ އިންޓެލިޖެންސްގެ ބަލި ކަށިވުމުގެ ސަބަބުން ހަމަލާތައް ދީފައިވާތީ ސަރުކާރުން އެކަމުގެ ޒިންމާ ނަގަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ. ސިރިސޭނަ ވިދާޅުވީ، ހުރިހާ މުސްލިމުންނަކީ ޓެރަރިސްޓުންގެ ގޮތުގައި ބަލައިގެން ނުވާނެ ކަމަށެވެ.
ޓެރަރިސްޓް ހަމަލާ ދިން ނެޝަނަލް ތައުހިދު ޖަމާއަތާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، އެންޓީޖޭ މަނާ ކުރުވޭނެ ގޮތްތަކެއް ހޯދަމުންދާ ކަމަށެވެ. އެހެން ނަމަވެސް އެ ފަދަ ޖަމާއަތެއް މަނާ ކުރެވޭނެ ވަކި ގާނޫނެއް ސްރީލަންކާގައި ނެތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އޮސްޓްރޭލިޔާގެ ގާނޫނު ހަދާ މަޖިލީހުން ޓެރަރިޒަމާއި ދެކޮޅަށް ފާސްކޮށްފައިވާ ގާނޫނު ލަންކާގައިވެސް ޑްރާފްޓްކުރެވިއްޖެނަމަ, ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވުމަށް ފަސޭހަ ވެގެންދާނެ ކަމަށެވެ. އޮޅުން އަރާފަދަ ގޮތަށް މައުލޫމާތު ފަތުރަމުންދާތީވެ ސޯޝަލް މީޑިއާ ވަނީ ލަންކާގައި ވަގުތީ ގޮތުން ބޭނުން ކުރުން މަނާކޮށްފައެވެ.