ސްޕެނިޝް ލަލީގާގައި އަންގާރަ ދުވަހު ކުޅުނު މެޗު ކާމިޔާބުކޮށް ތާވަލުގެ އެއްވަނައިގައި 12 ޕޮއިންޓްގެ ލީޑަކާއިއެކު ހަމަޖެހިލައިފިއެވެ.
ބާސެލޯނާ މެޗު ކާމިޔާބުކުރީ ޑެޕޯރޓީވޯ އަލާވެސްއާއި ވާދަކޮށް 0-2 ގެ ނަތީޖާއަކުންނެވެ.
ޑެޕޯރޓީވޯ އަލާވެސްގެ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ފުރަތަމަ ހާފްގައި ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މި ހާފްގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމަށްވެސް ލިބި ވަނީ ބޭކާރުވެފައެވެ.
މެޗުގެ ފުރަތަމަ ހާފްގައި ބާސެލޯނާއިން ވަނީ އަލާވެސްގެ ފަހަތަށް ބާރު ބޮޑުކޮށް ރަނގަޅު ހަމަލާތަކެއް އުފައްދާފައެވެ. އެހެން ނަމަވެސް ބާސެލޯނާގެ ހަމަލާތަށް އަލާވެސްގެ ކީޕަރު ވަނީ ދިފާއު ކޮށްފައެވެ.
ފުރަތަމަ ހާފް ނިމުނީ 0-0 ގެ ނަތީޖާއަކުން ދެ ޓީމް އެއްވަރު ވެގެންނެވެ.
ދެވަނަ ހާފް ފެށިގެން ބާސެލޯނާގެ ކުޅުން ރަނގަޅުކޮށް ގިނަވަގުތު ބޯޅަ ކޮންޓްރޯލްކޮށްގެން ކުޅެފައިވަނީ އެ ޓީމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 53 ވަނަ މިނެޓުގައި ސާޖިއޯ ރޮބާޓޯގެ އެހީތެރި ކަމާއެކު ކާރލެސް އަލޭނާ ވަނީ ބާސާއަށް ލީޑް ނަގައިދީފައެވެ.
މެޗުގެ 60 ވަނަ މިނެޓުގައި ބާސެލޯނާގެ ދެވަނަ ލަނޑު ލިބުނު ޕެނަލްޓީއަކުން އެ ޓީމަށް ކާމިޔާބުކޮށްދިނީ ލުއިސް ސުއަރެޒްއެވެ. ގޯލް ކުރިމަތިން އަލާވެސްގެ ތޯމަސް ޕީނާގެ އަތުގައި ބޯޅައިން ޖެހުމުން، ރެފްރީ ބާސެލޯނާއަށް ޕެނަލްޓީ ދިނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ބެލުމަށް ފަހުގައެވެ.
މި މޮޅާއެކު ބާސެލޯނާ ތާވަލުގެ އެއްވަނާގައި އޮތީ ކުޅުނު 34 މެޗުން ހޯދި 80 ޕޮއިންޓާއެކުއެވެ. ދެވަނާގައި އެތުލެޓިކޯ މެޑްރިޑް 33 މެޗުން ހޯދި 68 ޕޮއިންޓާއެކު އޮތްއިރު ރެއަލްމެޑްރިޑް އޮތީ ތާވަލުގެ ތިންވަނާގައި 33 މެޗުން ހޯދި 64 ޕޮއިންޓާއެކުއެވެ. މެޗުން ބަލިވި ޑެޕޯރޓީވޯ އަލްވެސް ކުޅުނު 34 މެޗުން ހޯދި 46 ޕޮއިންޓާއެކު އޮތީ ތާވަލުގެ އަށްވަނާގައެވެ.