ވަޒީފާއެއް ހޯދަން ކުރަންޖެހޭ މަސައްކަތަށް އިތުރު ފަސޭހަތަކެއް ގެނެސްދިނުމުގެ ގޮތުން ވެބްސައިޓް އަދި މޮބައިލް އެޕްލިކޭޝަން ރީޑިޒައިންކޮށް ރާއްޖޭގެ ފުރަތަމަ ޓެލެންޓްޕޫލްގެ ހިދުމަތް ޖޮބްސިކަލްއިން ތަޢާރަފް ކޮށްފިއެވެ.
ޓެކްނޯސިސްގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ސަމާހު ވިދާޅުވީ ދިވެހި ސްޓާރޓަޕް ކުންފުންޏެއް ކަމަށްވާ ޓެކްނޯސިސް އިން މީގެ 3 އަހަރު ކުރިން ފަށައިގަތް ޖޮބްސިކަލް ވެބްސައިޓަކީ ވަޒީފާ ހޯދައި އަދި އިއުލާން ކުރުމަށް އިންގިލާބީ ބަދަލުތަކެއް ގެނުވައިފައިވާ ފުރިހަމަ ވެބްސައިޓެއް ކަމަށެވެ.
އެހެންކަމުން މިވެބްސައިޓް ރީޑިޒައިންކޮށް ތަޢާރަފް ކޮށްފައިވާއިރު ރާއްޖޭގެ 1،000 އަށް ވުރެ ގިނަ ކުންފުނިން ދަނީ ޖޮބްސިކަލް ބޭނުން ކުރަމުން ކަމަށާއި ޖޮބްސިކަލްގައި 10،000 އަށް ވުރެ ގިނަ ރަޖިސްޓަރޑް ޖޮބްސީކާރސް މިވަގުތު އެބަތިބި ކަމަށް ސަމާޙް ވިދާޅުވިއެވެ.
ސަމާޙް ވިދާޅުވީ މިފަދަ ޕްލެޓްފޯމެއް ތަޢާރަފް ކުރަން ނިންމީ ނޫސްތަކުންނާއި އެކި ދިމަދިމާލުން ވަޒީފާގެ ފުރުސަތުގެ އިއުލާންތައް ހޯދަން ކުރަންޖެހޭ މަސައްކަތް މިވަނީ އީޖާދީ ހައްލެއް ހޯދައިދީ ވަޒީފާ ހޯދުމަށް ފަސޭހަތަކެއް ލިއްބައިދިނުމުގެ ގޮތުން ކަމަށެވެ.
އެގޮތުން ޖޮބްސިކަލް މޮބައިލް އެޕްލިކޭޝަން ފޯނަށް އިންސްޓޯލް ކޮށްލުމުން ވަޒީފާގެ ފުރުސަތުތައް ނޮޓިފިކޭޝަންގެ ގޮތުގައި ފޯނަށް ލިބިގެންދާނެ ކަމަށާއި އަދީ އެޕްލިކޭޝަން ތެރެއިން ޒަމާނީ ޑިޒައިނެއްގެ ސީވީ ހުށަހެޅުމާއި، ސެޓްފިކެޓް އަދި އެހެނިހެން ލިޔެކިއުންތައް ވެސް ފޯނު ބޭނުންކޮށްގެން ސްކޭން ކޮށްލުމަށް ފަހު ފޮނުވާލެވޭނެ ފަސޭހަ ގޮތްތައް ވަނީ މަގުފަހި ކޮށްދީފައެވެ.
"އެންމެ ބޮޑު އެއްފަސޭހައަކީ އެޕްލިކޭޝަންގައި ފުރިހަމަ ކޮއްލެވުނު ސީވީ ބޭނުން ކޮށްގެން ސިކުންތު ކޮޅެއްގެ ތެރޭގައި ބޭނުން ވަޒީފާއަކަށް ކުރިމަތި ލެވުން. ސީވީ ޕްރިންޓް ކޮށް އަދި ސެޓްފިކެޓްތައް ފޮޓޯކޮޕީ ހައްދާކަށް ދެން ނުޖެހޭނެ. ވަޒީފާއަށް ޝޯޓްލިސްޓް ވުމުން ނުވަތަ އިންޓަވިއު އަކަށް ހޮވުމުން ވެސް އެޕްލިކޭޝަން އިން ވަގުތުން ނޮޓިފިކޭޝަންއެއް ލިބޭނެ. މިއީ ވަރަށްވެސް ލުއިފަސޭހަ އަދި ފުރިހަމަ އީޖާދެއް" ސަމާޙް ވިދާޅުވިއެވެ.
