އުތުރު ކޮރެއާގެ ރައީސް ކިމް ޖޮން އުންއާއިއެކު ބާއްވަވާ ފުރަތަމަ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވާ ވްލާޑިވޮސްޓޯކްއަށް ރަޝިއާގެ ރައީސް ވްލާޑިމިއަރ ޕޫޓިން ވަޑައިގެންފިއެވެ.
އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ވަނީ ދެ ގައުމެއްގެ ސަރަހައްދީ ރޮނގު ހުރަސްކުރެއްވުމަށްފަހު ބުދަ ދުވަހު ރޭލުގައި ވަޑައިގެންފައެވެ.
ސަމިޓް ކުރިޔަށް ގެންދާނީ ރަޝިއާގެ އިރުމަތީގައި އޮންނަ ޕޯޓް ސިޓީއެއް ކަމަށްވާ ވްލާޑިވޮސްޓޯކް ކައިރީ އޮންނަ ރަސްކީ އައިލެންޑްގައެވެ.
ރަޝިއާއިން ބުނެފައިވަނީ ކޮރެއަން ޕެނިންސިއުލާގެ ނިއުކްލިއަރ މައްސަލާގައި މަޝްވަރާކުރާނެ ކަމަށެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާއެކު ކިމް ކުރިޔަށް ގެންދެވި މަޝްވަރާތައް ފެއިލްވެފައިވާއިރު ރަޝީއާގެ އެހީތެރިކަމަށް ކިމް ބައްލަވަމުން ގެންދަވާކަމަށްވެއެވެ.
ރައީސް ޓްރަމްޕްއާއި ކިމްވަނީ ނިއުކްލިއަރ ޕްރޮގްރާމްގެ މައްސަލައިގައި މަޝްވަރާކުރުމަށް މި އަހަރުގެ ކުރީކޮޅު ވިއެޓްނާމްގެ ހެނޯއީގައި ބައްދަލުކުރައްވާފައެވެ. ނަމަވެސް ދެ ބޭފުޅުންގެ ދެވަނަ ބައްދަލުވުމުގެ ގޮތުގައި ބޭއްވި އެ ބައްދަލުވުން ނިމުނީ އެއްބަސްވުމަކަށް ނުދެވިއެވެ.