އިންގްލިޝް ޕްރިމިއާ ލީގުގައި ބުދަ ދުވަހު ކުޅުނު މެޗުން ބަލިވެ، ލީގުގެ ގަދަ ހަތަރަކަށް އެރުމަށް އާސެނަލްއަށް ދަތިތަކަކާއި ކުރިމަތިލާންޖެހިއްޖެއެވެ.
އާސެނަލް މެޗުން ބަލިވީ ވޮލްވަރހެމްޓްޓަން ވޮންޑާރަސްއާއި ވާދަކޮށް 1-3 ގެ ނަތީޖާއަކުންނެވެ.
ވޮލްވަރހެމްޓަންގެ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން އާސެނަލްގެ ފަހަތަށް ބާރުބޮޑުކޮށް ވޮލްވަރހެމްޓްޓަންއިން ވަނީ ރަނގަޅު ހަމަލާތަކެއް އުފައްދާފައެވެ. އެ ގޮތުން މެޗުގެ ފުރަތަަމަ ލަނޑު ކާމިޔާބުކޮށް ލީޑް ނެގީވެސް އެ ޓިމުންނެވެ.
ވޮލްވަރހެމްޓަންގެ ފުރަތަމަ ލަނޑު މެޗުގެ 38 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ ރުބެން ނެވެސްއެވެ. މި ލަނޑަށް ފަހުގައި ވެސް އެ ޓީމުން ވަނީ ރަނގަޅު ހަމަލާތަކެއް އުފައްދާފައެވެ.
މި ހާފްގައި އާސެނަލްއަށް މާއެދެވޭ ކުޅުމެއް ނުދެއްކުނުއިރު ވޮލްވަރހެމްޓަންއިން ފުލުފުލުގައި އާސެނަލްގެ ގޯލާއި އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލުގެ ނަތީޖާއަކަށްވީ މެޗުގެ 37 ވަނަ މިނެޓުގައި ވޮލްވަރހެމްޓަންގެ ޖޮނީ ކެސްޓްރޯގެ އެހީތެރިކަމާއެކު މެޓް ޑޮހާރޓީ އެ ޓީމަށް ލީޑް އިތުރަށް ފުޅާ ކޮށްދިނުމެވެ.
މެޗުގައި ވޮލްވަރހެމްޓަންގެ ފަރާތުން ފެނިގެންދިޔަ ތިން ލަނޑުވެސް ކާމިޔާބުކޮށްފައިވަނީ މެޗުގެ ފުރަތަމަ ހާފްގައެވެ. އެގޮތުން ފުރަތަމަ ހާފްގެ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތިން މިނެޓުތެރޭގައި ވޮލްވަރހެމްޓަންގެ ތިންވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑިއޭގޯ ޖޯޓާއެވެ.
މެޗުގެ ފުރަތަމަ ހާފް ނިމުނީ 0-3 ގެ ނަތީޖާއަކުން ވޮލްވަރހެމްޓަން ލީޑްގައި އޮވެގެންނެވެ.
ދެވަނަ ހާފް ފެށިގެން އާސެނަލްއިން ކުޅުން ރަނގަޅުކޮށް ނަތީޖާގެ ފަރަގު ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރިއެވެ. އެހެން ނަމަވެސް ވޮލްވަރހެމްޓަންގެ ޑިފެންޑަރުންވަނީ އާސެނަލްގެ ހަމަލާތައް ދިފާއުކޮށްފައެވެ.
އާސެނަލްއަށް އެ ޓީމުގެ ހަމައެކަނި ލަނޑު މެޗުގެ 80 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ގްރަނިތު ޖާކާގެ އެހީތެރިކަމާއެކު ސޮކަރާޓިސް ޕަޕާސްތަތޯޕީލަސްއެވެ.
މި ނަތީޖާއާއިއެކު އާސެނަލް އޮތީ ލީގު ތާވަލުގެ ފަސްވަނާގައި ކުޅުނު 35 މެޗުން ހޯދި 66 ޕޮއިންޓާއެކުއެވެ. މެޗުން މޮޅުވި ވޮލްވަރހެމްޓަން ތާޥަލުގެ ހަތްވަނާގައި އޮތީ 35 މެޗުން ހޯދި 64 ޕޮއިންޓާއެކުއެވެ.