ޖޮބްސިކަލްގައި ވަޒީފާ އިއުލާން ކުރާ ކުންފުނިތަކަށް ލިބޭ އެންމެ ބޮޑު އެއްފަސޭހައަކީ ވަޒީފާއަށް ކުރިމަތިލައިފައިވާ ހުރިހާ ފަރާތެއް އެއްތަނަކުން މެނޭޖްކޮށް، ފިލްޓަރކޮށް، ރޭންކް ކޮށްލެވުމެވެ.
ޖޮބްސިކަލްގެ ހާއްސަ އަލްގަރިދަމް އަކުން ކޮންމެ ކެންޑިޑޭޓެއް ރޭންކް ކުރެވެއެވެ. މިރޭންކިން ބިނާވެފައިވާނީ ކެންޑިޑޭޓްގެ ތަޖުރިބާއާއި ތައުލީމީ ފެންވަރުގެ މައްޗަށެވެ. މިހެންކަމުން ކޮންމެ ވަޒީފާއަކަށް ވެސް ކުރިމަތިލައިފައިވާ އެންމެ ގާބިލް ކެންޑިޑޭޓް ހޯދާލަން ފަސޭހަތަކެއް ވެގެންދާނެ ކަމަށާއި ޖޮބްސިކަލްގެ މެސެޖިންގް ސިސްޓަމް މެދުވެރިކޮށް ކެންޑިޑޭޓުންނާއި ޗެޓްކޮށް ފައިލް ޓްރަންސްފަރ ވެސް ހިއްސާކޮއްލެވޭނެ ކަމަށް ސަމާޙް ވިދާޅުވިއެވެ.
"މިސާލަކަށް ކެންޑިޑޭޓެއްގެ ސީވީގައި އިން އައިޑީކާޑު ނުސާފު ވެއްޖެ ނަމަ ޖޮބްސިކަލް މެޖެސްޖިން އިން އެކަން އަންގާލެވިދާނެ. އަދި ކެންޑިޑޭޓަށް ފޯން އެޕްލިކޭޝަން މެދުވެރިކޮށް އައިޑީކާޑު އަލުން ސްކޭން ކޮއްލުމަށް ފަހު ކުންފުންޏަށް މެސެޖް ކޮއްލެވޭނެ" ސަމާޙް ވިދާޅުވިއެވެ.
ޓެލެންޓްޕޫލް އަކީ ޖޮބްސިކަލްގައި ރެޖިސްޓަރ ވެފައިވާ ޖޮބްސީކާރސް އަދި އެކި ދާއިރާތަކުން ޕްރޮފެޝަނަލް ބޭފުޅުންގެ ޕްރޮފައިލް އަދި ސީވީ ޑާޓާބޭސް އެކެވެ. ހަމައެކަނި ވެރިފައިޑް ކުންފުނިތަކަށް އެކްސެސް ލިބޭ މިޑޭޓާބޭސް އަކީ ވަޒީފާދޭފަރާތްތަކުން އެކިދާއިރާތަކުގެ، އެކި ފަންތީގެ ކެންޑިޑޭޓުން ހޯދުމަށް ލިބޭނެ ވަރަށްބޮޑު ފަސޭހައެއް ކަމަށްވެސް ސަމާޙް ފާހަގަކުރިއެވެ.
މީގެ އިތުރުން މޯލްޑިވްސް އެސޯސިއޭޝަން ފޯ އެޗްއާރު ޕްރޮފެޝަނަލްސް (މާރޕް) އާއި ގުޅިގެން ޖޮބްސިކަލްއިން އަންނަނީ އެކި ހަރަކާތްތަކުގައި ބައިވެރިވަމުން ކަމަށާއި މިއަހަރުގެ ތެރޭގައި ޖޮބްސިކަލްގެ ފަރާތުން ވަޒީފާ ހޯދާފަރާތްތަކަށް ހިލޭ ޓްރެއިނިންގް ސެޝަންއަދި ކެރިއަރ ގައިޑެންސްގެ ހިދުމަތް ފެއްޓުމަށް ވަނީ ހަމަޖެހިފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.